އުތުރު ކޮރެއާގެ ނިއުކްލިއާ ޓެސްޓުތައް ދެނެގަތުމަށް ބޭނުންވާ ސައިންޓިފިކް ދިރާސާތައް ކުރަމުން އައި އެމެރިކާގެ މަޝްހޫރު ސިސްމޮލޮޖިސްޓް ޔޫލިން ޗެން، ޗައިނާގެ ބަންދެއްގައި ހުންނަތާ ދެ އަހަރު ވަނީ އެވެ.
މި މައްސަލައަކީ އެމެރިކާ އާއި ޗައިނާގެ ނާޒުކު ގުޅުމަށް އިތުރު ގޮންޖެހުމަކަށް ވެފައިވާއިރު، ޗެންއަކީ މިހާރު ޗައިނާގައި 'ނާއިންސާފުން ހައްޔަރުކޮށްފައިވާ' ހަމައެކަނި އެމެރިކާ ރައްޔިތު މީހާއެވެ. އޭނާގެ އަންހެނުން ޔޫފަންގް ރޮންގް ބިރުގަންނަނީ ޗައިނާއިން އޭނާގެ މައްޗަށް ކުރިން ރާވާފައިވާ ގޮތަށް ޖާސޫސީ ކުށް ސާބިތުކޮށް، ސިއްރު ޝަރީއަތަކުން އޭނާއަށް ހަރުކަށި އަދަބެއް ދީފާނެތީ ކަމަށް ބުނެއެވެ.
"އޭނާގެ މައްޗަށް ކޮންމެ ގޮތަކުން ވެސް ކުށް ސާބިތުކުރާނެކަން އަހަންނަށް ޔަގީން،" ރޮންގް ބުންޏެވެ.
ރައީސް ޓްރަމްޕް މި މައްސަލަ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ސަމާލުކަމަށް ގެންނެވިއެވެ. ނަމަވެސް، ޗައިނާގެ ސަރުކާރުން އެއްވެސް އިޖާބައެއް ނުދޭކަން މިހާރު ވަނީ ހާމަވެފައެވެ. ޗެންގެ ދިރާސާތަކަކީ ނިއުކްލިއާ ހަތިޔާރުގެ ޓެސްޓުތައް ދެނެގަތުމަށް މުހިންމު ދިރާސާތަކަކަށް ވުމުން، ޗައިނާއިން އޭނާ ހައްޔަރުކޮށްފައި ވަނީ އެ މައުލޫމާތުތައް ފޮރުވުމަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ހިފެހެއްޓުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
އެމެރިކާގެ ސަރުކާރުން މި މައްސަލަ މިހާރު ސިއްރު ޑިޕްލޮމެޓިކް މަޝްވަރާތަކެއްގެ ތެރެއިން ހައްލުކުރުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ޗެން މިނިވަންވުމުގެ އުއްމީދު ދަނީ ފަނޑުވަމުންނެވެ. މިއީ ދެ ގައުމުގެ ވިޔަފާރީގެ އަދި ސިޔާސީ ގުޅުމަށް ކުރިމަތިވެފައިވާ އިތުރު ހުރަހެކެވެ.




