އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ސަލާމަތްކުރުމަށް ޖަޕާނުން މަސައްކަތް ކުރަނީ

އެމެރިކާ ސަރުކާރުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އަށާއި އެ ކޯޓުގެ ރައީސާ ޓޮމޯކޯ އަކާނޭއަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ މާލީ ހަރަކާތްތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ، 2027 ވަނަ އަހަރަށް ޖަޕާނުން އެ ކޯޓަށް ދައްކަންޖެހޭ މާލީ ޙިއްޞާ ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ދެއްކުމަށް ޓޯކިޔޯއިން މަޝްވަރާ ކުރަން ފަށައިފިއެވެ.

މިދިޔަ ހަފްތާގައި އދ ގެ ޢާންމު މަޖިލީހަށް އައި.ސީ.ސީގެ އަހަރީ ރިޕޯޓު ހުށަހެޅުއްވުމަށް ކޯޓުގެ ރައީސާ އަދި ޖަޕާނުގެ ކުރީގެ ޕްރޮސެކިއުޓަރ ޓޮމޯކޯ އަކާނޭއަށް އެމެރިކާއަށް ވަޑައިގަނެވޭ ގޮތް ނުވުމުން، އެކަމަނާ ތަޤުރީރު ކުރެއްވީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަވައިގެން ރެކޯޑުކޮށްފައިވާ ވީޑިއޯ މެދުވެރިކޮށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ކޯޓުގެ ރައީސަކު މިފަދަ ގޮތަކަށް އދ ގެ މަޖިލީހާ މުޚާޠަބު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ވަނީ ސީދާ އައި.ސީ.ސީއަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

މިކަމާ ގުޅިގެން އދ ގެ 193 މެންބަރު ޤައުމުގެ ކިބައިން ކޯޓުގެ ދިފާޢުގައި ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް އަކާނޭ އެދިވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ޖަޕާނު ސަރުކާރުން މިވަނީ 2026 ވަނަ އަހަރުގެ ދެވަނަ ސަޕްލިމެންޓްރީ ބަޖެޓެއްގެ ތެރެއިން ކޯޓަށް ފައިސާ ދޫކުރުމުގެ ވިސްނުން ގެންގުޅެން ފަށާފައެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ ވިދާޅުވީ، މާލީ ގޮތުން އެޅޭނެ ފިޔަވަޅުތަކާ މެދު ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.

އައި.ސީ.ސީގެ މެންބަރު ޤައުމުތަކުން ދައްކާ ޗަންދާގެ ގާތްގަނޑަކަށް 15 އިންސައްތަ ޙިއްޞާކުރަނީ ޖަޕާނުންނެވެ. މިއީ ޖަރުމަނުވިލާތާއި، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތަށްވުރެ ބޮޑު ޢަދަދަކަށް ވާއިރު، ޖަޕާނަކީ އެ ކޯޓަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދޭ ޤައުމެވެ.

ކޯޓުގެ 2026 ވަނަ އަހަރުގެ ބަޖެޓަކީ 196 މިލިއަން ޔޫރޯ ކަމަށްވާއިރު، ޖަޕާނުގެ ޙިއްޞާއަކީ ގާތްގަނޑަކަށް 30 މިލިއަން ޔޫރޯއެވެ. ޖަޕާނުން އާންމުކޮށް މި ފައިސާ ދައްކަނީ އައު މާލީ އަހަރު ފެށުމާއެކު އޭޕްރީލް މަހުގެ ފަހުންނެވެ.

ނަމަވެސް، އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯ.އެފް.އޭ.ސީ) އިން އައި.ސީ.ސީއާ ދެކޮޅަށް ފިޔަވަޅު އެޅިއިރު ދޫކޮށްފައިވާ "ޖެނެރަލް ލައިސަންސް 13″ ގެ މުއްދަތު 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ނިއުޔޯކް ގަޑިން މެންދަމު 12:01 އަށް ހަމަވާނެއެވެ.

މި ލައިސަންސްގެ ދަށުން މެންބަރު ޤައުމުތަކަށް ޗަންދާ ދެއްކުމާއި މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ އާންމު މުޢާމަލާތްތައް ކުރުމުގެ ހުއްދަ އޮވެއެވެ. ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ޖަޕާނުން ފައިސާ ނުދައްކައިފިނަމަ، އެމެރިކާ ޑޮލަރުން ކުރާ މުޢާމަލާތްތައް ހުއްޓި، ކޯޓުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.

އޯގަސްޓް މަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ޖީޖީ ޕްރެސްއަށް ވިދާޅުވެފައިވަނީ، އެމެރިކާގެ އެކުވެރި ޤައުމުތަކުން އައި.ސީ.ސީއަށް ދޭ އެހީތެރިކަން ހުއްޓާލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ފައިސާ ހަމަޖެއްސުމަށްވުރެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ބޭންކިންގ ނިޒާމުގެ ތެރެއިން އެ ފައިސާ ދަ ހޭގްއަށް ފޮނުވުމެވެ.

ދަތިކުރުމުގެ ފިޔަވަޅު އެޅިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސާ އަކާނޭގެ ބޭންކު ކާޑުތަކުގެ ޚިދުމަތް ވަނީ ކެނޑިފައެވެ. މީގެއިތުރުން، ފަރަންސޭސިވިލާތުގެ އިންޝުއަރެންސް ކުންފުނި އަކްސާ އާއެކު ކޯޓުން ހަދާފައިވާ އެއްބަސްވުންވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވިލާތުގެ އިއްތިޙާދުގެ "ބްލޮކިންގ ސްޓެޓިއުޓް" ގެ ޤާނޫނީ ޙިމާޔަތް ނެތުމުން، އެމެރިކާގެ ފިޔަވަޅުތަކުން ރެކެވޭނެ ގޮތެއް އަކްސާއަކަށް ނުފެނުނެވެ.

އެހެންކަމުން، ޖަޕާނުން ފައިސާ ފޮނުވަންޖެހޭނީ އެމެރިކާގެ މާލީ ނިޒާމާ އެއްވެސް ގުޅުމެއް ނެތް ވިލާތުގެ މާލީ އިދާރާއެއް މެދުވެރިކޮށް ޔޫރޯއިން ކަމަށް މުހައްލިލުން ބުނެއެވެ.

އެމެރިކާގެ ދިފާޢީ އެހީތެރިކަމަށް ބަރޯސާވާ ޖަޕާނުން ވޮޝިންޓަނާއެކު ސީދާ ކުރިމަތިލުމަކަށް ދިއުމަށް ފަސްޖެހުނު ނަމަވެސް، ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކައިޗީ ވަނީ އެމެރިކާގެ ފިޔަވަޅުތަކަކީ ޖަޕާނުގެ ސިޔާސަތާ ޚިލާފް ކަންކަން ކަމަށް ވިދާޅުވެފައެވެ. އަދި އިނގިރޭސިވިލާތާއި، ކެނެޑާ، ޑެންމާކް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ އަދި ނެދަލޭންޑްސްއާއެކު ޖަޕާނުން ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމުގެ އިންޒާރު ދީފައެވެ.

އައި.ސީ.ސީއަށް ކުރިމަތިވެފައިވަނީ ހަމައެކަނި އެމެރިކާގެ ފިއްތުންތަކެއް ނޫނެވެ. އެމެރިކާއިން ފިޔަވަޅު އެޅުމުގެ އެއް ދުވަސް ކުރިން، ރަޝިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަކާނޭ ހިމެނޭހެން ކޯޓުގެ ނުވަ އޮފިޝަލަކު ރަޝިޔާއާ ޙަވާލުކުރުމަށް ނެދަލޭންޑްސްއާއި އެހެން ޤައުމުތަކުގައި އެދިފައެވެ.

ޖަޕާނުގެ ޑެޕިއުޓީ ޗީފް ކެބިނެޓް ސެކްރެޓަރީ މަސަނާއޯ އޮޒާކީ ވަނީ ރަޝިޔާގެ މި ޢަމަލަކީ ބޭއިންޞާފު އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ކޯޓުގެ އެތެރޭގެ މައްސަލަތަކެއްގެ ސަބަބުން މިދިޔަ ޖުލައި މަހު ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން މަޤާމުން ވަކިކޮށްފައިވާއިރު، ރޯމް ސްޓެޓިއުޓުން ވަކިވުމަށް ހަ ޤައުމަކުން ނޯޓިސް ދީފައިވާކަން އަކާނޭ ވަނީ ހާމަކުރައްވާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޮޑުވަޒީރު ތަކައިޗީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އައި.ސީ.ސީގެ މައްސަލަ ޖަޕާނުގެ ޚާރިޖީ ވަޒީރު ޓޮޝިމިޓްސޫ މޮޓޭގީއާއި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާ ޙަވާލުކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

ޑިޕްލޮމެޓުން ދެކޭގޮތުގައި، ޖެނެރަލް ލައިސަންސް 13 ގެ މުއްދަތު އިތުރުކުރުމަށް އެމެރިކާއަށް ބާރުއެޅުމާއެކު، އޭޕްރީލް 7 ގެ ކުރިން ފައިސާ ދެއްކޭނެ ޤާނޫނީ އަދި މާލީ މަގުތައް ކޮށުމަކީ ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމު ދެމެހެއްޓުމަށް ޖަޕާނުން ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތެވެ.

ހިއްސާ ކުރައްވާ!