ކެންސަރާ ދެކޮޅަށް އައު ބޭހެއް އީޖާދުކޮށްފި

"ސީ.އެސް.18″ ގެ ނަމުން ނަންދީފައިވާ މި އައު ބޭހަކީ ކެންސަރުގެ ސެލްތަކުން ފަރުވާއަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގެ ޤާބިލުކަން ލިބިފައިވާ ބޭހެކެވެ. ނަމަވެސް، މިއީ އަދި އިންސާނުންނަށް ބޭނުންކުރުމަށް ރައްކާތެރި އަދި ފައިދާހުރި ބޭހެއްކަން މުޅިން ކަށަވަރުވެފައިނުވާ ކަމަށް ދިރާސާވެރިން ބުނެއެވެ.

ކެންސަރުގެ އެކި ބާވަތްތަކުގެ ސެލްތަކުން ފަރުވާއަށް ބޯނުލަނބައި ނުވަތަ ފަރުވާއަށް ދޭ ބޭހަށް ނުގުޑާ މައްސަލައަށް ޙައްލެއް ހޯދުމުގެ މަޤުޞަދުގައި، އެމެރިކާގެ ބޭލަރ ކޮލެޖް އޮފް މެޑަސިންގެ ދިރާސާވެރިން ވަނީ އައު ބޭހެއް އުފައްދާފައެވެ. "ސީ.އެސް.18″ ގެ ނަމުން ނަންދީފައިވާ މި ބޭހަކީ ޖަނަވާރުންނަށް ކުރި ތަޖުރިބާތަކުގައި ޓިއުމަރުގެ އުފެދުންތައް ކުޑަކޮށްދީ، މިހާރު ބޭނުންކުރަމުންދާ ކެންސަރުގެ ބޭސްތަކުގެ ބާރުގަދަކޮށްދޭ ބޭހެކެވެ.

ސައިންސް އެޑްވާންސަސް ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގެ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

ފަރުވާއަށް ގުޑާ ނުލުން ހުއްޓުވުން

ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވެފައި އޮންނަނީ ބޭހުގެ ސަބަބުން ވަގުތީ ގޮތުން ކެންސަރުގެ އަސަރު ކުޑަވި ނަމަވެސް، ފަހުން ކެންސަރުގެ ސެލްތަކުން އެހެން މަގުތައް ޚިޔާރުކޮށްގެން ދިރި ބަލި ފެތުރިގެން ދިއުމެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށް ދިރާސާވެރިން ވަނީ ކެންސަރުގެ ސެލްތަކުގެ އުފެދުމާއި، ބައިބައިވުމާއި، އަދި ގެއްލުންތައް ރަނގަޅުކުރުމުގައި ބައިވެރިވާ ޕްރޮޓީނެއް ކަމަށްވާ "ޓޮޕްބީ.ޕީ.1″ އަށް އަމާޒުކޮށްގެން މި ބޭސް ތަރައްޤީކޮށްފައެވެ.

މި ބޭހުގެ ސަބަބުން ކެންސަރުގެ ސެލްތައް ބާރުވެރިކުރުވާ ބައެއް ޕްރޮޓީނުތައް ކަމަށްވާ މިސާލަކަށް އެމްވައިސީ އަދި ޕީ53 ފަދަ ނުރައްކާތެރި ސިފަތައް ނައްތައިލައި، ހަށިގަނޑުގައި ކެންސަރުގެ ސެލްތައް އާލާވެ އިތުރުވުން ހުއްޓުވަން އެހީތެރިވެދޭ ޖީންތަކުގެ ހަރަކާތްތައް އިތުރުކޮށްދެއެވެ.

ތަޖުރިބާތަކުން ލިބުނު ނަތީޖާ

  • އެކި ބާވަތްތަކުގެ ކެންސަރަށް ފަރުވާ: ފުރަ މޭގެ ކެންސަރާއި، ބިސްރަވައިގެ އޯވަރީގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރުގެ ބާވަތްތަކާއި، ލޭގެ ކެންސަރުގެ ބައެއް ސެލްތަކަށް މި ބޭސް ވަނީ ޓެސްޓުކޮށް ފައެވެ.

  • އޮސިމެޓިނިބް އާ އެކު: ފުއްޕާމޭގެ ކެންސަރަށް ބޭނުންކުރާ "އޮސިމެޓިނިބް" އަށް ބައެއް ޓިއުމަރުތައް ނުގުޑާތީ "ސީ.އެސް.18″ ބޭހާއެކު އޮސިމެޓިނިބް ބޭނުންކުރުމުން އަލުން އެ ސެލްތައް ބޭހަށް ގުޑާގޮތް ވެފައިވެއެވެ.

  • ޖަނަވާރުންގެ ތަޖުރިބާ: ޖަނަވާރުންނަށް ޓެސްޓްކޮށް ދީފައިވާ މި "ސީ.އެސް.18″ ބޭހުގެ ސަބަބުން، ހަށިގަނޑުގެ ބަރުދަނަށް ބޮޑުވެގެންވާ ނޭދެވޭ އަސަރެއް ނުކޮށް، އަދި ބޮޑު ވިހަކަމެއް ނުދައްކައި ޓިއުމަރުގެ ބޮޑުވުން ދަށްކޮށްދީފައިވެއެވެ.

ކުރިއަށް ހުރި ގޮންޖެހުންތައް

މި ދިރާސާ ކާމިޔާބު ނަމަވެސް، މިއީ އަދި ހަމައެކަނި ލެބޯޓްރީގައި ސެލްތަކަށާއި ޖަނަވާރުންނަށް ކޮށްފައިވާ ތަޖުރިބާތަކެކެވެ. އިންސާނުންގެ ހަށިގަނޑުގައި މި ބޭސް މަސައްކަތްކުރާނެގޮތާއި، އިންސާނުންނަށް ދޭން ޖެހޭ މިންވަރު އަދި އޭގެ ސައިޑް އިފެކްޓްތައް ދެނެގަތުމަށްޓަކައި އަދި ގިނަ ޓެސްޓްތައް ކުރިއަށްގެންދަންޖެހޭނެ ކަމަށް ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ. ތަރުޖަމާއެއް

ހިއްސާ ކުރައްވާ!