ޖަޕާނުގެ ޖައްވީ އިދާރާ (ޖަކްސާ) އިން މާސްގެ ހަނދެއް ކަމަށްވާ ފޮބޯސްގެ ސަރަޙައްދުން ވެއްޔާއި ހިލައިގެ ސާމްޕަލް ނެގުމަށްޓަކައި ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. ދުނިޔެ އުފެދުނުގޮތް ދެނެގަތުމަށް މަގުފަހިކޮށްދޭނެ މި ތާރީޚީ މިޝަނަކީ އިންސާނުންނަށް މާސްއަށް ދަތުރުކުރުމަށް މަގުކޮށައިދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސައެންސްވެރިން ބުނެއެވެ.
މި މިޝަންގެ ދަށުން ފޮނުވާ އަންމޭންޑް އެކްސްޕްލޮރޭޝަން ޕްރޯބް އުދުއްސާލުމަށް ހަމަޖެހިފައިވަނީ ޓަނެގަޝީމާ ޖައްވީ މަރުކަޒުން އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެމެރިކާއާއި ވިލާތުގެ ޖައްވީ އިދާރާތަކުގެ އިތުރުން އެކި ޔުނިވަރސިޓީތަކާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މި އުޅަނދު މާސް ކައިރިއަށް ފޯރާނީ އެއް އަހަރު ދުވަހުގެ ދަތުރަކަށްފަހުއެވެ. އަދި އެ ސަރަޙައްދުގައި ތިން އަހަރު ދުވަހު އޮތުމަށްފަހު، ފޮބޯސްގެ ފަސްގަނޑުން މަދުވެގެން 10 ގްރާމުގެ ސާމްޕަލް ނަގައިގެން އެނބުރި ދުނިޔެއަށް އަންނާނެއެވެ.
މި މިޝަންގެ ޕްރޮޖެކްޓް މެނޭޖަރު ޔަސުހީރޯ ކަވަކަޓްސޫ ވިދާޅުވީ، މިއީ މާސްގެ ނިޒާމަށް ދަތުރުކޮށްފައި އަނބުރާ ދުނިޔެއަށް އަންނަ ފުރަތަމަ އުޅަނދު ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ދަތުރުތަކުގައި އިންސާނުން މާސްއަށް ފޮނުވުމަށްޓަކައި ފޮބޯސް ސަރަޙައްދު "ޤުދުރަތީ ޖައްވީ ސްޓޭޝަނެއް" ގެ ގޮތުގައި ބޭނުންކުރެވޭނެ ތޯ ބެލުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސައެންސްވެރިން ޤަބޫލުކުރާ ގޮތުގައި މާސްގެ ހަނދުތައް އުފެދިފައިވަނީ އެހެން ޕްލެނެޓެއް މާސްއާ ޖެހިގެން ހިނގި ބޮޑު ގޮވުމަކުންނެވެ. ނުވަތަ މާސްގެ މެގްނެޓިކް ބާރުގެ ސަބަބުން ހިފަހައްޓިފައިވާ އެސްޓެރޮއިޑްތަކެއް ޖެހިގެންނެވެ. މި ސާމޕަލްތައް ދިރާސާކުރުމުން ދުނިޔެއާއި އެހެނިހެން ޕްލެނެޓްތަކުން ފެނާއި އޯގަނިކް މާއްދާތައް ހިމެނޭތޯ ބަލައި ދިރުން އުފެދުމުގެ އަޞްލާ ހަމައަށް ވާޞިލުވުމަށް އެހީތެރިވެދޭނެ ކަމަށް މާހިރުން ބުނެއެވެ.
ޖަޕާނުން މީގެ ކުރިން ވަނީ ހައިބުސާ-2 މެދުވެރިކޮށް ދުރުގައިވާ އެސްޓެރޮއިޑަކުން ސާމްޕަލް ނަގައި ކާމިޔާބުކަމާއެކު ދުނިޔެއަށް ގެނެސްފައެވެ. ނަމަވެސް، މާސްގެ ވަރުގަދަ މެގްނެޓިކް ބާރު ހުރަސްކޮށް އަނބުރާ ދުނިޔެއަށް އައުމަކީ މި ފަހަރު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ސައެންސްވެރިން ފާހަގަކުރެއެވެ. މި ރޭހުގައި އެމެރިކާއާއި ޗައިނާ ވާދަކުރަމުންދާއިރު، ޗައިނާގެ ޓިއަންވެން-3 މިޝަން 2028 ވަނަ އަހަރަށް ތާވަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.







