އިނގިރޭސިވިލާތުގެ ދެކުނު ވޭލްސްގެ އައްސޭރިފަށުގެ ކުޑަ ރަށެއް ކަމަށްވާ ބޯތުކޯލްގެ ހިމޭން ގެއެއްގެ ތެރޭގައި، ހުރި ބޮޑު ފްރީޒަރަކީ ހަމައެކަނި ގޭތެރޭގެ ފަރުނީޗަރުގެ ތެރޭގައި ހިމެނޭ އާދައިގެ އެއްޗެއް ނޫނެވެ. އެ ފްރީޒަރުގެ މަތީގައި ތާޒާ މާބޮނޑިތައް ބެހެއްޓެއެވެ. ކޮންމެ ވެސް ވަރެއްގެ އިހުތިރާމެއް އަދާ ކުރުމުގެ ގޮތުންނެވެ.
ކްރިސްޓޯފަރ ފިލިޕްސް، 60އ، ކޮންމެ ދުވަހަކުވެސް އެ ފްރީޒަރުގެ ކައިރީގައި އިށީނދެގެން އިނދެ، ޓީވީ ޕްރޮގްރާމްތައް ބަލައި އޭގައި ވާކަންކަން ބާރަށް ކިޔައި އަސްރޭހުގެ ޚަބަރުތަކާ މެދު ވާހަކަދައްކައި ހަދައެވެ. އޭނާގެ ބޭނުނަމީ އޭނާގެ މަންމަ ސިލްވިއާ އަށް އެވާހަކަތައް އިއްވުމެވެ. ނަމަވެސް އެ ފްރީޒަރުގެ ފިނިކަމުގެ ތެރޭގައި، 89 އަހަރުގެ ސިލްވިއާ އޮތީ ގަނޑުވެފައެވެ. އެ މައްޔިތާ ވަޅުނުލައި އޮތްކަން އެނގެނީ ދަރިފުޅު ކްރިސްޓޯފަރ ފިލިޕްސް،އަށް އެކަންޏެވެ.
މިއީ ހަމައެކަނި އަސަރުގަދަ ވާހަކަ އެއް ނޫނެވެ. ނުވަތަ ނަފްސާނީ އަނދިރި ދުނިޔެއެއްގެ ވާހަކައެއް ނޫނެވެ. މިއީ ތިން އަހަރު ދުވަހަށް ދެމިގެންދިޔަ، ދައުލަތުގެ ނިޒާމުތަކަށް އޮޅުވާލައިގެން އެ ސޮރު ހިންގި ބޮޑު ޖަރީމާއެކެވެ.
2023 ވަނަ އަހަރުގެ މާރިޗު މަހު ސިލްވިއާ މަރުވުމާއެކު، ކްރިސްޓޯފަރ ނިންމީ މަންމަގެ މަރުގެ ޚަބަރު ކަމާބެހޭ ފަރާތްތަކަށް ސިއްރުކުރުމަށެވެ.
މަރުވިތާ ދެ ދުވަސް ތެރޭގައި މަންމަގެ ގަބުރު ފްރީޒަރަށް ލައި ގަނޑުކޮށްލިއެވެ. މުޅި ދުނިޔެއަށް އޭނާ ދެއްކީ މަންމަ ސިލްވިއާ ދިރިހުރި ކަމުގެ ދޮގު ސޫރައެކެވެ.
މި ސިއްރުގެ ފަހަތުގައިވީ އެންމެ ބޮޑު އެއް މަޤްޞަދަކީ މަންމައަށް ދައުލަތުން ލިބެމުންދިޔަ ޕެންޝަނާއި އެހެނިހެން މާލީ އެހީތައް ނާޖާއިޒު ގޮތުގައި ލިބިގަތުމެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ 78,190.92 ސްޓާލިންގ ޕައުންޑް އަމިއްލަ އެކައުންޓަށް ޖަމާކޮށް، ބޭނުންކޮށްފައެވެ.
މި ބިރުވެރި ސިއްރު ފަޅާއެރީ ސިލްވިއާގެ ޑޮކްޓަރުންނަށެވެ. އޭނާގެ ޚަބަރެއް ނުވެގެން، ޙާލު ބަލައިލުމަށް ފުލުހުންގެ އެހީތެރިކަމަށް ޑޮކްޓަރުން އެދުމުންނެވެ.
ފުލުހުން އެ ގެއަށް ވަނުމުން ކްރިސްޓޯފަރ ބުނީ މަންމަވީ ލަންޑަނަށް ދަތުރު ގޮސްފައި ކަމަށެވެ. ނަމަވެސް ގޭތެރޭގެ ޝައްކުކުރެވޭ މާހައުލާއި، ފްރީޒަރު މަތީގައި ހުރި މާބޮނޑިތަކުން ފުލުހުންގެ ސަމާލުކަން ހޯދިއެވެ.
ފްރީޒަރު ހުޅުވާލި ހިނދު ފެނުނީ ފޮތިގަނޑަކުން ނިވާ ކޮށްފައިވާ ސިލްވިއާގެ ހަށިގަނޑެވެ. އޭގެ ކައިރީގައި މާބޮނޑިތަކުގެ އިތުރުން "އަންމައަށް، ކްރިސްޓޯފަރ އާއި ޓީނާ (އާއިލީ ކުއްތާ)ގެ ފަރާތުން" ގެ ނަމުގައި ލިޔެފައިވާ އުފަންދުވަހުގެ ކާޑެއް ވެސް އޮތެވެ.
ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގައި ކްރިސްޓޯފަރގެ ޤާނޫނީ ވަކީލު ބުނީ، އެ ސޮރަކީ މަންމަ ދެކެ އިންތިހާއަށް ލޯބިވި މީހެއ ްކަމަށެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން މަންމަ ލޯބިން ބެލެހެއްޓި ދަރިއެއް ކަމަށެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެމުން ކްރިސްޓޯފަރ ބުނެފައިވަނީ، "މަންމަ އަހަރެންނާ ވަކިވެގެންދާކަށް އަހަރެން ބޭނުމެއް ނުވި" ކަމަށެވެ.
ނަމަވެސް ޤާނޫނީ އިމުގެ ތެރެއިން މައްޔިތާއަށް ދޭންޖެހޭ ޙައްޤު ކަރާމާތް މައްޔިތާއަށް ދިނުމަށް ހުރަސްއެޅުމާއި، ދައުލަތާއި ބޭންކުތަކަށް އޮޅުވާލައިގެން ހިންގި ޖަރީމާއެއް ކަމަށް ދައުވާ ކުރާ ފަރާތުން ބުނެއެވެ.
މައްސަލަ ބެލުމަށްފަހު ޤާޟީ ވަނީ ކްރިސްޓޯފަރ ފިލިޕްސް 2 އަހަރާއި 4 މަސްދުވަހަށް ޖަލަށް ފޮނުވަން ހުކުމްކޮށްފައެވެ.






