ޕާކިސްތާނުގެ ގިލްގިތު-ބަލްޓިސްތާނުގައި އާންމުންގެ ނުރުހުން އަމާޒުވި ޖޫން 7 ގެ އިންތިޚާބަށްފަހު، ބިލާވަލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީ.ޕީ.ޕީ) އަށް ވަނީ ގިލްގިޓްގެ ވެރިކަން ލިބިފައެވެ. އަދި ޝިއައީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މި ސަރަހައްދުގެ ޗީފް މިނިސްޓަރަކަށް އަމްޖަދު ޙުސައިން ވަނީ އައްޔަންކޮށްފައެވެ. މި ސަރަހައްދުގެ މައްޗަށް ފުރިހަމަ ބާރު ހޯދުމަށްޓަކައި، ޝެހްބާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް އާއި ޕީ.ޕީ.ޕީ އާ ދެމެދު ވަނީ ސިއްރު އެއްބަސްވުމެއް ހަދައި، ސަރަހައްދީ އަޑުތައް އެއްކޮށް ކަނޑުވާލުމަށްޓަކައި އިދާރީ ބާރުތައް ބަހާލާފައެވެ.
އިސްލާމްއާބާދުގެ ބާރު ފުޅާކުރުމުގެ އެޖެންޑާގެ ދަށުން، ވޭތުވެދިޔަ 78 އަހަރު އަސްކަރީ ބާރުގެ ދަށުގައި ބާއްވާފައިވާ ގިލްގިޓް ބަލްޓިސްތާން ރަސްމީކޮށް ޕާކިސްތާނުގެ ޕްރޮވިންސެއްގެ ގޮތުގައި ހެދުމަށް ޕްރޮވިންސްގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ބުރާސްފަތި ދުވަހު، ސަރަހައްދީ އެސެމްބްލީން ވަނީ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ގޮތަށް، އެ ސަރަހައްދަކީ ޕާކިސްތާނުގެ "ފަސްވަނަ ޕްރޮވިންސް" ކަމަށް ކަނޑައެޅުމަށް ގޮވާލާ ގަރާރު ފާސްކޮށްފައެވެ.
މި ގަރާރުގެ ކޮޕީގައި ބިލާވަލް ބުއްޓޫގެ ޕީ.ޕީ.ޕީ ގެ ޗީފް މިނިސްޓަރާއި ސްޕީކަރު، އަދިޕާިސްތާން މުސްލިމު ލީގް (ނ)ގެ އިދިކޮޅު ލީޑަރާއި ޑެޕިއުޓީ ސްޕީކަރުގެ އިތުރުން ދެ މިނިވަން މެންބަރަކު ސޮއިކޮށްފައިވެއެވެ. ބޮޑު ތާއީދަކައެކު ފާސްކުރި މި ގަރާރު މިހާރު ވަނީ އިސްލާމްއާބާދަށް ފޮނުވާފައެވެ. މީގެ ބޭނުމަކީ ގާނޫނުއަސާސީގެ އިސްލާހެއްގެ ދަށުން، ޕާކިސްތާނުގެ ޕާލަމެންޓުން މި ޕްރޮވިންސަށް ހުއްދަ ދިނުމަށެވެ.
އާޓިކަލް 370 އަށްފަހު އުފެދުނު ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން
މި އަވަސް އަރުވާލައިގެން ކުރިއަށްގެންދާ ހަރަކާތަކީ، 2019 ވަނަ އަހަރު އިންޑިއާއިން ޖައްމޫ އަދި ކަޝްމީރު އެ ގައުމުގެ ފުރިހަމަ ބައެއްގެ ގޮތުގައި ކަޝްމީރު ހެދުމަށް މާއްދާ 370 އާއި 35އޭ އުވާލުމާ ގުޅިގެން ޕާކސްތާނުން އެޅި އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ބިލާވަލް ބުއްޓޫ އާއި ޝެހްބާޒް ޝަރީފްގެ ކޯލިޝަން ސަރުކާރަށް އިސްލާމްއާބާދާއި ގިލްގިތު-ބަލްޓިސްތާނުގެ ގާނޫނު ހަދާ މަޖިލިސް ލިބިފައި އޮތުމާއެކު، ޕާކިސްތާނުގެ ވެރިންނަށް މި ގަރާރު ފާސްކުރުން ވެގެންދިޔައީ ވަރަށް ފަސޭހަ ގޮތަކަށެވެ.
ޕާކިސްތާނުގެ ގާނޫނުއަސާސީ ބުނާގޮތުން އެ ގައުމުގައި އޮންނަން ޖެހެނީ ހަމައެކަނި ހަތަރު ޕްރޮވިންސެވެ. އެއީ ޕަންޖާބު، ސިންދު، ބަލޮޗިސްތާން، އަދި ޚައިބަރު ޕަޚްތޫންޚުވާއެވެ. އަދި ގިލްގިތު-ބަލްޓިސްތާނަކީ މައްސަލަ ޖެހިފައިވާ ބިމެއް ކަމުން އެތަން ޕްރޮވިންސްގައި ހިމަނާފައެއް ނުވެއެވެ. އެހެންކަމުން އެ ސަރަހައްދަށް އޮންނަނީ ވަކި ޚާއްޞަ މިނިވަން ދަރަޖައެއް ދެވިފައެވެ.




