ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލާވްރޮވްގެ ރަސްމީ ދައުވަތަކަށް، އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ޗޯއި ސޮން-ހުއި ރަޝިއާއަށް ވަޑައިގެންފިކަން އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފިއެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މި ދަތުރުފުޅަކީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ-އުން އާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ މެދުގައި ބޭއްވުމަށް ތައްޔާރުވާ ސަމިޓަށް މަގުފަހިކުރުމުގެ ދަތުރުފުޅެކެވެ.
އުތުރު ކޮރެއާގެ ރަސްމީ ކޮރިއަން ސެންޓްރަލް ނިއުސް އެޖެންސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗޯއި އާއި އޭނާގެ ވަފުދު ޕިޔޮންގޔޭންގުން ފުރާވަޑައިގަތީ ހޮނިހިރު ދުވަހުއެވެ. ޕިޔޮންގޔޭންގް އިންޓަނޭޝަނަލް އެއާޕޯޓުން އެ ވަފުދަށް އަލްވަދާއު ކިޔުއްވީ ވައިސް ފޮރިން މިނިސްޓަރު ކިމް ޖޮންގ-ގިޔު އާއި އުތުރު ކޮރެއާގައި ހުންނަ ރަޝިއާ އެމްބަސީގެ އިސް އޮފިޝަލެއް ކަމަށްވާ ވްލަޑިމިއަރ ޓޮޕެހާއެވެ.
މި ރިޕޯޓުގައި މި ދަތުރުފުޅުގެ މައިގަނޑު މަގްސަދު ނުވަތަ ދަތުރުގެ ތަފްސީލީ ތާވަލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ރަޝިއާގެ ފޮރިން މިނިސްޓްރީން އޭގެ އެއް ދުވަސް ކުރިން ބުނެފައިވަނީ، ލާވްރޮވްގެ ދައުވަތަކަށް ޖުލައި 18 ގައި ޗޯއި ރަޝިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ. ރަޝިއާގެ ދައުލަތުގެ މީޑިއާ ޓާސް އާއި ރިއާ ނޮވޮސްޓީންވެސް ވަނީ އުތުރު ކޮރެއާގެ މީޑިއާގެ ކުރިން އޭނާ ރަޝިއާއަށް ވަޑައިގަތްކަން ރިޕޯޓްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށްފަހު ޗޯއި ރަޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅު މި ދިމާވީ 2024 ޖޫން މަހު ޕޫޓިން ޕިޔޮންގޔޭންގަށް ކުރެއްވި ޒިޔާރަތުގައި ކިމް އާއި ޕޫޓިން ސޮއިކުރެއްވި ސްޓްރެޓެޖީ. ބައިވެރިވުމުގެ އެއްބަސްވުން ގެ ދަށުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާ ދަނޑިވަޅެއްގައެވެ. އެއަށްފަހު ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ ދާއިރާއިން ދެގައުމުގެ އެއްބާރުލުން ވަނީ ފުޅާވެފައެވެ. ދެކުނު ކޮރެއާ، އެމެރިކާ އަދި ޔޫކްރެއިންގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް އެހީވުމަށް އުތުރު ކޮރެއާއިން ވަނީ އެތައް ހާސް ސިފައިންނެއް ފޮނުވައި، ހަތިޔާރުވެސް ފޯރުކޮށްދީފައެވެ.
މުހައްލިލުން ބުނާގޮތުގައި ޗޯއިގެ މި ދަތުރުފުޅުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ލީޑަރު ކިމް ޖޮންގ-އުން ރަޝިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ކަންކަން ވިލަރެސްކުރުމެވެ. 2024 ގެ ސަމިޓުގައި ޕޫޓިން ވަނީ ކިމްއަށް ރަޝިއާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
މި ދަތުރުފުޅަކީ ފަހަކަށް އައިސް ޕިޔޮންގޔޭންގާއި ބެއިޖިންގެ މެދުގައި ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުންތަކަށްފަހު ކުރެވޭ ދަތުރެކެވެ. އޭގެ ތެރޭގައި ޝީ ޖިންޕިން އުތުރު ކޮރެއާއަށް ކުރެއްވި ޒިޔާރަތާއި، އުތުރު ކޮރެއާގެ ބޮޑުވަޒީރު ޕަކް ތޭ-ސޮންގް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ހިމެނެއެވެ. މީގެއިން ދައްކުވައިދެނީ އުތުރު ކޮރެއާގެ ދެ ބޮޑު ދެ ބައިވެރިން ކަމަށްވާ ރަޝިއާ އަދި ޗައިނާއާއެކު އެއްވަރެއްގައި ގުޅުން ބޭއްވުމަށް ޕިޔޮންގޔޭންގުން ކުރަމުންދާ މަސައްކަތްތަކެވެ.





