ގިނަ އަނބިން ގެންގުޅެން ދަސްކޮށްދޭ ކޯހެއް

މިސްރުގެ އިސްލާމީ ދައުވާގެ މަސައްކަތުގައޖ އުޅޭ ޢަބްދުލްކަރީމް މަޙްމޫދު، "ގިނަ އަނބިން ހޯދައި ގެންގުޅުމާ ބެހޭ ކޯހެއް" ހިންގަން އިޢުލާން ކުރުމާ ގުޅިގެން މިޞްރުގެ ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓި، ބޮޑު މަލާމާތަކާއި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެއްޖެއެވެ.

އޭނާގެ ކޯހުގެ ފީއަކީ މިސްރު 400 ޕައުންޑެވެ.

އިޢުލާނުގައިވާ ގޮތުގައި މިއީ ވަރަށް ޚާއްސަ ފުރުޞަތެކެވެ. އަދި އޮންލައިން ވޮލެޓްތައް މެދުވެރިކޮށް 400 ޕައުންޑް ދެއްކުމުން ކޯހުގައި ބައިވެރިވެވޭނެއެވެ. އަދި މިއީ ވަގުތީ އަގެއް ކަމަށާއި، ފަހުން އަގު ބޮޑުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ސޯޝަލް މީޑިއާގައި 800،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި މި ދާޢީ ބުނި ގޮތުގައި، މި ކޯހަކީ ހަމައެކަނި ތިއަރީތަކެއް ދަސްކޮށްދޭ ކޯހެއް ނޫނެވެ. ނަމަވެސް، އެއީ ގިނަ އަނބިން ގޮވައިގެން އުޅޭ މީހެއްގެ ހައިސިއްޔަތުން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ޙަޤީޤީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ހިންގާ ކޯހެކެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އެކަކަށްވުރެ ގިނަ އަނބިންނާއެކު މުޢާމަލާތް ކުރާނެ ގޮތާއި، ފުރަތަމަ އާއިލާގެ ހަމަޖެހުން ދަމަހައްޓާނެ ގޮތުގެ އުޞޫލުތައް މި ކޯހުގައި ބައިވެރިންނަށް ދަސްކޮށްދޭ ޭނެއެވެ. އަދި މިފަދަ ކަމެއް ކުރަން ބޭނުންވާ މީހުންނަށް ޚާއްޞަ އިރުޝާދުތަކާއި މަޝްވަރާ ދިނުންވެސް ހިމެނެއެވެ.

މި އިޢުލާނާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް މަލާމާތްކޮށް، ފާޑުކިޔާފައެވެ. ގިނަ މީހުން ދެކޭ ގޮތުގައި މިއީ އާއިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ފައިސާ ހޯދަން ކުރާ ކަމެކެވެ. އަދި ދިރިއުޅުމުގެ އާއިލީ މައްސަލަތަކާއި ގިނަ އަނބިން ހެދުމުގެ ގޮންޖެހުންތަކަކީ އަވަސް، ފައިސާ ދައްކައިގެން ހިންގާ ކުރު ކޯހަކުން ޙައްލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އެމީހުން ފާހަގަކުރިއެވެ.

ކޮމެންޓް ކުރި އެކަކު މަޖާޒީ ގޮތެއްގައި ބުނެފައިވަނީ: "އިސްލާމްދީނުގައި ހަތަރު އަނބިން ހުއްދަކޮށްފައިވާތީ 400 ޕައުންޑަށް ކޯހެއް! އެއީ ކޮންމެ އަނބިކަނބަލަކަށް 100 ޕައުންޑް މަގުން ހެއްޔެވެ؟"

ހިއްސާ ކުރައްވާ!