ރަސްގެފާނު މުޙައްމަދު VI "ހަމަޖެހުމަށް" ތައުރީފުކުރެއްވި ނަމަވެސް، އެތައް ހާސް ރައްޔިތުންނެއް ސްޕެއިންގެ ބޯޑަރަށް ވަދެގަނެ، ގިނަ ބަޔަކު މަރުވެއްޖެ
ރަބާތު، މޮރޮކޯ —
މޮރޮކޯގެ ރަސްގެފާނު އަމީރުލްމުއުމިނީން މުޙައްމަދު 6 ވަނަ އެގައުމުގެ ތަޚުތުގެ ދުވަހުގެ ޚިޠާބުލްޢަރުޝިގެ ޚާއްސަ ތަގުރީރުގައި މޮރޮކޯގެ ސަލާމަތީ ކަންކަމަށާއި، މުއައްސަސާތަކުގެ ވަރުގަދަކަމަށް އަދި ތަރައްޤީގެ މަޝްރޫއުތަކަށް ތައުރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން ގެންދެވި ވަގުތު، އެ ރަސްކަމުގެ ދަށުގައި ތިބި އެތައް ހާސް ޒުވާނުންނެއް ދިޔައީ ފުރާނައަށް ނުބަލައި އެގައުމުން ފިލަން މަސައްކަތް ކުރަމުންނެވެ.
ވަޒީފާނެތުމާއި، ފުރުސަތުތައް ހަނިވުމާއި، މާޔޫސްކަމުގެ ސަބަބުން ކުރިމަތިވި މި ހާދިސާގެ ނަތީޖާއަކަށްވީ، ވިލާތުގެ އިއްތިހާދުގެ ބޯޑަރަކަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ބޮޑު ހިޖުރަވެރި ޠޫފާން ސްޕެއިންގެ ސަބްތާއަސް ލައިގަތުމެވެ.
ރަސްގެފާނު ތަޚުތުގައި އިންނެވިތާ ގާތްގަނޑަކަށް 30 އަހަރު ފުރުން ފާހަގަކުރި ދުވަހު، އާބާދީގައި 83،000 ހުންނަ ސަބުތާއަށް އެއްގަމާއި ކަނޑުމަގުން ގާތްގަނޑަކަށް 50،000 އާއި 60،000 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ ވަދެގަނެފައެވެ. އޭގެ ތެރޭގައި ގިނައީ ވަޒީފާ ހޯދަން އުޅުނު އާންމު ޒުވާނުންނެވެ. އަދި އާއިލާތަކާއި ކުޑަކުދިންވެސް ހިމެނެއެވެ.
ސްޕެއިންގެ ކަމާބެހޭ އިދާރާތަކުން މިކަން ސިފަކުރީ އެގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ. ސަބްތާގެ މަގުތަކާއި، އަތިރިމައްޗާއި، މައިޒާންތައް އެއްރޭ ތެރޭގައި އާބާދީ އެއްވަރަކަށް ބޭރު މީހުން ވަދެ ފުރުމުން ސްޕެއިންގެ ސިފައިން ވަނީ ނެރެފައެވެ. އަދި މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަވަހަށް ފެށި ނަމަވެސް، ލިބުނު އިންސާނީ އަދި ސިޔާސީ ގެއްލުން ވަރަށް ބޮޑެވެ.
ރަސްގެފާނުގެ ތަގުރީރުގައި މުހިންމުކަން ދެއްވީ ސަރަހައްދީ ހަލަބޮލިކަމުގެ ތެރޭގައި މޮރޮކޯގައި އޮތް ހަމަޖެހުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ހިންގާ ޕްރޮގްރާމްތަކަށެވެ. ނަމަވެސް ފްނިޑެކް އާއި ތަރާޖާލް ސަރަހައްދުން ފެނުނު މަންޒަރުތަކުން ފެނުނީ މުޅިން ތަފާތު ވާހަކައެކެވެ.
ބޯޑަރުން ހުޅުވިފައިވާ ކޮންމެ ތަނަކުން ވަންނަން މަސައްކަތްކުރި މީހުންގެ ތެރެއިން ބަޔަކު ކަނޑު ތޮށިވަށައިގެން ފީނައިގެން ސަބްތާއަށް ވަދެފައެވެ. އެހެން ބަޔަކު ވަނީ ފެންސްތައް ހަލާކުކޮށްލައިގެން ވަދެފައެވެ. މޮރޮކޯގެ ސެކިއުރިޓީ ބާރުތަކުން ފަހުން ވަނީ ފެނަބައްޑާ ބޭނުންކޮށްގެން ހިޖުރަވެރިން ކޮންޓްރޯލު ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި މިކަމުގެ އިލްޒާމް އިންސާނީ ވަގުފާރީގެ ބޮލުގައި އަޅުވާފައި ވެއެވެ.
ވަގަށް ސްޕެއިން އަށް 60 ހާސް މީހުން ވަންކަމަށް ވެއެވެ. އެއިން 37500 މީހުން ހޯދައިގެން އަނބުރާ ފޮނުވާފައި ވެއެވެ.
ޔޫރަޕްގެ ގައުމުތަކުން ދަނީ ޝެންގެންގެ ވިސާ ނިޒާމުން ސްޕެއިން ބޭރު ކުރުމަށް ގޮވާލަމުންނެވެ.
ޚަބަރުރައް ބުނާ ގޮތުން މޮރޮކޯ މީހުން ސަބްތާއަށް ވަދެފައި ވަނީ ސަރަހައްދު ކައިރިއަށް މޮރޮކޯގެ ސިފައިން އެމީޙުން ގެނަސް ދިނުމުންނެވެ. އަދި އެކަމަށް ބާރުދޭ ވީޑިއޯތައްވެސް މީސްމީޑިގައި އަނބުރާފައި ވެއެވެ. އަދި މިކަން ހިންގާފައި ވަނީ ސްޕެއިންއަށް ބޮނޑިއެއް ދިނުމުގެ ގޮތުން މޮރޮކޯ މެދުވެރިކޮށް އެމެރިކާއާއި އިސްރާއީލު އަޑީގައި އޮވެގެން ކަމަށްވެސް ބުނެއެވެ.

