ރަޝިޔާގެ ތެޔޮ ގަންނަ ގައުމުތަކުން ބޮޑުކޮށް ޓެރިފް ނެގުމަށް ފާސްކޮށްފި

ރަޝިޔާގެ ތެލާއި ގޭސް ގަންނަ އެންމެ ބޮޑެތި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް އެމެރިކާގެ ސެނެޓުން ބިލެއް ފާސްކޮށްފިއެވެ.

މި ބިލަށް ސެނެޓުގައި ނެގުނު ވޯޓުގައި 86 ސެނެޓަރުން ވަނީ ބިލާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ. ދެޕާޓީގެ ސެނެޓަރުންގެ ތާއީދާއެކު ފާސްކުރި މި ބިލަކީ މި ފަހުން މަރުވި ސެނެޓަރު ގްރޭހަމްގެ ނަމުން ނަންދެވިފައިވާ ބިލެކެވެ. މިއީ އޭނާ ތައާރްފް ކުރި ބިލެކެވެ. ފާސް ކުރުމުގެ ކުރިން އެސޮރު ވަނީ މަރުވެފައެވެ.

މި ބިލުގެ ދަށުން، ރަޝިޔާއިން އެންމެ ގިނައިން ތެލާއި ގޭސް ގަންނަ ގައުމުތައް ކަމަށްވާ ޗައިނާ އަދި އިންޑިއާ ފަދަ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 އިންސައްތައާ ހަމައަށް ޓެރިފް ނެގުމުގެ ބާރު އެމެރިކާގެ ރައީސް ޓްރަމްޕަށް ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް، ރަޝިޔާއިން އެތެރެކުރާ ގޭހުގެ މިންވަރު 15 އިންސައްތައަށްވުރެ މަދު އަދި އެ މިންވަރު ދަށްކުރުމަށް މަސައްކަތްކުރާ ގައުމުތައް މި ޓެރިފުން އިސްތިސްނާވާނެއެވެ. މިއީ ޔޫރަޕް އިސްތިސްނާ ކުރުމަށް ހަދާފައިވާ މަކަރެކެވެ.

މި ބިލުގައި ހިމެނޭ މުހިންމު ކަންކަން:

  • ރަޝިޔާއަށް ދަތިކުރުން: ރަޝިޔާގެ އޮފިޝަލުންނާއި، މުއްސަނދި ވިޔަފާރިވެރިން އަދި މާލީ އިދާރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން.
  • ޝެޑޯ ފްލީޓް: ރަޝިޔާގެ ތެޔޮ ސިއްރުން އެކްސްޕޯޓްކުރުމަށް ބޭނުންކުރާ "ޝެޑޯ ފްލީޓް" ސިއްރު އުޅަނދުފަހަރަށް ފިޔަވަޅު އެޅުން.
  • އީރާނާ ދެކޮޅު ފިޔަވަޅު: އީރާނުގެ ހަކަތައާއި ހަތިޔާރުގެ ދާއިރާއަށް ލިބޭ މާލީ އެހީތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ފުޅާކުރުން.

މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ޔޫކްރޭން ހަނގުރުާމައަށް ޚަރަދުކުރުމަށް ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިންއަށް ލިބޭ އާމްދަނީ ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ނަމަވެސް، ޑިމޮކްރެޓުންގެ ބައެއް ސެނެޓަރުން ވަނީ މި ބިލުގެ ސަބަބުން ރައީސް ޓްރަމްޕަށް ބޮޑެތި ބާރުތަކެއް ލިބި، އެމެރިކާގެ އާންމުންނަށް މުދަލުގެ އަގު ބޮޑުވުމުގެ ނުރައްކާ އޮތްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބިލު ގާނޫނަކަށް ވުމަށްޓަކައި ސެނެޓުގެ އިތުރު މަރުހަލާތަކަށްފަހު އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކުރަންޖެހެއެވެ. ނަމަވެސް ހައުސް މިހާރު ޗުއްޓީގައި އޮތުމުން، ސެޕްޓެމްބަރު މަހުގެ ކުރިން މި ބިލާމެދު ގޮތެއް ނިންމާނެ ކަމަކަށް ނުބެލެވެއެވެ.

ހިއްސާ ކުރައްވާ!