ބަންގްލަދޭޝްއަށް މިއަންމާގެ މަސްތުވާތަކެތީގެ ނުރައްކާ

ބަންގްލަދޭޝްގައި މަސްތުވާތަކެތީގެ މައްސަލަ، ހާއްސަކޮށް 'ޔާބާ' (އެމްފެޓަމިން-ޓައިޕް ސްޓިމިއުލަންޓް) ގެ ވިޔަފާރި އިންތިހާއަށް އިތުރުވެއްޖެ އެވެ. ބަންގްލަދޭޝްގެ ޑިޕާޓްމަންޓް އޮފް ނާކޮޓިކްސް ކޮންޓްރޯލް ގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު މިފަދަ ޓެބްލެޓްތައް އަތުލައިގަތް މިންވަރު ވަނީ 90.58 އިންސައްތަ އިތުރުވެފަ އެވެ. 2025 ވަނަ އަހަރު އެކަނި ވެސް 43.5 މިލިއަން ޓެބްލެޓް އަތުލައިގެންފައިވެ އެވެ.

މި މަސްތުވާތަކެތީގެ މައިގަނޑު އުފެއްދުމަކީ މިއަންމާގެ ޝާން އަދި ޗިން ސްޓޭޓް އެވެ. މިއަންމާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕުތަކުން މިތަކެތި "ނާކޯ-ކަރަންސީ" އެއްގެ ގޮތުގައި ބޭނުންކުރަމުންދާއިރު، އަރަކަން އާމީ އިން ރޮހިންޔާ ނެޓްވޯކްތައް ބޭނުންކޮށްގެން 17 ރޫޓަކުން ބަންގްލަދޭޝްއަށް މިތަކެތި އެތެރެކުރެ އެވެ.

ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި، ޑީއެންސީގެ އޮފިޝަލުންނަށް ޒަމާނީ ހަތިޔާރު ދިނުމަށް ގާނޫނު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކޮންމެ ޑިސްޓްރިކްޓެއްގައި ވެސް އެޑްވާންސް ޑްރަގް-ޓެސްޓިން ލެބޯޓްރީތައް ގާއިމުކުރަން ވަނީ ނިންމާފަ އެވެ.

ބަންގްލަދޭޝްގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު 8.3 މިލިއަނަށް އަރާފައިވާއިރު، މިއަންމާއިން އެތެރެކުރާ 'ޔާބާ' ޓެބްލެޓްގެ ވިޔަފާރި ކޮންޓްރޯލް ނުކުރެވޭ މިންވަރަށް އިތުރުވެއްޖެ އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 90.58 އިންސައްތަ އިތުރުވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މިއަންމާގެ ހަނގުރާމަވެރި ޖަމާއަތްތަކުން މަސްތުވާތަކެއްޗަކީ ފައިސާގެ ބަދަލުގައި ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަމުން ދިއުމެވެ.

"މިއީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލައެއް ނޫން، މިއީ ގައުމީ ސަލާމަތަށް އޮތް ބިރެއް،" ބަންގްލަދޭޝްގެ އޮފިޝަލުން ފާހަގަކުރެ އެވެ. މިކަމުގެ ސަބަބުން ގޭންގުތަކުގެ އަނިޔާވެރިކަން އިތުރުވެ، ހަތިޔާރުގެ ވިޔަފާރިއާއި ކުޑަކުދިން ޖަރީމާތަކަށް ބޭނުންކުރުން ވަނީ އާންމުވެފަ އެވެ.

ސަރުކާރުން މިހާރު ވަނީ 25 ޑިސްޓްރިކްޓެއް 'ހައި-ރިސްކް' ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައި، އެ ސަރަހައްދުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ނަމަވެސް، މިއަންމާގެ އެތެރޭގައި އޮތް ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ބޯޑަރުތައް ހުރަސްކޮށް މި އޮއިވަރު ހުއްޓުވުމަކީ ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ހިއްސާ ކުރައްވާ!