ރަޝިއާގެ ފުރަތަމަ ކެންސަރު ވެކްސިން: މިއަހަރުގެ ނިޔަލަށް 20 ބަލިމީހުންނަށް ދިނުމަށް ތައްޔާރުވެއްޖެ

ރަޝިއާއިން އުފެއްދި ހަމުގެ ކެންސަރަށް ފަރުވާދޭ ފުރަތަމަ ވެކްސިން، މިއަހަރުގެ ނިޔަލަށް 20 ބަލިމީހުންނަށް ދިނުމަށް ރޭވިފައިވާ ކަމަށް ގަމަލެޔާ ނޭޝަނަލް ރިސާޗް ސެންޓަރުގެ ސައިންޓިފިކް ޑިރެކްޓަރު އަދި ރަޝިއަން އެކަޑަމީ އޮފް ސައިންސަސްގެ އެކަޑެމީޝިއަން އެލެގްޒެންޑަރ ގިންޓްސްބާގް ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ގިންޓްސްބާގް ވިދާޅުވީ، ކޮންމެ ބަލިމީހެއްގެ ބަލީގެ ހާލަތަށް ޚާއްސަކޮށްގެން ތައްޔާރުކުރާ މި އެމްއާރްއެންއޭ ވެކްސިން މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 20 ބަލިމީހަކަށް ދިނުމުގެ އަމާޒު ހިފާފައިވާ ކަމަށެވެ.

ރަޝިއާގެ ހެލްތު މިނިސްޓްރީގެ ނޭޝަނަލް މެޑިކަލް ރިސާޗް ސެންޓަރު އޮފް ރޭޑިއޮލޮޖީއާއި ގަމަލެޔާ ސެންޓަރު ގުޅިގެން ތަރައްގީކުރި "ނިއޯއޮންކޯވެކް" ނަމަކަށްދެވިފައިވާ މި ވެކްސިން، ކްލިނިކަލް އުސޫލުން ހަމުގެ ކެންސަރު މެލަނޯމާ ޖެހިފައިވާ ބަލިމީހަކަށް ފުރަތަމަ ފަހަރަށް ދީފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި ފަރުވާއަކީ ބަލިމީހާގެ ހަށިގަނޑުގައިވާ ކެންސަރު ސެލްތަކުގެ ޖެނެޓިކް މައުލޫމާތަށް ބަލައިގެން، އިންސާނާގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ސީދާ ކެންސަރު ސެލްތަކަށް ހަމަލާދީ ނައްތާލުމަށް އުފައްދާފައިވާ އީޖާދީ ފަރުވާއެކެވެ.

ހިއްސާ ކުރައްވާ!