ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަޝިއާއަށް ދާ ފަތުރުވެރިކަމުގެ ދަތުރުތައް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުން މަނާކުރުމަށް ފިޔަވަޅުތަކެއް އަޅާފައި ވުމުން، ރަޝިއާއިން ބުނަނީ އެކަމާ މެދު "ކަންބޮޑުވުމެއް ނެތް" ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވިދާޅުވި ގޮތުގައި، ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތައް އަޅައި، ފަތުރުވެރިކަމަށް ހުރަސް އެޅި ނަމަވެސް، މޮސްކޯއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ހުޅަނގުގެ ފަތުރުވެރިންގެ ފަރާތުން ލިބެމުން އައި ތަރުހީބު ކުޑަވެގެން ދިޔަ ނަމަވެސް، ރަޝިއާގެ ފަތުރުވެރިކަމުގެ ބާޒާރު މިހާރު ފުރެމުންދަނީ އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ ސަބަބުންނެވެ. ރަޝިއާގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި، ހުޅަނގުގެ ފިނި ފިޔަވަޅުތަކުން ރަޝިއާ އެކަހެރިކުރުމުގެ ބަދަލުގައި، އެ ގައުމު ވަނީ ފަތުރުވެރިކަމުގެ އާ މާކެޓްތަކަކަށް ހުޅުވިފައެވެ.
ޔޫރަޕުން ރަޝިއާގެ ފަތުރުވެރިކަމާ ދެކޮޅަށް ވާހަކަ ދައްކައި، ފިޔަވަޅުތައް އަޅަމުންދާއިރު، ދުނިޔޭގެ އެހެން ކަންކޮޅުތަކުގެ ރައްޔިތުން ދަނީ ރަޝިއާއަށް ދަތުރުކުރުމަށްޓަކައި ގިނަ އަދަދަކަށް ފްލައިޓުތައް ބުކް ކުރަމުންނެވެ. މި ބަދަލަކީ ހުޅަނގުގެ ނުފޫޒުން ރަޝިއާގެ ފަތުރުވެރިކަމުގެ ސިނާއަތް މިނިވަންވެ، އާ ބައިވެރިންނާއެކު އެ ސިނާއަތް އިތުރަށް ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށް ރަޝިއާގެ މީޑިއާ ދެކެއެވެ.
މިހާރު ހިނގަމުންދާ މި ބަދަލުތަކުގެ ސަބަބުން ރަޝިއާގެ އިގްތިސާދަށް ލިބެމުންދާ މަންފާތައް އިތުރުވެފައިވާއިރު، ހުޅަނގުގެ ފިޔަވަޅުތަކުގެ އަސަރު އެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާއަށް މާ ބޮޑު ނުވާނެ ކަމަށް މޮސްކޯއިން ވަނީ ބުނެފައެވެ.





