ރަޝިޔާއިން ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔޫކްރޭނުގެ ވެރިރަށް ކިއޭވްއަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ވިޓާލީ ކްލިޗްކޯ އިއުލާން ކުރައްވައިފިއެވެ. މޭޔަރު ވަނީ ޓެލެގްރާމް މެދުވެރިކޮށް އާންމުން ރައްކާތެރި ސަރަހައްދުތަކަށް ވަނުމަށް އިލްތިމާސް ކުރައްވާފައެވެ.
މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިއޭވްގެ އެކި ސަރަހައްދުތަކުން ވަނީ ބާރުގަދަ ގޮއްވުންތަކެއްގެ އަޑު އިވިފައެވެ. ރަޝިޔާއިން ވަރުގަދަ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ބުދަ ދުވަހު ދެއްވާފައެވެ.
މޭޔަރު ކްލިޗްކޯ ވިދާޅުވި ގޮތުގައި، މި ހަމަލާތަކާ ގުޅިގެން ކިއޭވްގެ މީހުން ދިރި ނުއުޅޭ ބައެއް އިމާރާތްތަކުގައި ވަނީ ރޯވެފައެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެން ޒެލެންސްކީ ވިދާޅުވީ، ޔޫކްރޭނުގެ ރައްކާތެރިކަން ބިނާވެފައިވަނީ އެކުވެރި ގައުމުތަކުން މިސައިލް ދިފާއީ ނިޒާމުތައް ފޯރުކޮށްދޭ މިންވަރެއްގެ މައްޗަށް ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޔޫކްރޭނަށް "ޕެޓްރިއޮޓް" މިސައިލް ނިޒާމު އުފެއްދުމުގެ ލައިސަންސް ދިނުމަށް އެއްބަސްވެވަޑައިގެންފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.





