ބައިނަލްއަޤުވާމީ ފެންމަގުތަކުގައި ދަތުރުކުރާ އާގުބޯޓުފަހަރަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވެ، ކަލާސީންގެ ފުރާނައަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައި، ޤައުމުތަކުގެ މެދުގައި ކޯޑިނޭޝަން ވަރުގަދަކުރުމުގެ މަޤުޞަދުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޚާއްސަ އިސްނެގުމެއް ތައާރަފުކޮށްދެއްވައިފިއެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާގައި ކުރިއަށްދިޔަ އީސްޓް އޭޝިއާ ސަމިޓްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކަކީ އެކުއެކީގައި ކުރިއެރިމަށް ލިބިފައިވާ މުހިންމު ވަސީލަތެއް ކަމަށާއި، އެ ސަރަޙައްދުތަކުގެ ސަލާމަތާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ޤައުމެއްގެވެސް މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ. އަދި މިކަމަށްޓަކައި ޖޮއިންޓް ޓްރެއިނިންގ އާއި އިމަޖެންސީ ރެސްޕޮންސްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭ "ސީފެރަރޒް ސޭފްޓީ އިނިޝިއޭޓިވް" ނަމަކަށް ކިޔާ ޕްރޮގްރާމެއް ފައްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަމިޓަކީ އިސްޓް އޭޝިއާ ސަމިޓާއި، އާޝިއަންގެ އަހަރީ ސަމިޓުގެ އިތުރުން ކުއަޑްގެ އިސްވެރިންގެ ބައްދަލުވުންވެސް އެއް ތަނެއްގައި ކުރިއަށްދާ ޚާއްސަ ދަނޑިވަޅެކެވެ. މިއީ މެދުއިރުމަތީގެ މަސްރަހާއި ޚާއްސަކޮށް ހުރްމުޒު ކަނޑުއޮޅިއާއި އަރަބި ކަނޑުގެ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވިޔަފާރި ބޯޓުފަހަރަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި ބޭއްވި ބައްދަލުވުމެކެވެ.
އިންޑިއާގެ ބަނދަރުތަކާއި ޝިޕިންގ އަދި ވޯޓަރވޭޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ ކަނޑުދަތުރުކުރާ ކަލާސީ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެން ގިނައިން ސަޕްލައި ކޮށްދެނީ އިންޑިއާއެވެ.
ޖުމްލަ 310,000 އަށްވުރެ ގިނަ އިންޑިއާ ކަނޑުގެ ސިފައިންނާއި މަސައްކަތްތެރިން ބައިނަލްއަޤުވާމީ ޝިޕިންގ ފްލީޓްތަކުގައި މަސައްކަތްކުރަމުންދެއެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި ފެށި އެމެރިކާ-އިސްރާޢީލުގެ ހަނގުރާމައިގެ ސަބަބުން މި ސަރަޙައްދުގެ މަސްރަހު ގޯސްވެ، އިންޑިއާގެ ސަތޭކައަށްވުރެ ގިނަ ފަޅުވެރިންނަށް ވަނީ ބަނދަރުތަކުގައި ތާށިވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން، މި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް އިންޑިއާގެ މަދުވެގެން 11 ކަލާސީން ވަނީ އެކި ހަމަލާތަކުގައި މަރުވެފައެވެ.
އޭގެ ތެރޭގައި އޮމާން ކައިރިން ދަތުރުކުރި އިންޑިއާގެ ދިދަ ޖެހި ކާގޯ ބޯޓަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ޒުވާން ފަޅުވެރިއަކު މަރުވުމުގެ އިތުރުން، ޖޫން މަހު ޕަލާއޫގެ ދދިަ ޖެހި ޓޭންކަރަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު ވަނީ މަރުވެފެވެ.
މި ހާދިސާތަކާ ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ ޑިޕްލޮމެޓިކް އިސް އޮފިޝަލުން ހާޒިރުކޮށް ރަސްމީކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހާލަތާ ގުޅިގެން، ޚަލީޖު ސަރަޙައްދުން އިންޑިއާގެ 4,000 ކަންހާ މީހުން އަނބުރާ ޤައުމަށް ގެނެސްފައިވީ ނަމަވެސް، ޝިޕިންގ ސެކެޓްރީ ވިޖޭ ކުމާރު ވިދާޅުވި ގޮތުގައި އޮކްޓޯބަރު 8 ގެ ނިޔަލަށްވެސް 139 އިންޑިއާ ފަޅުވެރިން ތިބީ ހުރްމުޒު ކަނޑުއޮޅީގައި ތާށިވެފައެވެ. މީގެ އިތުރުން އީރާނާއި ޕާކިސްތާނުގެ ބަނދަރުތަކުގައިވެސް އިންޑިއާގެ ފަޅުވެރިން ތާށިވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.






