އޮސްޓްރޭލިއާގެ މަޝްހޫރު ޓްރިބިއުޓް ބޭންޑް 'ބިޔޯން އަގެއިން' މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ކެންސަލްކުރަން ސަރުކާރުން އެންގިކަމަށް ދެކެވޭ ވާހަކަތައް ޔޫތު މިނިސްޓްރީން މިއަދު ދޮގުކޮށްފިއެވެ.
ސޯޝަލް ސެންޓަރުގައި މި ޝޯ ބޭއްވުމަށްޓަކައި ސްޓޭޖު ހެދުމުގެ މަސައްކަތްތައް ކުރަމުންދަނިކޮށް، އެތަނުގައި ޝޯ ނުބޭއްވޭނެ ކަމަށް މިނިސްޓްރީން އަންގާފައިވަނީ އިއްޔެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާ ގުޅިގެން މީސްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝޯ ކެންސަލްކުރަން ސަރުކާރުން އެއްވެސް އިރެއްގައި ނާންގާ ކަމަށެވެ. އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އެތަން ބަދަލުކުރަން އެދުނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގެ ފުރާޅާއި ސްޓޭޖު ހިމެނޭ ގޮތަށް ބޮޑެތި މަރާމާތުތަކެއް ވަގުތުން ކުރަން ޖެހިފައިވާތީއެވެ. އަދި ޝޯ ބާއްވާނެ އެހެން ތަނެއް ހޯދުމުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޯގަނައިޒަރުންނަށް ދީފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް، މި ޝޯއާ ގުޅޭގޮތުން ރައީސް ނަޝީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއުޒިކް ޝޯތައް މަނާކުރެވިގެން ނުވާނެ ކަމަށެވެ.
"މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން، މިއީ ހުރިހާ ދިވެހިންގެ ރާއްޖެ. ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގެން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އުބާ އިވެންޓްސް އިން އިންތިޒާމުކުރާ މި ޝޯއަށް ބޭނުންވާ ތައްޔާރީތައް ވަމުންދަނިކޮށް މިފަދަ ހުރަސްތަކެއް ކުރިމަތިވުމަކީ ބޮޑު ކަންބޮޑުވުމެކެވެ. ޝޯގައި ޕާފޯމްކުރާ ބޭންޑުގެ މެންބަރުން މިހާރު ރާއްޖެ އައިސްފައިވާއިރު، ޓިކެޓު ވިއްކައި އިޝްތިހާރު ކުރުމުގެ މަސައްކަތް ވެސް ވަނީ ފުޅާ ދާއިރާއެއްގައި ކޮށްފައެވެ.
1988 ވަނަ އަހަރު އުފެދުނު 'ބިޔޯން އަގެއިން' އަކީ ދުނިޔޭގެ މަޝްހޫރު 'އައްބާ' ބޭންޑުގެ ލަވަތައް ޓްރިބިއުޓްގެ ގޮތުގައި ހުށަހަޅައިދޭ ބޭންޑެކެވެ. މިއީ އެކި ގައުމުތަކުގެ ފަންނާނުން ހިމެނޭ ބޭންޑެކެވެ.







