ވޮޝިންގޓަނުން ކިއުބާއަށް ދެމުންދާ އިންޒާރުތައް ވަގުތުން ހުއްޓާލަންޖެހޭ: ޗައިނާ

އެމެރިކާއިން ކިއުބާއާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެކަމަށް ދެމުންދާ އިންޒާރުތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

"ކިއުބާއާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެކަމަށް ދެމުންދާ އިންޒާރުތައް އެމެރިކާއިން ވަގުތުން ހުއްޓާލަންޖެހޭ. އަދި ކިއުބާއާ ދެކޮޅަށް އަޅާފައިވާ އެއްފަރާތްފުރާ އަދަބުތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން މާއޯ ވިދާޅުވިއެވެ.

ޗައިނާގެ މި ޑިޕްލޮމޭޓް އިތުރަށް ވިދާޅުވި ގޮތުގައި، ކިއުބާގެ ގައުމީ ސިއާދަތު ހިމާޔަތްކުރުމަށާއި ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ޗައިނާއިން ސާބިތުކަމާއެކު އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެއެވެ.

ފާއިތުވި މަސްތަކުގައި ވޮޝިންގޓަނުން ވަނީ ކިއުބާއަށް ދެމުންދާ ސެންކްޝަންސްގެ ޕްރެޝަރު އިތުރުކޮށް، އެގައުމަށް ކުރިމަތިވެފައިވާ މާލީ އަދި އިޖުތިމާއީ އިގުތިޞާދީ މައްސަލަ އިތުރަށް ގޯސްކޮށްފައެވެ. ޖެނުއަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެކްސް ނެގުމަށް ހުއްދަދޭ އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. އަދި ކިއުބާއިން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާކުރާ ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާންކޮށްފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ކިއުބާއަށް ދިމާވެފައިވާ ތެލުގެ ދަތިކަން އިތުރަށް ބޮޑުވެ، ކަރަންޓު އުފެއްދުމަށާއި، ދަތުރުފަތުރަށާއި، ކާބޯތަކެތި އުފެއްދުމަށާއި، ސިއްހީ ޚިދުމަތްތަކުގެ އިތުރުން ތައުލީމީ ދާއިރާއަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ހިއްސާ ކުރައްވާ!