ތިބާގެ އަވަށްޓެރިޔާގެ ގޭގައި ގެންގުޅޭ ކޮކަޓޫއަކީ ތިބާގެ ހިމޭން ކަމަށް ނިގުޅައި ގަންނަ ވަރަށް އަޑުގަދަ ކުރާ އެއްޗެކެވެ. އަވަށްޓެރިޔާއާ ދެކޮޅަށް ތިބާއަށް ކުރެވޭނެ ކަމެއް ނެތެވެ. ތުރާ ފިލުވުމުގެ ގަވާއިދުގައި ކޮކަޓޫގެ އަޑަކީ މަނާ ކޮށްފައިވާ އަޑެއް ނޫނެވެ. ތިމާ ފުލުހުންނަށް ޝަކުވާ ކުރިއަސް އެމީހުން ކުރާނެ ކަމެއް ނޯންނާނެއެވެ.
ކޮކަޓޫގެ އަޑުގަދަ ކުރުމުން އުފެދޭ އަޑު މިނާއިރު އޭގެ އަޑު 135 ޑެސިބަލްއަށް އަރާނެއެވެ. މިއީ ޖެޓް އިންޖީނެއް ސްޓާޓްވާއިރު ނުވަތަ ވައިގެ ތެރެއަށް އެރުމަށް ޖެޓެއް ނައްޓާލާއިރު ނިކުންނަ ވަރުގެ އަޑެކެވެ. ބައިނަލްއަގްވާމީ މިންގަނޑުތައް ބުނާ ގޮތުން ދުވާލުގެ ވަގުތުތަކުގައި އާންމުކޮށް ރެސިޑެންޝަލް ސަރަހައްދެއްގެ އަޑު ހުންނަން ޖެހެނީ 50 އާއި 60 ޑެސިބަލާ ދެމެދުގައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ލަފާދެނީ ރޭގަނޑުގެ ވަގުތުތަކުގައި އަޑު 30 އާއި 40 ޑެސިބަލާ ދެމެދުގައި ބެހެއްޓުމަށެވެ.
ގޭ ކައިރީގައި އިމާރާތް ކުރާއިރު ސިމެންތި ގެށުމާއި މުށި ކެފުމުގެ މައްސަލާގައި ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟
މި ހާލަތުގައި، ތިބާގެ އަވަށްޓެރިޔާގެ ކޮކަޓޫ ވެސް އެވަނީ އެ ރެކޮމެންޑޭޝަންތަކުގެ ހުރިހާ އިންތަކެއް ފަހަނައަޅާފައިވާ އެއްޗެކެވެ.
އަޑު ގަދަވެ ހިމޭން ކަން "ތަޣައްޔަރުވުމުގައި" ރާއްޖޭގައި ފަރުދަކަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. އެކަމަކު ޖަޕާނުގެ މި ހާދިސާއަށް ބަލާލާށެވެ!
*******
ޖަޕާނުގެ އެ މީހާ ހައްޔަރުކުރީ އޭނާގެ ގެއިން ނިކުންނަ އަޑު 80 ޑެސިބަލްގައި ހުރެގެންނެވެ.
ކިއޯޓޯގެ ކުޑަ އަވަށުގެ ހަމަހިމޭން ދިރިއުޅުމަށް ބުރޫއެރީ މޫސުމީ ބަދަލުތަކަކުން ނޫނެވެ. އެ އަވަށުގެ ގެއެއްގެ އަވަށްޓެރިންގެ ނިދި ނިގުޅައިގަތީ އިލެކްޓްރިކް ގިޓާތަކުން ނުކުންނަ، ހުއްޓުމެއްނެތް، ކަންފަތް ފަޅައިގެންދާ ފަދަ ތޫރި އަޑުތަކުގެ ސަބަބުންނެވެ.
އުމުރުން 61 އަހަރުގެ ކަޒުނޮރީ ޔޮކޯއީ ފެންނަނީ މިއުޒިކަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ގޭގެ ތެރޭގައި އޭނާ ހިންގަމުން ދިޔައީ ނިމުމެއްނެތް، އަމިއްލަ ސިމްފަނީ އެކެވެ. އެ ސިމްފަނީގެ ސަބަބުން އޭނާގެ އަވަށްޓެރިން ތިބީ ނަފްސާނީ ގޮތުން ބަލިކަށިވެ ބޯހަލާކު ވެފައެވެ.
މިއަދު ކިއޯޓޯ ފުލުހުން އެންމެ ފަހުން އެގެއަށް ވަދެ، ކޯޓު އަމުރެއްގެ ދަށުން، ޔޮކޯއީ ހައްޔަރުކުރީ އަނިޔާކުރާކަމުގެ ކުށުގައެވެ. މިއީ އަވަށްޓެރިންގެ ނަފްސާނީ ހަމަޖެހުން ގެއްލި، އެމީހުންގެ ކެތްތެރިކަމުގެ އިން ފަހަނައަޅައި ދިޔަ ދިގު ދުވަސްތަކަކަށް އައި ނިމުމެކެވެ.
ފުލުހުން ބުނާ ގޮތުގައި، ޔޮކޯއީ ވަނީ އޭނާގެ ގެ، "އަޑުގަދަ ބަންކަރަކަށް" ބަދަލުކޮށްފައެވެ. އޭނާ ދުވާލާއި ރޭގަނޑު ހޭދަކުރަނީ ދިހަވަރަކަށް ގިޓާ އެއްފަހަރާ ކުޅުމުގައެވެ. އޭގެ އިތުރަށް، ދުވަހަކުވެސް ނިއްވާނުލާ ރޭޑިއޯއެއްގެ އަޑު ވެސް އެ ގެއިން ބޭރުވެ އެވެ. މި ހުރިހާ އަޑުތަކެއް އެއްވުމުން އުފެދޭ ގަދަ އަޑު، ސިޓީގެ އޮފިޝަލުން ވަނީ މިންކޮށްފައެވެ. އެމީހުން އަޑު މިން ކުރިއިރު އެ ގެއިން ނިކުންނަ ހުރިހައި އަޑެއް އެއްކޮށްގެން 80 ޑެސިބަލަށް ވުރެ މައްޗަށް އަރައެވެ.
މިއީ ދުއްވާފައިދާ ރޭލެއްގެ ތެރޭގައި ހުންނައިރު އިވޭ އަޑެއް ފަދަ ގަދަ އަޑެކެވެ. ނަމަވެސް ޔޮކޯއީގެ އަވަށްޓެރިންނަށް އެ ރޭލު ހުއްޓޭނެ މަންޒިލެއް ނެތެވެ.
އުމުރުން 60 އަހަރާއި 80 އަހަރާ ދެމެދުގެ ތިން އަވަށްޓެރިއަކަށް މި އަޑުތަކަކީ ހަމައެކަނި އުނދަގުލެއް ނޫނެވެ. އެއީ އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ބަލިކޮށްލި ކަމެކެވެ. އެމީހުންނަށް ނިދި ނުލިބުމާއި، ނަފްސާނީ ގޮތުން ބަލިކަށިވުން ކުރިމަތިވިއެވެ. ހަތަރުވަނަ މީހާއަށް ކަންފަތުގައި އަބަދު އަޑުގެ ގުގުމެއް ހުރެގެން ޝަކުވާ ކުރެއެވެ.
"މިއީ ވަރަށް ނުރައްކާތެރި ހާލަތެއް، ދުވާލު ހުރިހާ ވަގުތަކު އެކި ކަހަލަ އަޑުތައް އެއްވެފައި އިވޭތީ،" މީޑިއާއަށް މައުލޫމާތު ދިން 60 އަހަރުގެ އަވަށްޓެރިއަކު ބުންޏެވެ. އޭނާގެ ގެއަކީ މިހާރު ހިމާޔަތެއް ނެތް ޖަލެއް ފަދަ ތަނަކަށް ވެއްޖެއެވެ.
ޖަޕާނުގެ ގާނޫނުގައި އަޑުގަދަކުރުމުގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް އަވަށްޓެރިން ފުލުހުންނަށް އެކަށީގެންވާ ހެކި ދެއްކުމުން، ފުލުހުންނަށް ފިޔަވަޅު އެޅޭނެ ގޮތްވިއެވެ.
ޔޮކޯއީގެ ގެ ފާސްކުރި އިރު، އެތަނުގައި 40 އަށްވުރެ ގިނަ ގިޓާ، އެމްޕްލިފަޔަރު، ސީޑީ ޕްލޭޔަރު އަދި ރޭޑިއޯ ކެސެޓް ޕްލޭޔަރުތައް ފެނުނެވެ.
މިއީ އަޑުގަދަކުރުމުގެ ޝަކުވާއެއް އަނިޔާކުރުމުގެ ޖިނާއީ މައްސަލައަކަށް ބަދަލުވި މަދުން ނޫނީ ނުފެންނަ ހާދިސާއެކެވެ. މިއީ އަޑަކީ އެކަށީގެންވާ މިންވަރަކަށް ބޭނުންކޮށްފި ނަމަ، އެހެން ކޮންމެ ހަތިޔާރެއް ފަދައިން ނުރައްކާތެރި އެއްޗެއްކަން ދައުލަތުން ބަލައިގަތުން ފަދަ ނިންމުމެކެވެ.






