ސަރުކާރު ހޮސްޕިޓަލުތަކުގައި ޤާއިމުކޮށްފައިވާ "އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން މިހާތަނަށް 23،800 އަށްވުރެ ގިނަ އައިނު ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން މައުލޫމާތު ދީފިއެވެ. މިއީ އާންމުންގެ ޖީބަށް ލުއިކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ ސިޔާސަތުގެ ދަށުން ހޯދާފައިވާ ބޮޑު ކުރިއެރުމެކެވެ.
އެމްސީޖީއެޗުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 4 ހޮސްޕިޓަލެއްގައި ޤާއިމުކޮށްފައިވާ އައިނު ފިހާރަތަކަށް ޖުމްލަ 23،847 އޯޑަރު ލިބިފައިވާއިރު، އޭގެތެރެއިން ގިނަ އައިނުތައް މިހާރު ވަނީ ތައްޔާރުކޮށް ހަވާލުކޮށްފައެވެ.
އެންމެ ގިނައިން އައިނު ހައްދާފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެޗް) އާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ.
- އައިޖީއެމްއެޗް: 13,595 އޯޑަރު (12,507 އައިނު ހަވާލުކުރެވުނު)
- ހުޅުމާލެ ހޮސްޕިޓަލް: 8,934 އޯޑަރު (8,247 އައިނު ހަވާލުކުރެވުނު)
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: 2,096 އޯޑަރު (1,746 އައިނު ހަވާލުކުރެވުނު)
- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: 1,650 އޯޑަރު (1,347 އައިނު ހަވާލުކުރެވުނު)
މި ޚިދުމަތަކީ އާސަންދައިގެ ދަށުން އަގުހެޔޮކޮށް އައިނު ހެއްދޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ފެށި ކަމެކެވެ. އެގޮތުން ކުރިން ކޮންމެ ދެއަހަރަކުން އެއްއަހަރު އައިނު ހެއްދުމަށް ދެމުންއައި 1,000 ރުފިޔާގެ އެހީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވަނީ 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މީގެއިތުރުން، ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން 15 ޖެނުއަރީ 2026 އިން ފެށިގެން އަމިއްލަ 18 ތަނަކުން ސަރުކާރުގެ އުސޫލާ އެއްގޮތަށް އާސަންދައިގެ ދަށުން އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. މީގެތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާ، އެޑްވާންސް އައި ކްލިނިކް، ސިޓީ އޮޕްޓިކަލް، ވިޜަން ކްލިނިކް އަދި ސިނަހިޔާ ހިމެނެއެވެ.







