ދެކުނު ކޮރެއާގެ ސައިންސްވެރިން ވަނީ އިސްތަށި ފޭބުމާއި އިސްތަށިގަނޑު ތުނިވުމާ ދެކޮޅަށް މަސައްކަތްކުރާ އަލި ބޭނުންކޮށްގެން ދޭ ތެރަޕީ ސިސްޓަމެއް އުފައްދާފައެވެ. ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ގޮތުގައި މި ތެރަޕީގެ ސަބަބުން އިސްތަށިގަނޑު އުމުރުން ދުވަސްވުމާ ގުޅުންހުރި މައްސަލަތައް 92 އިންސައްތައަށް ދަށްކޮށްދެއެވެ.
ކޮރެއާ އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އިން އުފެއްދި މި ސިސްޓަމަކީ "ނިއަރ-އިންފްރާރެޑް އޯގަނިކް ލައިޓް-އެމިޓިންގް ޑިއޯޑް" (އޯލެޑް) ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ކެޕެއްގެ ތެރޭގައި ފަސޭހައިން ބެނުން ކުރެވޭ ފްލެކްސިބަލް ސިސްޓަމެކެވެ. މި ދިރާސާގެ ތަފްސީލު ވަނީ މަޝްހޫރު "ނޭޗަރ ކޮމިއުނިކޭޝަންސް" ޖާނަލްގައި ޝާއިޢުކޮށްފައެވެ.
މި ތެރަޕީއިން އަމާޒުކުރަނީ އިސްތަށި ފެޅުމުގައި މުހިންމު ދައުރެއް އަދާކުރާ "ހިއުމަން ޑަރމަލް ޕެޕިލާ" ސެލްތަކަށެވެ. އިސްތަށިގަނޑުގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް، މި ސެލްތަކުން "ބީޓާ-ގަލެކްޓޯސިޑޭސް" ނަަކަށް ކިޔާ އެންޒައިމެއް އުފައްދާ މިންވަރު އިތުރުވެއެވެ. މިއީ ސެލްތައް އުމުރުން ދުވަސްވެ އިސްތަށި ފޭބުމަށް މެދުވެރިވާ މުހިންމު އެއްޗެކެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، 730 އިން 740 ނެނޯމީޓަރުގެ ވޭވްލެންތުގައި އަލި ފޮނުވައިދޭ މި އޯލެޑް ސިސްޓަމް ބޭނުންކޮށްގެން ފަރުވާދިން ސެލްތަކާއި، ފަރުވާ ނުދޭ ސެލްތަކާ އަޅާބަލާއިރު އުމުރުން ދުވަސްވުމުގެ މާކަރތައް 92 އިންސައްތަ މަދުވެފައިވެއެވެ.
އާންމުކޮށް ބޭނުންކުރާ ލޭޒަރ ނުވަތަ އެލްއީޑީ ހެލްމެޓްތަކާ ޚިލާފަށް، މި އާ ސިސްޓަމްގައި ބޭނުންކޮށްފައިވާ ތުނި، ފްލެކްސިބަލް އޯލެޑް ޓެކްނޮލޮޖީގެ ސަބަބުން ބޮލުގެ ހަންގަނޑާ ވަރަށް ކައިރިން އެއްވަރަކަށް އަލި ފޯރުކޮށްދީ، ބޭނުންކުރަން ފަސޭހަވެއެވެ.
އިސްތަށި ފޭބުމުގެ މައްސަލައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން ގުނާލެވޭ މީހުންނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މިހާރު ބޭނުންކުރާ މިނޮކްސިޑިލް އަދި ފިނާސްޓެރައިޑް ފަދަ ބޭސްތަކަކީ އެކި ސައިޑް އިފެކްޓްތައް ހުންނަ ތަކެއްޗެވެ.
މި އާ ތެރަޕީއަކީ އަދި އިންސާނުންގެ ބޮލުގައި ސީދާ ޓެސްޓްކުރެވުނު ތެރަޕީއަކަށް ނުވިނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ކެޕްގެ ރައްކާތެރިކަމާއި ނަތީޖާ ކަށަވަރުކުރުމަށް އިތުރު ތަހުލީލުތައް ކުރުމަށް ސައިންސްވެރިން ވަނީ ރާވާފައެވެ.







