"އެމީހުން އަހަރެން މަރާލަފާނެ": ޑިސެމްބަރު މަހު ބަންގްލަދޭޝަށް އެނބުރި ގޮސް ކޯޓަށް ހާޒިރުވާނަން: ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މި މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމަށްފަހު މިހާރު އަނެއްކާވެސް ވާހަކަ ބަދަލުކުރައްވައިފިއެވެ. ހަސީނާ ވިދާޅުވީ، އޭނާއާއި އޭނާގެ އަވާމީ ލީގުގެ އިސް ލީޑަރުން ޑިސެމްބަރު މަހުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގެން ގާނޫނީ އިދާރާތަކާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. "އެމީހުން އަހަރެން މަރާލަފާނެ" ކަމަށް ވިދާޅުވަމުން، ހަސީނާ ފާހަގަކުރެއްވީ ފުރާނައަށް ނުރައްކާ އޮތް ނަމަވެސް އަމިއްލަ ފަސްގަނޑަށް ވަޑައިގަތުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.

އޯގަސްޓް 5، 2024 ގައި ބަންގްލަދޭޝްގައި ހަވަރު އެއްވެ ހަސީނާގެ ސަރުކާރު ވައްޓާލުމުން ސަލާމަތީ ސަބަބުތަކާހެދި ހަސީނާ އިންޑިއާއަށް ވަޑައިގަތީއްސުރެ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައެވެ.

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުން ވަނީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ހިންގި މުޒާހަރާތައް ފިއްތާލުމުގައި ހަސީނާގެ ދައުރެއް އޮތް ކަމަށް ތުހުމަތުކޮށް، އޭނާގެ ޣައިރު ހާޒިރުގައި ނޮވެމްބަރު 2025 ގައި މަރުގެ ހުކުމް އިއްވާފައެވެ. ނަމަވެސް ހަސީނާ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.

"ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައި އުމުރުން 78 އަހަރުގެ ހަސީނާ ވިދާޅުވީ، "އެނބުރި ދިއުމުން އެމީހުން އަހަރެން ހައްޔަރުކޮށްފާނެ، ނުވަތަ މަރާލަފާނެ. އެހެން ނަމަވެސް، އަހަރެން ދާން އެބަ ޖެހޭ. އަހަރެންގެ ޕާޓީގެ ލީޑަރުންނާއި މަސައްކަތްތެރިންނަށް ދަނީ ބޮޑެތި އަނިޔާތައް ދެމުން. މަރު އަންނަ ކަމަށްވާނަމަ، އަހަރެން ބޭނުންވަނީ އަހަރެންގެ މައިންބަފައިން ވަޅުލާފައިވާ، އަދި އެމީހުންގެ ލޭ އޮހޮރުނު އަމިއްލަ ފަސްގަނޑުގައި މަރުވާން،" ކަމަށެވެ.

މި ދަތުރުގައި ހަސީނާއާއެކު، މަރުގެ ހުކުމް އިއްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލް ފަދަ އިސް ލީޑަރުން ވެސް އެނބުރި ގައުމަށް ވަޑައިގެން ކޯޓާ ހަވާލުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގާނޫނީ ކުރިމަތިލުމެއްގެ އުންމީދު

ހަސީނާ ވިދާޅުވީ އޭނާ ގައުމަށް އެނބުރި ދަނީ ޝަރީއަތްތަކަކީ ސިޔާސީ ނުފޫޒުން ހިންގާ "ޑްރާމާތަކެއް"ކަން ހާމަކޮށްދިނުމަށް ކަމަށެވެ. "އަހަރެން އިންސާފަށް ގަބޫލުކުރަން. ގާނޫނީ އިޖުރާއާތުތައް ފެށުމުން، މި ކޯޓުތައް ކިހާ ފޭކްތޯ ރައްޔިތުންނަށް ސާފުވާނެ. އެކަން ސާބިތުކޮށްދޭން އަހަރެން ބޭނުން،" އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ދަނީ ހަސީނާ ހަވާލުކުރުމަށް އިންޑިއާއަށް ތަކުރާރުކޮށް ސިޓީ ފޮނުވަމުންނެވެ. ނަމަވެސް، ހަސީނާ ވިދާޅުވީ އޭނާގެ އެނބުރި ދިއުމާ ގުޅޭގޮތުން ބޭރުގެ އެއްވެސް ސަރުކާރަކާ މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. އިންޑިއާގެ ހާރިޖީ ވުޒާރާއިން މީގެ ކުރިން ބުނެފައިވަނީ، ބަންގްލަދޭޝްގެ އެދުން ދިރާސާކުރަމުންދާ ކަމަށާއި، މި މައްސަލާގައި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!