ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައި ކުޑަކުދިންގެ މެދުގައި އެޗް.އައި.ވީ ފެތުރެނީ

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގެ ސަރުކާރު ހޮސްޕިޓަލަކާ ގުޅުންހުރި އެޗް.އައި.ވީ އައުޓްބްރޭކެއްގައި މަދުވެގެން 130 މީހުން ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ފާއިތުވި ހަފްތާތަކުގައި މި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މިއީ އެގައުމުގެ ސިއްހީ ނިޒާމުގައި އޮތް ބޮޑު ބަލިކަށިކަމެއް ހާމަކޮށްދޭ ހާދިސާއެކެވެ.

ސިންދުގެ ލޭބަރ މިނިސްޓަރު ސައީދު ޢަނީ ވިދާޅުވި ގޮތުގައި، ސިންދު އެމްޕްލޯއީސް ސޯޝަލް ސެކިއުރިޓީ އިންސްޓިޓިއުޝަން (ސެސީ)އިން ހިންގާ ކުލްސުމް ބައި ވަލީކާ ހޮސްޕިޓަލާއި އެ ސަރަހައްދުން 10،500 އަށްވުރެ ގިނަ މީހުން ސްކްރީން ކުރިއިރު 120 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ކަރާޗީގެ ލާންދީ ސަރަހައްދުގެ އެހެން މަރުކަޒަކުން އިތުރު 10 ކޭސް ފެނިފައިވެއެވެ. ސެސީ އަކީ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެކެވެ.

އިހުމާލުތަކާއި ސިއްހީ ނިޒާމުގެ މައްސަލަތައް

މި ކާރިސާގެ މައުލޫމާތު ފުރަތަމަ ތިލަވީ 2025 ނޮވެމްބަރުގައެވެ. ނަމަވެސް، އޮފިޝަލުން ވިދާޅުވާ ގޮތުގައި މިކަން ފެށިފައިވަނީ 2025 އޮކްޓޯބަރުގައެވެ.

ޗީފް މިނިސްޓަރު މުރާދު އަލީ ޝާހަށް އެރުވި ރިޕޯޓުތަކުން އެނގޭ ގޮތުގައި، ހޮސްޕިޓަލުގައި އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ އުސޫލުތަކަށް އަމަލުކޮށްފައެއް ނުވެއެވެ. ރައްކާތެރިކަމުގެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމާއި، އެއްފަހަރު ބޭނުންކުރާ ސިރިންޖު ގެންގުޅުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވެއެވެ. ޖޫން މަހު ހުށަހެޅި ރިޕޯޓެއްގައި 78 މީހުންނަށް ބަލިޖެހި 6 ކުދިން މަރުވި މައްސަލައިގައި ހޮސްޕިޓަލުގެ އިސް މުވައްޒަފުން ޒިންމާދާރުކޮށްފައިވެއެވެ.

މި މައްސަލައިގައި 37 ޑޮކްޓަރުންނާއި ސްޓާފުންނަށް ނޯޓިސް ދީފައިވާއިރު، މިނިސްޓަރު ޢަނީ ވަނީ މީގެ އިދާރީ ޒިންމާ ނަންގަވައި، މަގާމުން އިސްތިއުފާ ދޭންޖެހުނަސް ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

މުޅި ގައުމަށް އޮތް ބޮޑު ބިރެއް

މިއީ ސިންދުގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ޔޫ.އެން.އެއިޑްސް  އިން ބުނާގޮތުގައި ޕާކިސްތާނަކީ އެ ސަރަހައްދުގައި އެންމެ ހަލުވިކަމާއެކު އެޗް.އައި.ވީ ފެތުރޭ ގައުމެވެ. ފާއިތުވި 15 އަހަރު ތެރޭގައި އަހަރަކު އަލަށް ބަލިޖެހޭ މީހުންގެ އަދަދު 200 އިންސައްތަ އިތުރުވެފައިވެއެވެ (2010 ގައި 16،000 އިން 2024 ގައި 48،000 އަށް) އޮތެވެ.

ޖުމްލަ 350،000 އެއްހާ މީހުން ޕާކިސްތާނުގައި އެޗްއައިވީ އޭޑްސް ބައްޔާއެކު ދިރިއުޅޭއިރު، އޭގެ ތެރެއިން 80 އިންސައްތަ މީހުންނަށް އެމީހުންގެ ގައިގައި ބަލި ހުރިކަމެއް ނޭނގެއެވެ. ކުޑަކުދިންގެ އުމުރުން 0-14 އަހަރުގައި ބަލިޖެހޭ މިންވަރު 2010 ގައި 530 ގައި ހުރިއިރު 2023 ގައި ވަނީ 1,800 އަށް އަރާފައެވެ. މީގެ ތެރެއިން ފަރުވާ ލިބެނީ އެންމެ 38 އިންސައްތަ ކުދިންނަށެވެ.

’ދަ ލަންސެޓް އެޗް.އައި.ވީ' މެގަޒިންގައި ސައިންސްވެރިން ބުނެފައިވަނީ ޕާކިސްތާނުގައި ބަލި ފެތުރެނީ ސީދާ ސިއްހީ ނިޒާމުގެ ތެރޭގައި ހުންނަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުންނެވެ.

އާގާ ޚާން ޔުނިވަރސިޓީ ހޮސްޕިޓަލުގެ ޕްރޮފެސަރ ސައީދު ފައިސަލް މަހްމޫދު ވިދާޅުވީ މިއީ ވަކި ހޮސްޕިޓަލެއްގެ މައްސަލައެއް ނޫން ކަމަށާއި، މުޅި ގައުމުގައިވެސް އިންޖެކްޝަން ޖެހުމުގެ ރައްކާތެރިކަން ކުޑަވުމުގެ މައްސަލަ އެބައޮތް ކަމަށެވެ. މީގެ އިތުރުން ޕާކިސްތާނުގައި ހެޕަޓައިޓިސް ސީ ވެސް ގިނައީ މި ސަބަބާ ހުރެއެވެ.

ޕްރޮފެސަރ މަހްމޫދު އިތުރަށް ވިދާޅުވީ ބަލިމީހުން ޑޮކްޓަރަށް ދެއްކުމުން އިންޖެކްޝަން ޖަހަން އުންމީދުކުރުމުގެ ސަގާފަތެއް އޮތުމަކީވެސް މި ނުރައްކާ ބޮޑުވާ ސަބަބެކެވެ.

މި މައްސަލަ ސިންދު ހައިކޯޓަށް ވައްދާފައިވާއިރު، ކޯޓުން ވަނީ ޖުލައި 20 ގެ ކުރިން ޖަވާބުދާރީވުމަށް ސަރުކާރަށް އަމުރުކޮށްފައެވެ.

މަރުކަޒީ ލެވެލްގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ފެންވަރުދަށު ސިރިންޖު ބޭނުންކުރުން މަނާކުރައްވާފައެވެ. އަދި 2027 ޖެނުއަރީން ފެށިގެން އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ކޮންވެންޝަނަލް ސިރިންޖު ރީޓެއިލްކޮށް ވިއްކުން މަނާކުރާނެއެވެ. ފެޑްރަލް ހެލްތު މިނިސްޓަރު މުސްތަފާ ކަމާލް ވިދާޅުވީ އޮޕަރޭޝަންތަކުގެ ކުރިން އެޗް.އައި.ވީ ސްކްރީން ކުރުން މަޖުބޫރު ކުރާނެ ކަމަށެވެ.

ސިންދު ސަރުކާރުން ވަނީ ބަލިޖެހުނު ކުދިންނަށް ދިގުމުއްދަތަކަށް ފަރުވާ ދިނުމަށް 2 ބިލިއަން ރުޕީސްގެ ފަންޑެއް ހަމަޖައްސާފައެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ޕާކިސްތާނުގެ ސިއްހީ ހިދުމަތުގެ 60 އިންސައްތައަކީ ޕްރައިވެޓް ސެކްޓަރ ކަމަށްވުމުން، އެތަންތަން ރެގިއުލޭޓް ކުރުމަކީ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!