ސަބް-ސަހާރަން އެފްރިކާގެ ޤައުމުތަކާއެކު އެމެރިކާއިން ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން "އަފްރިކަން ގްރޯތް އެންޑް އޮޕޮޗިއުނިޓީ އެކްޓް" (އަގޯއާ) އިން ސައުތު އެފްރިކާ އާއި ރުވާންޑާ ސަސްޕެންޑްކުރުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މިއީ އެ ދެ ޤައުމާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ސިޔާސީ އަދި ޑިޕްލޮމެޓިކް ނުތަނަވަސްކަން ބޮޑުވެ، ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވުމަށްފަހު ނިންމި ނިންމުމެކެވެ.
ސައުތު އެފްރިކާގައި ދޮން މީހުންނާ ދެކޮޅަށް ނަސްލީ މައްސަލަ ހިންގައި ޤަތުލުއާންމެއް ހިންގަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިދާޅުވެ ކުރެއްވި ދޮގު ތުހުމަތުތަކާ ގުޅިގެން ވޮޝިންގޓަނާއި ޕްރެޓޯރިއާއާ ދެމެދު ވަނީ ބޮޑެތި ޚިޔާލު ޚިލާފް ތަކެއް އުފެދިފައެވެ. ދުނިޔޭގެ ނިސްބަތުން ވަޒީފާ ނެތް މީހުންގެ އިންސައްތަ އެންމެ މަތީގައި އުޅޭ ސައުތު އެފްރިކާ އަގޯއާ އެއްބަސްވުމުން ވަކިކުރުމުގެ ސަބަބުން، އެ ޤައުމުގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އައިސް، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
އަނެއްކޮޅުން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިލީޝިއާ ގުރޫޕްތަކަށް ރުވާންޑާއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެ އެމެރިކާ ސަރުކާރުން ވަނީ އެ ޤައުމާ މެދު ނުރުހުން ފާޅުކޮށްފައެވެ. ކޮންގޯއަކީ އެމެރިކާގެ ކުންފުނިތަކުން މައުދަންތައް ނެގުމުގެ މަސައްކަތްތައް ފުޅާކުރުމަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓާ މުހިންމު ޤައުމެކެވެ. ރުވާންޑާއިން މިލީޝިއާތަކަށް ދޭ ތާއީދުގެ ސަބަބުން އެމެރިކާގެ އިގްތިސާދީ އަދި ސަލާމަތީ ސްޓްރެޓެޖީ ތަކަށް ހުރަސްއެޅޭ ކަމަށް ވޮޝިންގޓަނުން ބުނެއެވެ.
މިކަމުގެ ސަބަބުން ސައުތު އެފްރިކާއާއި ރުވާންޑާ ޗައިނާއާ އިތުރަށް ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެއެވެ. ޗައިނާއިން ދަނީ އެފްރިކާގެ ޤައުމުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ފުރުސަތުތައް ހުޅުވާލަމުންނެވެ.






