ސުޢޫދީ ޢަރަބިއްޔާ ޑިޖިޓަލް މުޖުތަމަޢަކަށް: އާބާދީގެ 99.6 އިންސައްތަ އިންޓަރނެޓްގައި

ދުނިޔެއާއި ޢަރަބި ސަރަޙައްދުގައި ފެތުރެމުންދާ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ރޭހުގައި، ސުޢޫދީ ޢަރަބިއްޔާގައި އިންޓަރނެޓަކީ ހަމައެކަނި މަޢުލޫމާތު ހޯދުމަށް ނުވަތަ އިޖުތިމާޢީ ގުޅުންތަކަށް ބޭނުންކުރާ ވަޞީލަތެއްގެ ގޮތުގައި އޮތް އޮތުން މިހާރު ވަނީ ބަދަލުވެފައެވެ. އޭގެ ބަދަލުގައި، އިންޓަރނެޓް މިހާރު ވެފައިވަނީ އެޤައުމުގެ ޑިޖިޓަލް އިޤްތިޞާދާއި، ސަރުކާރުގެ ޚިދުމަތްތަކާއި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާ ބިނާވެފައިވާ މައިގަނޑު އަސާސަށެވެ.

ސުޢޫދީގެ ކޮމިއުނިކޭޝަންސް، ސްޕޭސް އެންޑް ޓެކްނޮލޮޖީ ކޮމިޝަނުން ނެރުނު "ސުޢޫދީ އިންޓަރނެޓް 2025″ ރިޕޯޓުން ދައްކާ ގޮތުގައި، އެޤައުމުގައި އިންޓަރނެޓް ބޭނުންކުރާ މީހުންގެ ނިސްބަތް ވަނީ 99.6 އިންސައްތައަށް އަރާފައެވެ. އަދި ކޮންމެ ފަރުދަކު މަހަކު ބޭނުންކުރާ އިންޓަރނެޓް ޑޭޓާގެ އެވްރެޖް މިންވަރު އުޅެނީ 53 ޖީބީ ގައެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑަށް އިންޓަރނެޓާ ގުޅިފައިވާ ޤައުމުތަކުގެ ތެރޭގައި ސުޢޫދީ ހިމެނިގެންދިޔަ މުހިންމު ސަބަބެކެވެ.

މި އަދަދުތަކުން ހަމައެކަނި ދައްކުވައިދެނީ ނެޓްވޯކް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުމެއް ނޫނެވެ. ނަމަވެސް، މިއީ ސުޢޫދީ ޢަރަބިއްޔާ ޑިޖިޓަލް އިޤްތިޞާދުގެ އާ މަރުޙަލާއަކަށް ފިޔަވަޅު އަޅައިފިކަމުގެ ހެކިދޭ ކަމެކެވެ. މީގެ ތެރޭގައި ކްލައުޑް ޚިދުމަތްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އިންޓަރނެޓް އޮފް ތިންގްސް އަދި ދުރުން މަސައްކަތްކުރުން އަދި އީ-ކޮމަރސް ފަދަ އިންޓަރނެޓަށް ބޭނުންވާ ދާއިރާތައް ހިމެނެއެވެ.

ރިޕޯޓުގައިވާ ގޮތުން، އާބާދީގެ 99.6 އިންސައްތައަށް އިންޓަރނެޓް ފޯރުކޮށްދެވިފައިވުމީ މުޅި އާބާދީއަށް ފުރިހަމައަށް ޚިދުމަތް ލިބުމާ ވަރަށް ކައިރިވެފައިވާ މިންވަރެކެވެ. މިއީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، ކޭބަލް އަދި މޮބައިލް ނެޓްވޯކްތައް ފުޅާކުރުމަށް ސަރުކާރުން ކުރި އިންވެސްޓްމަންޓްތަކުގެ ކާމިޔާބީއެވެ.

އަދި ކޮންމެ މީހަކު މަހަކު އެވްރެޖްކޮށް 53 ޖީބީގެ ޑޭޓާ ބޭނުންކުރުމަކީ އިންޓަރނެޓް ބޭނުންކުރާ ގޮތަށް އައިސްފައިވާ ބޮޑު ބަދަލެކެވެ. ހައި-ޑެފިނިޝަން ވީޑިއޯތަކާއި، ލައިވް ސްޓްރީމިންގ، އޮންލައިން ގޭމިންގ، ވީޑިއޯ ކޮންފަރެންސް އަދި ކްލައުޑް ޚިދުމަތްތަކަކީ މިހާރު އާންމުންގެ ދިރިއުޅުމުގެ އާންމު ބަޔަކަށް ވަނީ ވެފައެވެ.

މިފަދަ ރިޕޯޓްތައް ޝާއިއު ކުރުމުގެ މައިގަނޑު ބޭނުމަކީ، ނިންމުންތައް ނިންމާ ފަރާތްތަކަށާއި އިންވެސްޓަރުންނަށް އެހީތެރިވުމާއި، "ސުޢޫދީ ވިޜަން 2030″ ގެ އަމާޒުތަކާ އެއްގޮތަށް ޑިޖިޓަލް އިޤްތިޞާދުގެ ކުރިއެރުން ވަޒަންކުރުމެވެ.

ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވީ ކީއްވެ؟

ޓެކްނޮލޮޖީގެ މާހިރުން ދެކޭގޮތުގައި ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވުމަކީ ހަމައެކަނި އެކަކު އަނެކަކަށް ގުޅުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މުޅި މުޖުތަމަޢު ފުރިހަމަ ޑިޖިޓަލް މާހައުލަކަށް ބަދަލުވަމުންދާތީ ވާކަމެކެވެ.

4ކޭ ފެންވަރުގެ ވީޑިއޯ ސްޓްރީމިންގ، ކްލައުޑް ގޭމިންގ، ވާޗުއަލް ބައްދަލުވުންތައް އަދި ޖެނެރޭޓިވް އޭއައިގެ ވަޞީލަތްތައް ބޭނުންކުރުމަށް ބާރުމިންގަދަ އަދި ގިނަ އަދަދެއްގެ ޑޭޓާ ބޭނުންވެއެވެ.

މީގެއިތުރުން، 5ޖީ ނެޓްވޯކްތައް ފުޅާވުމަކީވެސް ޑޭޓާ ބޭނުންކުރުން އިތުރުވި ސަބަބެކެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ބޮޑެތި ފައިލްތައް ޑައުންލޯޑްކޮށް، މަތީ ފެންވަރުގެ ކޮންޓެންޓް ބެލުމުގެ ފުރުޞަތު ލިބުމުން، ކުރީގެ ނެޓްވޯކްތަކާ އަޅާބަލާއިރު ބޭނުންކުރެވޭ ޑޭޓާގެ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މީގެ އެންމެ ބޮޑު ފައިދާއެއް އިޤްތިޞާދަށް

އިންޓަރނެޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުމަކީ ހަމައެކަނި ޓެކްނިކަލް ކުރިއެރުމެއް ނޫނެވެ. މީގެ މަންފާ ސީދާ އެޤައުމުގެ އިޤްތިޞާދަށް ކުރެއެވެ. އިންޓަރނެޓާ ގުޅިފައިވާ މީހުންގެ އަދަދު އިތުރުވި ވަރަކަށް، އީ-ކޮމަރސް، ޑިޖިޓަލް މާލީ ޚިދުމަތްތައް، ސްމާޓް އެޕްލިކޭޝަންތައް، އަދި އޮންލައިންކޮށް ކިޔަވައިދިނުމާއި ދުރުން މަސައްކަތްކުރުމުގެ ފުރުޞަތުތައް ފުޅާވެ، އިޤްތިޞާދީ އާ ކުރިއެރުންތަކަށް މަގުފަހިވެގެންދެއެވެ.

ހިއްސާ ކުރައްވާ!