ދައުލަތުގެ މުއައްސަސާތަކާ އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމަށާއި، ނުރުހުންތެރިކަން އޮތީ "ވެރިކަމުގެ ހުންގާނުގައި ތިބި މީހުންނާ" މެދު ކަމަށް ވިދާޅުވެ، ސިފައިންނަށް ފާޑު ވިދާޅުވި ވާހަކަތަކަށް މަޢާފަށް އެދުމަށް ޖޭ.ޔޫ.އައި-އެފްގެ ރައީސް މައުލާނާ ފަޒުލުއްރަޙްމާން ދެކޮޅު ހައްދަވައިފި އެވެ.
އިސްމާލްއާބާދުގައިު ބޭއްވި ޖަމުއިއްޔަތޭ އުލަމާއޭ އިސްލާމް (ފަޒުލް)ގެ ވަކީލުންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޖޭ.ޔޫ.އައި-އެފް ގެ ވެރިޔާ ވަނީ އޭނާއާ ދެކޮޅަށް ހިންގަމުންދާ "ޕްރޮޕަގަންޑާ ކެމްޕޭން" އަށް ފާޑުވިދާޅުވެފައެވެ.
މައުލާނާ ފަޒުލުއްރަޙުމާން އިޝާރާތް ކުރެއްވީ ވޭތުވެދިޔަ ހަފުތާގައި ކަސޫރުގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ޚައިބަރު ޕަޚްތޫންޚުވާ އާއި ބަލޮޗިސްތާނުގެ ސަލާމަތީ ޙާލަތާއި ޓެރަރިޒަމާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަށެވެ. އެ އެއްވުމުގައި އޭނާ ސަލާމަތީ ބާރުތަކާއި ސިފައިންނާ ބެހޭގޮތުން ބައެއް ފާޑުކިޔުންތައް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ބަޔާނާ ގުޅިގެން ސިޔާސީ ދާއިރާތަކުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ވެރިކަންކުރާ ޕާޓީގެ ބައެއް ވަޒީރުންނާއި ލީޑަރުން ވަނީ އެ ވާހަކަތަކަށް މަޢާފަށް އެދުމަށާއި، އެ ވާހަކަތައް އަނބުރާ ގެންދިއުމަށް އޭނާއަށް ގޮވާލާފައެވެ.
ނަމަވެސް، ޖޭ.ޔޫ.އައި-އެފް ގެ ވެރިޔާ ފަޒުލް ވިދާޅުވީ އޭނާގެ މަޤްޞަދަކީ ސިފައިންނަށް ނުވަތަ މުއައްސަސާއަށް އިޙްތިރާމް ކުޑަކުރުން ނޫން ކަމަށާއި، އޭނާގެ ފާޑުކިޔުންތައް އަމާޒުވީ ސިޔާސަތުތައް ކަނޑައެޅުމުގެ ޒިންމާދާރު ވެރިންނަށް ކަމަށެވެ.
ތަޖުރިބާކާރު ސިޔާސީ މޭސްތިރިޔާ ފަޒުލް ވިދާޅުވީ، އޭނާ ހަމައެކަނި ހަނދާންކޮށްދެއްވީ ސަލާމަތީ މުއައްސަސާގެ ޒިންމާތަކާއި، ޤާނޫނުއަސާސީގެ އިމުގެ ތެރެއިން އެ މުއައްސަސާ އަކުން ޢަމަލުކުރަންޖެހޭނެ ކަމެވެ.
ޖޭ.ޔޫ.އައި-އެފް ގެ ލީޑަރު ތުހުމަތު ކުރެއްވި ގޮތުގައި، އޭނާގެ ވާހަކަތައް އޮޅުވާލަމުންދަނީ އޭނާއާއި އޭނާގެ ޕާޓީގެ އަބުރު ކަތިލުމަށެވެ. އަދި ޚިޔާލުތަފާތުވުމަކީ ދައުލަތާ ދެކޮޅު "ދުޝްމަންކަމެއް" ގެ ގޮތުގައި ބަލައިގެންނުވާނެ ކަމަށް ތަކުރާރުކުރެއްވިއެވެ.
ސިޔާސީ ފިއްތުން ތަކާ ހުރެ އޭނާގެ ވާހަކަތަކުން ފަހަތަށް ޖެހިވަޑައިނގަންނަވާނެ ކަމަށާއި، އޭނާއަށް ފާޑުކިޔައި ހުތުރު ބަސްތައް ބުނެގެން ޙަޤީޤަތް ބަދަލުނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުލާނާ ވިދާޅުވީ އޭނާ އަބަދުވެސް ޝަހީދުންނަށް އިޙްތިރާމްކޮށް، އެމީހުންގެ ޤުރުބާނީތަކުގެ އަގުވަޒަންކުރާ ކަމަށާއި، އެމީހުންގެ ޝަރަފާ މެދު ސިޔާސީ ކުޅިވަރު ކުޅެގެން ނުވާނެ ކަމަށެވެ.
ޝަހީދުންގެ ޢާއިލާތަކަށް އިޙްތިރާމްކުރުމަކީ އެންމެންގެ ޖަމާޢީ ޒިންމާއެއް ކަމަށް ވިދާޅުވަމުން، އޭނާގެ ގާތް އެތައް ބަޔަކުވެސް ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައިވާކަން ހަނދާންކޮށްދެއްވިއެވެ.
ޖޭ.ޔޫ.އައި-އެފް ގެ ވެރިޔާ ވިދާޅުވި ގޮތުގައި، ދައުލަތުގެ ބާރުގެ އަޞްލަކީ ޤާނޫނުއަސާސީގެ މަތިވެރިކަމެވެ. އަދި ކޮންމެ މުއައްސަސާއަކަށް ލިބޭ އިޙްތިރާމެއް ގުޅިފައިވަނީ ޤާނޫނުއަސާސީގައި އެ މުއައްސަސާއަކަށް މަތިކޮށްފައިވާ ދައުރާއެވެ. ސިޔާސަތުތަކަށް ފާޑުކިޔުމަކީ ދައުލަތަށް ނަފްރަތުކުރުން ކަމަށް ބަލައިގެންނުވާނެ ކަމަށާއި، ޤައުމީ މައްސަލަތަކުގެ ޙައްލު އޮތީ މަޝްވަރާއާއި ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
މައުލާނާގެ ދީނީ ތަޤްރީރުގައި އިތުރު ބޮޑު މައްސަލައަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެއީ ދީނީ މަދަރުސާތައް ރަޖިސްޓްރީކުރުން ލަސްވަމުންދާ މައްސަލައެވެ. އޭނާ ވިދާޅުވީ ދީނީ ސްކޫލްތައް ރަޖިސްޓްރީ ކުރުމަށް 2004-2005 ގައި އެއްބަސްވުމެއްގައި ސޮއިކުރެވުނު ނަމަވެސް، އެކަމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
މިހާރުގެ ސަރުކާރަކީ "އިންތިޚާބު އޮޅުވާލައިގެން" އުފައްދާފައިވާ ސަރުކާރެއް ކަމަށް ތުހުމަތުކުރައްވަމުން، ބަލޮޗިސްތާނުގެ ސަރުކާރުގެ ބައިވެރިއަކަށްވުމަށާއި، ޚައިބަރު ޕަޚްތޫންޚުވާގައި ޕީ.ޓީ.އައި ގެ ބަދަލުގައި ވެރިކަމާ ޙަވާލުވުމަށް އެ ޕާޓީއަށް ހުށަހެޅި ކަމަށާއި، ނަމަވެސް އެ ދެ ހުށަހެޅުމަށްވެސް އިންކާރުކުރެއްވި ކަމަށް ވިދާޅުވިއެވެ.
ޚައިބަރު ޕަޚްތޫންޚުވާގެ ދެކުނު ޑިސްޓްރިކްޓްތަކުގައި ޓެރަރިޒަމް އިތުރުވަމުންދާކަން ފާހަގަކުރައްވައި، މި މައްސަލައިގައި ޤާނޫނުހަދާ މަޖިލީހުގެ ސިއްރު ޖަލްސާއެއް ބޭއްވުމަށް ޖޭ.ޔޫ.އައި-އެފް ގެ ލީޑަރު ގޮވާލެއްވިއެވެ. އެއީ ސަލާމަތީ ޙާލަތުގެ ނުރައްކާތެރިކަން މަޖިލިސް މެންބަރުންނަށް ވިސްނިވަޑައިގަތުމަށްޓަކައެވެ.






