އިންޑިއާގެ 'އަސްޓްރާ' މިސައިލަށް 6 ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފި

މި މަހުގެ ކުރީކޮޅު އިންޑިއާއިން އިންޑޮނޭޝިއާއާ އެކު ސޮއިކުރި އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ 'ބިޔޯންޑް-ވިޝުއަލް-ރޭންޖް' އެއާ-ޓު-އެއާ މިސައިލް 'އަސްޓްރާ' ގަތުމުގެ އެއްބަސްވުމަށްފަހު، އެ މިސައިލް ހޯދުމަށް އިތުރު 6 ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އޭގެ ތެރޭގައި އަރްމީނިއާ އާއި ސައުދީ އަރަބިއްޔާ ހިމެނެއެވެ.

އިންޑިއާގެ މި މިސައިލް ސިސްޓަމަށް ބައިނަލްއަގްވާމީ ފެންވަރުގައި ލިބެމުންދާ މި ބޮޑު ތަރުހީބަކީ، އޭގެ ހަނގުރާމައިގެ ގާބިލުކަމާއި، ޓެކްނޮލޮޖީގެ ކުރިއެރުމާއި، އަދި މިހާރު ދުނިޔޭގެ ޖިއޮޕޮލިޓިކްސް ބަދަލުވަމުންދާ ގޮތުގެ ނަތީޖާއެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަސްތްރާ މިސައިލަށް ޑިމާންޑް ބޮޑުވަނީ ކީއްވެ؟

  • ސިޔާސީ ގޮތުން އިތުބާރު ހުރި ބައިވެރިއެއް: އެމެރިކާ، ރަޝިއާ، އަދި ޗައިނާ ފަދަ ގައުމުތަކުގެ ހަތިޔާރަށް ބަރޯސާވުމުގެ ބަދަލުގައި، ގައުމުތަކުން މިހާރު އިސްކަންދެނީ ސިޔާސީ ގޮތުން މައްސަލަތައް މަދު، އަދި އިތުބާރު ހުރި އިންޑިއާ ފަދަ ގައުމަކުން ހަތިޔާރު ހޯދުމަށެވެ.

  • ފަންނީ ކުރިއެރުން: 'އަސްޓްރާ މާކް-1′ ގެ ރޭންޖަކީ ގާތްގަނޑަކަށް 110 ކިލޯމީޓަރެވެ. ތަރައްގީވަމުން އަންނަ 'މާކް-2′ އާއި 'މާކް-3′ ގެ ރޭންޖް 150 ކިލޯމީޓަރުން ފެށިގެން 300 ކިލޯމީޓަރާ ހަމައަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

  • ފްލެކްސިބިލިޓީ: މި މިސައިލް އިންޑިއާގެ 'ސުޚޯއި-30 އެމްކޭއައި' އާއި 'ތޭޖަސް' ފަދަ އެކި ބާވަތުގެ ފައިޓާ ޖެޓުތަކުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުރުމަކީ އެހެން ގައުމުތަކަށް ލިބޭ ބޮޑު ފަސޭހައެކެވެ.

ހަނގުރާމައިގެ އާ ވައްޓަފާޅި

ލަންޑަނުގެ މިލިޓަރީ އިންޓެލިޖެންސް ފާމެއް ކަމަށްވާ ގްލޯބަލްޑޭޓާގެ ޑިފެންސް އެނަލިސްޓް ހަރުޕްރީތު ސިދޫ ވިދާޅުވި ގޮތުގައި، ޒަމާނީ ވައިގެ ހަނގުރާމައިގައި މިހާރު ބަރޯސާވަނީ ލޮލަށް ފެންނަ ހިސާބުގައި ކުރާ ހަނގުރާމައަކަށް ނޫނެވެ. އޭގެ ބަދަލުގައި، ރޭޑާރުތަކާއި ސެޓެލައިޓްތަކާއި އަދި ސެކިއުއަރ ޑޭޓާ ލިންކްތައް ބޭނުންކޮށްގެން، ދުޝްމަނުންނަށް ނޭނގި އަމާޒު ހޯދައި ހަމަލާ ދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއަން ނޭވީގެ ރިޓަޔާޑް ކޮމޮޑޯރ ސޭޝަދްރީ ވަސަން ވިދާޅުވީ، މިދިޔަ އަހަރު ޕާކިސްތާނާ ދެކޮޅަށް ހިންގި 'އޮޕަރޭޝަން ސިންދޫރު' ގައި 'އަސްޓްރާ' މިސައިލް ވަރަށް ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ކަމަށެވެ. މިއީ މި މިސައިލަކީ ހަނގުރާމައިގެ މައިދާނުގައި ސާބިތުވެފައިވާ ހަތިޔާރެއްކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްޓްރާ މިސައިލްގެ ސިލްސިލާ އަކީ ގައުމުތަކުގެ ވައިގެ ސަރަހައްދު ހިމާޔަތްކުރުމަށާއި، ދުރު ރާސްތާގައި ހަމަލާ ދިނުމަށް ޝައުގުވެރިވާ ގައުމުތަކަށް ވަރަށް ފުރިހަމަ ހަތިޔާރެއްކަމަށް ތަޖުރިބާކާރުން އިއްތިފާގުވެއެވެ.

ހިއްސާ ކުރައްވާ!