މިޔަންމާގެ ރަޚައިން ސްޓޭޓުގައި ދިރިއުޅޭ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކާއި ނަސްލުނައްތާލުމުގެ އަމަލުތަކާ ގުޅިގެން ދިވެހި ސަރުކާށރާއި ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގެ ނިހާއީ ޙުކުމް ނޮވެމްބަރު 16 ނުވަތަ 19 ވަނަ ދުވަހު އިއްވުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ތައްޔާރުވެއްޖެއެވެ.
މި މައްސަލައަކީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހު މިޔަންމާގެ އުތުރު ރަޚައިން ސަރަހައްދުގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ ސިފައިން ހިންގި އަނިޔާވެރި ޢުދުވާންތަކާ ގުޅިގެން، އދ ގެ ނަސްލުނައްތާލުން ހުއްޓުވުމާ ބެހޭ މުޢާހަދާއާ މިޔަންމާއިން ޚިލާފް ވެފައިވާ ކަމަށް ބުނެ ގެމްބިއާއާއި ރާއްޖެއިން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ.
ބަރުމާ ސިފައިން ހިންގި ޤަތުލުއާންމުތަކާއި، ޖިންސީ ގޯނާތަކާއި، ގެދޮރުގައި ރޯކުރުމުގެ ހަރަކާތްތަކުގެ ސަބަބުން 7 ލައްކަ އަށްވުރެ ގިނަ ރޮހިންގާ މުސްލިމުން ވަނީ ރައްކާތެރިކަން ހޯދުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.
ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިޔޫ) އިން ބުނި ގޮތުގައި، މި މައްސަލައަކީ ވަކިވަކި ފަރުދުންގެ މައްޗަށް ހިންގޭ ޖިނާއީ ޝަރީޢަތެއް ނޫނެވެ. ނަމަވެސް މިއީ ނަސްލުނައްތާލުމުގެ ބޮޑު ޖަރީމާގެ ޒިންމާ މިޔަންމާ ދައުލަތުން ނަގަންޖެހޭނެކަން ޤާނޫނީ ގޮތުން ކަނޑައެޅުމަށް ކުރިއަށްދާ މުހިންމު ޝަރީޢަތެކެވެ. އައިސީޖޭއިން އިއްވާ މި ޙުކުމަކީ އިސްތިއުނާފު ނުކުރެވޭނެ ފައިނަލް ނިންމުމެކެވެ.






