މެދުއިރުމަތީގެ ސަލާމަތީ މަސްރަހު އިންތިހާއަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި، ޖޯޑަން އަދި ގަލްފުގެ ބައެއް ގައުމުތަކުން ޕާކިސްތާނާއެކު ދިފާއީ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ފަށައިފިއެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން، ސަރަހައްދީ ބާރުތަކުގެ މެދުގައި އުފެދިފައިވާ ބިރުވެރިކަމުގެ ނަތީޖާއެކެވެ.
ކުވައިތު، ބަހުރައިން އަދި ޖޯޑަން ފަދަ ގައުމުތަކުން ޕާކިސްތާނުގެ އަސްކަރީ ގާބިލުކަމާއި، އެ ގައުމުން ފާއިތުވި އަހަރުތަކުގައި ތަރައްގީކޮށްފައިވާ ދިފާއީ ސިނާއަތުގެ ބޭނުން ހިފުމަށް އިސްކަންދެމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ބަދަލެއްގެ ގޮތުން، ޕާކިސްތާނަށް ބޭނުންވާ ހަކަތައިގެ ރައްކާތެރިކަމާއި، އިންވެސްޓްމަންޓްތައް ހޯދައިދިނުމަށް އެ ގައުމުތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
މި ހަރަކާތްތަކަކީ، އެމެރިކާއަކީ ދިފާއީ ގޮތުން ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ބައިވެރިއެއް ކަމާ މެދު އެ ގައުމުތަކުން ޝައްކު ކުރާ ދަނޑިވަޅެއްގައި، ސަލާމަތީ ގޮތުން "ރައްކާތެރި" އިޚުތިޔާރެއް ހޯދުމަށް ގަލްފުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތެއް ކަމަށް މާހިރުން ދެކެއެވެ. ޚާއްސަކޮށް، ކުވައިތުން ޕާކިސްތާނުގައި ތެޔޮ ރައްކާކުރާ ގުދަންތައް ގާއިމުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ޖޯޑަން އިން އަންނަނީ ހަތިޔާރު ގަތުމާއި އަސްކަރީ ތަމްރީނުތަކުގެ އެއްބަސްވުންތަކަށް މަސައްކަތް ކުރަމުންނެވެ.
މިފަދަ ގުޅުންތަކުގެ ބިންގަލަކީ، މިދިޔަ އަހަރު ސައުދީ އަރަބިއްޔާއާ ޕާކިސްތާނާ ދެމެދު ގާއިމުކުރި ދިފާއީ އެއްބަސްވުމެވެ. ނަމަވެސް، މި ހުރިހާ މަސައްކަތްތަކެއްގެ ތެރޭގައި ޕާކިސްތާނަށް ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އިސްލާމްއާބާދުގެ އޮފިޝަލުން ކަންބޮޑުވަނީ، މިފަދަ އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާ އާއި އީރާނުގެ ހަނގުރާމައިގެ ތެރެއަށް ޕާކިސްތާން ދަމައިގެންފާނެތީއެވެ.
މި ކަންބޮޑުވުންތައް އިތުރުވެފައިވަނީ މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ސޮލީބި ހަމަލާތައް އަލުން ފެށިކަން އިއުލާން ކުރެއްވުމުންނެވެ. މިއީ އިސްލާމްއާބާދު ފަހުމުނާމާއާ ޚިލާފްވެ އެމެރިކާއިން ދިން ރައްދު ހަމަލާތަކެކެވެ.
މި ހަލަބޮލި މަސްރަހުގައި ޕާކިސްތާނުން ދެމުންދާ ޔަގީންކަމަކީ، އެ ގައުމުން މިވަގުތު އެއްވެސް ގައުމަކަށް ހަނގުރާމައިގެ މައިދާނަށް ސިފައިން ފޮނުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމެވެ. ނަމަވެސް، ސަރަހައްދީ ބާރުތަކުގެ މެދުގައި އުފެދިފައިވާ މި ބައިބައިވުންތަކުގެ ތެރޭގައި، ޕާކިސްތާނުގެ ދިފާއީ މެޝިނަރީއަށް އޮތް ޑިމާންޑް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.





