ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޖަޓްރަބާރީ ސަރަހައްދުގައި ހިންގަމުންދިޔަ މާޝަލް އާޓްސް ޓްރޭނީންގ ސެންޓަރެއްގެ ނިވާފަތްގަނޑުގައި، އަމިއްލަ ޖަމާއަތެއް ހަދައިގެން ހަރުކަށި ފިކުރު ފަތުރަމުންދިޔަ މައްސަލައެއްގައި 16 މީހެއްގެ މައްޗަށް އެ ގައުމުގެ ފުލުހުން އެންޓި-ޓެރަރިޒަމް ގާނޫނުގެ ދަށުން މައްސަލަ ރަޖިސްޓްރީކޮށްފިއެވެ.
"ފަތަޙް ކޮމްބެޓް ސިސްޓަމް" ނަމަކަށް ކިޔާ މި ސެންޓަރުގެ ޗީފް އިންސްޓްރަކްޓަރު ޝާހް އަމާނަތު ސާބިރު އާއި އޭނާގެ ބައެއް ބައިވެރިން ހައްޔަރުކުރުމާ ގުޅިގެން، އެމީހުން ދޫކޮށްލުމަށް ގޮވާލައި އެ ނެޓްވޯކުގެ އެހެން މެންބަރުން އިންޒާރު ދޭން ފެށުމުން ފުލުހުން ވަނީ މި މައްސަލަ އިތުރަށް ސީރިއަސްކޮށް ބަލަން ފަށާފައެވެ.
ފުލުހުންގެ ފަސްޓް އިންފޮމޭޝަން ރިޕޯޓް ގައިވާ ގޮތުން، ހައްޔަރުކުރެވުނު މީހުންގެ ތަހުގީގުން އެނގިފައިވަނީ އެމީހުން ހިންގަމުންދިޔައީ "ސާބިރު ބައިގެ ޖަމާއަތް" ނަމަކަށް ކިޔާ ސިއްރު ޖަމާއަތެކެވެ. މި ޖަމާއަތުގެ ލީޑަރަކީ ސާބިރުއެވެ.
އޭނާ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ޒުވާނުން ރެކްރޫޓްކޮށް، މާޝަލް އާޓްސް ދަސްކޮށްދިނުމުގެ ނަމުގައި ހަރުކަށި ފިކުރުގެ ތަމްރީނުތައް ދެމުންދިޔައީ މެސެންޖަރ، ވަޓްސްއަޕް އަދި ޓެލެގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ވަގުތީ ނަންނަމުގައި މުއާމަލާތްކޮށްގެންނެވެ. ތަހުގީގީ އިދާރާތަކުން ހާމަކުރި ގޮތުގައި، ސާބިރު ވަނީ އަމިއްލަ ޖަމާއަތެއް ހެދުމުގެ ކުރިން ބަންގްލަދޭޝްގައި މަނާކޮށްފައިވާ "އަންސާރު އަލްއިސްލާމް" އާއި "ހަރަކާތުލް ޖިހާދު އަލްއިސްލާމީ" ފަދަ ޖަމާއަތްތަކުގެ ވެރިންނާ ވެސް ގުޅުން ބާއްވާފައެވެ.
މި މައްސަލައިގެ ތެރެއިން ހައްޔަރުކުރި ތަހުސީން އިސްލާމްގެ އަތުން ފުލުހުން ވަނީ ގޮއްވާލުމަށް ބޭނުންކުރާ ފިއުޒްތަކާއި، އިލެކްޓްރޯނިކް ސާކިޓްތަކާއި، ލިތިއަމް-އަޔަން ބެޓެރިތަކުގެ އިތުރުން ކަތިވަޅިއާއި ކޯރާޑީ ފަދަ ނުރައްކާތެރި ހަތިޔާރުތައް އަތުލައިގެންފައެވެ.
މީގެ އިތުރުން ސާބިރުގެ ފޯނުން ފެނުނު ވީޑިއޯއެއްގައި ރޭގަނޑު ވަގުތެއްގައި ރަށެއްގެ މަގެއްގައި ބޮމެއް ގޮއްވާލާ މަންޒަރާއި، ހަރުކަށި ފިކުރުގެ ޝިއާރުތައް ކިޔަމުން ތޫނު ހަތިޔާރެއް ހިފައިގެން ހުރެ ސާބިރު އިންޒާރުދޭ މަންޒަރު ފެންނަން ހުރި ކަމަށް ވެސް ފުލުހުންގެ ރިޕޯޓުގައިވެއެވެ. ޑާކާގެ ކޯޓުން މިހާރު ވަނީ މި މައްސަލައިގެ އިތުރު ތަހުގީގަށް ސާބިރު އާއި އޭނާގެ ބައިވެރިއެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައެވެ.




