ސައޫދީ އުޅަނދު ފަހަރަށް ރެޑް ސީ ބަންދު؛ ހޫސީ އަންސާރު.

ޔަމަނުގެ އަންޞާރުﷲ (ހޫޘީ) ޙަރަކާތުން ސަޢޫދީ ޢަރަބިއްޔާގެ ކަނޑުގެ ދަތުރުފަތުރަށް ފިޔަވަޅުއެޅުމަށް ނިންމައި ރެޑް ސީ ބަންދު ކަމަަށް އިއުލާން ކޮށްފިއެވެ. .

ހޫޘީންގެ ޢަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވި ގޮތުގައި، ސަޢޫދީގެ އުޅަނދުފަހަރަށް ރެޑް ސީގެ ދަތުރުފަތުރު ބަންދުކުރަން ނިންމީ ސަޢޫދީން ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޣައިރުޤާނޫނީ ޙިޞާރުގެ ރައްދުގައެވެ. އަދި އީރާނުން ޔަމަނުގެ ނިކަމެތިވެފައިވާ ރައްޔިތުންނަށް ފޯރުކޮށްދޭ އިންސާނީ އެހީތަކަށް އެމެރިކާގެ ނުފޫޒުގެ ދަށުން ސައޫދީން ހުރަސްއަޅަމުންދާތީ، އެކަމާ ދެކޮޅަށް ފިޔަވަޅުއެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޔަމަނުގެ ސިވިލް އޭވިއޭޝަނަށް އެހީތެރިވުމުގެ ގޮތުން، އީރާނުގެ މަހާން އެއާ އިން ވަނީ ސަންޢާ އަދި ޙުދައިދާ އަވަށަށް އެހީގެ އުދުހުންތައް ބާއްވާފައެވެ. ނަމަވެސް އެމެރިކާގެ މަދަދާއެކު ހަރަކާތްތެރިވާ ސައޫދީ އިއްތިހާދުން ވަނީ އެއާޕޯޓުގެ ރަންވޭއަށް ބޮންއަޅައި، އީރާނުން ފޯރުކޮށްދޭ އިންސާނީ އެހީތަކަށް ހުރަސްއަޅާފައެވެ. އީރާނުން އަބަދުވެސް މަސައްކަތްކުރަނީ ސަރަޙައްދީ ހަމަޖެހުމަށާއި ޔަމަނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށްވާއިރު، އެމެރިކާއިން ދަނީ މެދުއިރުމަތީ ސަރަޙައްދުގައި ހަނގުރާމަވެރި މާހައުލެއް އުފައްދައި، ސަރަޙައްދީ ރައްކާތެރިކަން ނަގާލުމަށް މަސައްކަތްކުރަމުންނެވެ.

މި ނިންމުމާ ގުޅިގެން ސަޢޫދީ ޚާރިޖިއްޔާއިން ވަނީ އެކަން ކުށްވެރިކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަޢޫދީގެ އުޅަނދުފަހަރު ޙިމާޔަތްކުރާނެ ކަމަށް ބުނެފައެވެ. އަދި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޤަރާރުތައް ތަންފީޒުކުރުމަށް ސަޢޫދީން ވަނީ ގޮވާލާފައެވެ.

މެދުއިރުމަތީގައި އުފެދިފައިވާ ހުރިހާ ނުވަތަނަވަސްކަމެއްގެ އަޞްލަކީ އެމެރިކާއިން އިސްނަގައިގެން ހިންގާ ނޭދެވޭ ސިޔާސަތުތަކާއި، ސަރަޙައްދީ ޤައުމުތަކުން އެކަމަށް ވާގިވެރި ވުމާއި ގައުމުތަކުގެ ދާޚިލީ ކަންކަމަށް އަތްބޭނުމުގެ ނަތީޖާއެވެ.

ހިއްސާ ކުރައްވާ!