42 ރަށެއްގައި ފިޓްނަސް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސޮއިކޮށްފި

42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށްޓަކައި، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އާދީއްތަ ދުވަހު ސިލްސިލާ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" (އެޗް.އައި.ސީ.ޑީ.ޕީ) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ، ލޯކަލް އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ޒަރީއާއިން އިންޑިއާއިން އަވަށްޓެރި ގައުމުތަކާ އެކު ބާއްވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތެކެވެ.

މި އެއްބަްވުންތަކުގައި. ސޮއިކޮށްފައި ވަނީ  ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން އެވެ. މި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ޔޫތު އެމްޕަވަރމަންޓް, ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ.

މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ އެކި ރަށްތަކަށް ފިޓްނަސް ސާމާނު ފޯރުކޮށްދީ، ރަށްރަށުގެ އިޖުތިމާއީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ. މީގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަހުލުވެރިކުރުވުމާއި، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ފެންވަރު ރަނގަޅު ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން މި މަޝްރޫއުގެ ތެރެއިން ހިމެނެއެވެ.

"މިއީ ރަށްރަށުގެ މުޖުތަމައުތަކުގެ ދުޅަހެޔޮކަމާއި ސިއްހަތަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް،" ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތު ރަމްޒުކޮށްދޭ މަޝްރޫއެކެވެ. މިއީ ބައިނަލްއަގުވާމީ ގުޅުންތަކުގައި ގައުމުގެ ދާހިލީ ތަރައްގީގެ ކަންކަމަށ އިސްކަންދޭ ކަންކަން ކުރިއެރުވުމަށް ބާރުއަޅާ ސިޔާސަތެކެވެ.

ރާއްޖޭގެ ދެ މިނިސްޓަރުންވެސް ވަނީ އިންޑިއާ ސަރުކާރުން ވެދިން މި ހިލޭ އެހީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރު އިރުތިޝާމް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖަޔަޝަންކަރަށް، ދެގައުމުގެ ގުޅުން ބަދަހިކުރުމަށް އެބޭފުޅުން ބަހައްޓަވާ "ސަމާލުކަމާއި އިސްނެންގެވުމަށް" ހާއްސަ ޝުކުރެއް ރައްދުކުރައްވާފައެވެ.

މި ރަސްމިއްޔާތަށްފަހު، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ބުނެފައިވަނީ، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަކީ ޒަމާނުއްސުރެ ގާތް ދެ އެކުވެރިންގެ މެދުގައި އޮތް ތަރައްގީގެ ގުޅުމުގެ "އިތުރު މޭލުގަލެއް" ކަމަށެވެ.

ހިއްސާ ކުރައްވާ!