ޕާކިސްތާނުގައި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާތަކަށް ފާޑު ކިޔުން

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި، ހުދު ތުނބުޅިއެއް ލީ މީހަކު ކެމެރާއަށް ބަލަހައްޓައިގެން ހުރެ ހަމަޖެހިލާފައި ބުނެ އެވެ: "އަހަރެން އަހަރެންގެ އަންހެނުން މަރާލައިފިން." އޭނާ މި ގަތުލު ސިފަކުރީ ދޭދޭ މުއާމަލާތެއްގެ މުއާމަލާތެއްގެ ގޮތުގަ އެވެ؛ އޭނާގެ ޖިންސީ ގުޅުމުގެ އެދުމަށް އަންހެނުން އިންކާރު ކުރުމުން އޭނާ މަރާލީ ކަމަށް އޭނާ ބުނެ އެވެ.

ކަރާޗީގެ އޮރަންގީ ސަރަހައްދުގެ ފުލުހުންގެ މަރުކަޒަކަށް ވަދެ، 64 އަހަރުގެ މި މީހާ ކުރި މި އިއުތިރާފަކީ ވަކި ހާދިސާއެއް ނޫނެވެ. މިއީ ޕާކިސްތާނުގައި އުފެދިފައިވާ ބޮޑު ކާރިސާއެއްގެ ކުޑަ މަންޒަރެއް ކަމަށް ދަ ޓެލެގްރާފުން ބުނެއެވެ. ޕާކިސްތާނުގައި އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާތައް މިހާރު މިވަނީ ނުރައްކާތެރި މިންވަރަކަށް ގޮސްފަ އެވެ. މިފަދަ ހާދިސާތައް ގިނަ ފަހަރަށް ފޮރުވިގެން ދަނީ، ކުށްތައް އިންކާރުކުރާ ސަގާފަތަކާއި، ގާނޫނީ އަދި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގައި އޮތް ނިޒާމީ ފޭލްވުމެއްގެ ސަބަބުންނެވެ.

ސިންދު ޕްރޮވިންސްގެ ޗީފް ޕޮލިސް ސާޖަން، ޑރ. ސުމައްޔާ ސައީދު-ތާރިގަށް މި ބިރުވެރިކަމަކީ  ކޮންމެ ދުވަހެއްގެ ހަގީގަތެކެވެ. ކަރާޗީގެ މެޑިކޯ-ލީގަލް ނިޒާމުގެ ތެރޭގައި 26 އަހަރު ވަންދެން އޭނާ މަސައްކަތްކުރައްވާފައިވާއިރު، އަނިޔާވެރިކަމަށް މުޖުތަމައު ދެމުންދާ ލުއި ދިނުމާއި މީހުން ހޭނެމުންދާ މިންވަރު އޭނާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވަ އެވެ.

"މުޖުތަމައެއްގެ ގޮތުން އަނިޔާވެރިކަމަށް އަހަރެމެންގެ ތެރޭގައި އޮތް ތަހައްމަލު ކުރުމާއި ބަލައިގަތުމުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" ޑރ. ތާރިގް ވިދާޅުވި އެވެ. "މިފަދަ ހާދިސާތަކަކީ ފެންނަން ހުރި ހަގީގަތުގެ ކުޑަ މިންވަރެއް އެކަނި." އޭނާ ވިދާޅުވިއެވެ.

އަނިޔާތައް ފޮރުވުމުގެ ނިޒާމު ވަރަށް ވަރުގަދަ އެވެ. ގޭތެރޭގައި އަންހެނަކު މަރާލުމުން، އާއިލާތަކުން ގެންގުޅޭ ވާހަކަ ކުރިއާލާ ރާވާފައި އޮންނަ ކަމަށް ޑރ. ތާރިގް ފާހަގަކުރައްވަ އެވެ: ވެއްޓުނީ، ވިހަ ބޮއެގެން މަރުވީ، އަމިއްލައަށް ރޯކޮށްލީ، ނުވަތަ އަމިއްލައަށް މަރުވީ ކަމަށް ބުނެ އެވެ. މި ވާހަކަތައް ތެދުކުރުމަށްޓަކައި، ބައެއް ފަހަރު ފަންކާއެއްގައި ދަންޖައްސާފައި ބެހެއްޓުން ފަދަ އަމަލުތައް ހިންގަ އެވެ.

މިފަދަ މަރުތަކުގައި އިންސާފު ލިބުން ވަރަށް މަދެވެ. ނިކަމެތިން ރައްކާތެރިކުރަން އޮތް އިދާރާތަކުގައި މިފަދަ ވާހަކަތަކާ ދެކޮޅު ހެދުމުގެ ޖެހިލުންވުން ވަރަށް ބޮޑެވެ. ޑރ. ތާރިގް ވިދާޅުވި ގޮތުގައި، އެހީއަށް އެދި ކުރިމަތިލާ އަންހެނުންގެ ވާހަކަތަކާ މެދު ޑޮކްޓަރުންނާއި، ފުލުހުންނާއި، އަދި ފަނޑިޔާރުން ވެސް ދެކެނީ ވަރަށް ބޮޑު ޝައްކަކާ އެކު އެވެ.

"ވާހަކަ ދައްކަން ކެރި، އެތައް ހުރަސްތަކެއް ގިރާކޮށް އެހީއަކަށް އެދުމުން ވެސް އެއްވެސް އެހީއެއް ނުލިބޭ ނަމަ، މިފަދަ ކުށްތައް ރިޕޯޓު ނުކުރެވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "ހާލަތު ކްރައިސިސް އަކަށް ދާއިރު އޮންނަނީ މާ ލަސްވެފައި." އޭނާ ކިޔައި ދެއެވެ.

މި ކާރިސާއާ ގުޅިގެން ޑރ. ތާރިގް ވަނީ އާ ފިޔަވަޅެއް އަޅަން ފައްޓަވައިފަ އެވެ. އެއީ 'ފެމިސައިޑް އޮބްޒަވޭޓަރީ' އެކެވެ. މިއީ ޕާކިސްތާނުގައި (އަދި މުޅި ދެކުނު އޭޝިއާގައި ވެސް) މިފަދަ ކަމަކަށް ހާއްސަވާނެ ފުރަތަމަ ޖަމިއްޔާ އެވެ. މީގެ މަގްސަދަކީ ހަމައެކަނި ބިރުވެރި ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، ސަރުކާރަށް ނިޒާމީ ފޭލްވުމާ ކުރިމަތިލާން މަޖުބޫރުކުރެވޭނެ ފަދަ ހަރުދަނާ ރެކޯޑުތަކެއް ބެލެހެއްޓުމެވެ.

ޑރ. ތާރިގް ފާހަގަކުރައްވާ ގޮތުގައި، މި އަނިޔާތަކަކީ ވަކި ސޯޝަލް ކްލާހަކަށް ނުވަތަ ވަކި ސަރަހައްދަކަށް ހާއްސަ ކަމެއް ނޫނެވެ. މިއީ މަގުމަތީގައި ހިނގާ ކަންކަމުން ފެށިގެން، ބޮޑެތި އަނިޔާތަކާ ހަމައަށް ފެތުރިފައިވާ ބައްޔެކެވެ.

މި ކޮށީގައި ތާށިވެފައިވާ މީހުންނަށް މިވަގުތު އެންމެ ބޭނުންވަނީ ލޯޔަރެއް ނުވަތަ ޑޮކްޓަރެއް އެކަނި ނޫނެވެ؛ އެއަށްވުރެ މާ އަސާސީ ކަމެކެވެ. "އެމީހުންގެ ވާހަކަ ގަބޫލުކުރާނެ މީހަކު ހުރުން، އެއީ މިތަނުން އެންމެ ބޮޑަށް ފެންނަން ނެތް ކަންތައް." ޑރ. ތާރިގް ވިދާޅުވި އެވެ. ޓެލެގްރާފް

ހިއްސާ ކުރައްވާ!