މެކްސިކޯގެ 'ފެންޓަނީލް ރަސްގެފާނު' ހޯދައިފި

މެކްސިކޯގެ އެންމެ ނުފޫޒުގަދަ އަދި ނުރައްކާތެރި އެއް ޑްރަގް ކާޓެލް ކަމަށްވާ "ސިނަލޯއާ ކާޓެލް" އަށް ޗައިނާއިން ފެންޓަނީލް ހަދާ ކެމިކަލްތައް އެތެރެކޮށްދީ، މުޅި ސަޕްލައި ޗެއިން ބަލަހައްޓަމުންދިޔަ "ބްރަދަރ ވާންގް" ގެ ނަމުން މަޝްހޫރުވި ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖޭންގް ޒިޑޮންގްގެ މައްސަލަ ބޮޑުވެއްޖެއެވެ.

އުމުރުން 39 އަހަރުގެ ޖޭންގް އަކީ ޗައިނާގެ އެންމެ ޝަރަފުވެރި ޔުނިވަރސިޓީ، ޕީކިންގ ޔުނިވަރސިޓީން 2010 ވަނަ އަހަރު ސްޕެނިޝް ލެންގުއޭޖުން ޑިގްރީ ހާސިލުކޮށްފައިވާ މޮޅު ދަރިވަރެކެވެ. އޭނާ މެކްސިކޯއަށް ބަދަލުވީ ޗައިނާގެ މައިނިންގ ކުންފުންޏެއްގެ އިސް ވަޒީފާއަކަށެވެ.

ނަމަވެސް، 2013 ވަނަ އަހަރު އެ ކުންފުނި ބަންދުވުމުން ޖޭންގް އެނބުރި ގައުމަށް ނުގޮސް މެކްސިކޯގައި މަޑުކުރިއެވެ. އޭނާގެ މޮޅު ސްޕެނިޝް ބަހުގެ ހުނަރާއި، ކަންކަން ނިންމުމުގެ ގާބިލުކަމުގެ ބޭނުން ހިފައި، އޭނާ ވަނީ މެކްސިކޯގެ ކާޓެލްތަކުގެ އިސްވެރިންނާ ގާތްގުޅުމެއް ބާއްވަން ފަށާފައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ތުހުމަތުކުރާ ގޮތުގައި، ޖޭންގް ވަނީ 2016 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ފެންވަރުގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑަރިންގގެ ބޮޑު ނެޓްވޯކެއް ހިންގާފައެވެ. ކާޓެލްގެ މެންބަރުން ހާމަކުރި ގޮތުގައި، ޖޭންގް ވަނީ ޗައިނާގެ ކެމިކަލް ފެކްޓްރީތަކާ ގުޅިގެން، ފެންޓަނީލް ތައްޔާރުކުރަން ބޭނުންވާ މާއްދާތައް ކަނޑާއި ވައިގެ މަގުން މެކްސިކޯއަށް އެތެރެކޮށްދީ، ކާޓެލްގެ ސިއްރު ލެބޯޓްރީތަކަށް ފޯރުކޮށްދީފައެވެ.

ފެންޓަނީލް އަކީ ހެރޮއިނަށް ވުރެ 50 ގުނަ ބާރުގަދަ މަސްނޫއީ މަސްތުވާއެއްޗެއް ކަމަށްވާއިރު، މީގެ ސަބަބުން ކޮންމެ އަހަރަކު އެމެރިކާގައި އެތައް ހާސް ބަޔަކު މަރުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ވިޔަފާރިއާ ހެދި ޗައިނާއާއި މެކްސިކޯގެ މުދަލުން ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މެކްސިކޯގެ ސަލާމަތީ ބާރުތަކުން 2024 ގައި ޖޭންގް ހައްޔަރުކުރި ނަމަވެސް އޭނާ ވަނީ ޖަލުން ފިލާފައެވެ. އެހެންނަމަވެސް، 2025 ގައި އޭނާ އަލުން އަތުލައިގަނެ، އެމެރިކާއާ ހަވާލުކުރިއެވެ.

އެމެރިކާގެ ކޯޓުގައި ޖޭންގް ވަނީ އޭނާގެ މައްޗަށް ކުރެވޭ 1,000 ކިލޯގެ ކޮކެއިން، 1,800 ކިލޯގެ ފެންޓަނީލް އަދި 600 ކިލޯގެ މެތައެމްފަޓަމީން ޓްރެފިކްކުރުމާއި، އަހަރަކު 150 މިލިއަން ޑޮލަރު ލޯންޑަރކުރުމުގެ ކުށަށް އިންކާރުކޮށްފައެވެ. މިހާރު އޭނާ ހުރީ ނިއުޔޯކްގެ ޖަލެއްގައި ޝަރީއަތް ފެށެންދެން ބަންދުކޮށްފައެވެ.

ހިއްސާ ކުރައްވާ!