ރަޝިއާއިން ޑީސަލް އެކްސްޕޯޓްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މި އަހަރުގެ ނިޔަލަށް ދަންމާލުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ރަޝިއާގެ ނައިބު ބޮޑުވަޒީރު އެލެގްޒެންޑާ ނޮވަކްއެވެ. ނަމަވެސް، ޑީސަލް އެކްސްޕޯޓްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް "މާކެޓް ރަނގަޅުވަމުން އަންނަ ވަރަކުން" އުވާލާނެ ކަމަށް ރަޝިއާގެ އިންޓަފެކްސް އޭޖެންސީއާ ހަވާލާދީ ނޮވަކް ވިދާޅުވިއެވެ.
ރަޝިއާގެ ބައެއް ސަރަހައްދުތަކުގައި ތެލުގެ ސަޕްލައި ހޯދުމުގައި އަދިވެސް ދަތިތަކެއް އެބަހުރި ކަމަށާއި، މި ހާލަތު އެންމެ އުނދަގޫކޮށް ކުރިމަތިވެފައިވަނީ ސައިބީރިއާގެ ބައެއް ހިސާބުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވެސްޓީ" ނިއުސް ޗެނަލްއާ ވާހަކަ ދައްކަވަމުން ނޮވަކް އިތުރަށް ވިދާޅުވީ، ރަޝިއާއަށް ބޭނުންވެއްޖެ ހިނދެއްގައި، ކަޒަކިސްތާނުން އިތުރުވާ ތެލުގެ އުފެއްދުންތައް ރަޝިއާއަށް ފޯރުކޮށްދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ރޮއިޓާސް އިން ރިޕޯޓުކުރާ ގޮތުގައި، މިދިޔަ ޖުލައި މަހު ކަޒަކިސްތާނުން ވަނީ ފުރަތަމަ ފަހަރަށް 1000 ޓަނުގެ ޑީސަލް ރަޝިއާގެ މެދުތެރޭގެ ސަރަހައްދަކަށް ފޮނުވާފައެވެ.
ޔޫކްރެއިންގެ ޑްރޯން ހަމަލާތައް ރަޝިއާގެ ތެޔޮ ރިފައިނަރީތަކަށް އަމާޒުވުމުގެ ސަބަބުން، ޑީސަލް މަދުވެ އަގުތައް އުފުލިގެން ދިޔައެވެ. މިކަމާ ގުޅިގެން ރަޝިއާގެ އެތެރޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނޮވަކް ވިދާޅުވި ގޮތުގައި، ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް، ސައިބީރިއާ ފަދަ ބައެއް ސަރަހައްދުތަކުގައި އަދިވެސް ހާލަތު އޮތީ "ވަރަށް އުނދަގޫކޮށް" ކަމަށެވެ.




