އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) ވަކިވުމަށް ނިންމައި، އެކަން އިއުލާނުކުރި އެންމެ ފަހުގެ ގައުމަކަށް ޗާޑު ވެއްޖެއެވެ. ޗާޑްގެ ވެރިރަށް އެންޖާމީނާގައި އެގައުމުގެ ޚާރިޖީ ވުޒާއިން ބުނި ގޮތުގައި އެ ކޯޓުގެ މަސައްކަތްތައް ހުރީ "ހަނިކޮށްފައި އަދި ހަމަހަމަނޫން" ގޮތަކަށެވެ. އަދި އެ ކޯޓުން މައިގަނޑު ގޮތެއްގައި ސަމާލުކަން ދެނީ ހަމައެކަނި އެފްރިކާގެ ގައުމުތަކަށް ކަމަށް ވެސް ޗާޑުން ތުހުމަތުކުރެއެވެ.
މި ނިންމުމަކީ، އެމެރިކާއިން އައިސީސީއާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނުގެ ތެރެއިން އެމެރިކާގެ ފިއްތުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ނިންމި ނިންމުމެކެވެ. މި މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ އައިސީސީއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުދީ، އެ ކޯޓަކީ "އެމެރިކާގެ ސިޔާދަތަށް އޮތް ބިރުވެރި ނުރައްކަލެއް" ކަމަށް ސިފަކޮށް އެކޯޓު ރޫޅާލުމަށް މަސައްކަތް ފަށާފައެވެ.
މި މަހުގެ ތެރޭގައި ވެނެޒުއެލާގެ އިތުރުން، ބުރުކީނާ ފާސޯ، މާލީ އަދި ނައިޖަރުގައި ވެރިކަން ކުރާ އަސްކަރީ ޖުންޓާތަކުން ވެސް ވަނީ ހޭގްގައި ގާއިމުކޮށްފައިވާ އައިސީސީން ވަކިވުމުގެ މަސައްކަތް ފަށާފައެވެ. ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތައް ކުރާ މީހުންގެ މައްސަލަތައް ބަލާ މި ކޯޓުން މީގެ ކުރިން ބުރުންޑީއާއި ފިލިޕީންސް ވަނީ ވަކިވެފައެވެ.




