ޗައިނާ ދެކެ ކުއްލިއަކަށް ޔޫރަޕް މީހުން ލޯބިވެއްޖެ

ޔޫރަޕުގެ ގައުމުތަކުގައި ހޫނުމިން އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން، ޔޫރަޕުގައި ޗައިނާގެ އޭސީތައް މަގްބޫލުވެއްޖެއެވެ. "ވޮޝިންގްޓަން ޕޯސްޓް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއިން މިކަން ސިފަކޮށްފައިވަނީ އެ ގައުމުގެ ސިނާއީ "ކާމިޔާބީއެއް" ގެ ގޮތުގައެވެ.

ޔޫރަޕުގެ ގިނަ ގެތަކެއްގައި އޭސީ ނުހުންނަ އިރު، ބައެއް ހިސާބުތަކުން ދައްކާ ގޮތުގައި އެ ބައްރުގެ ގެތަކުގެ ތެރެއިން އޭސީ ހަރުކޮށްފައި ހުންނަނީ އެންމެ ފަސް ބައިކުޅަ އެއް ބައި ގޭގައެވެ. ޖޫން މަހު ފްރާންސް، އިނގިރޭސިވިލާތް އަދި ސްޕެއިންގައި ރެކޯޑު މިންވަރަކަށް ހޫނުގަދަވުމާއެކު، ޗައިނާގެ އޭސީތައް ވެގެންދިޔައީ ހޫނުގެ އުނދަގޫތަކާ ކުރިމަތިލަމުންދާ އެ ބައްރުގެ ރައްޔިތުންނަށް ލިބުނު ބޮޑު ލުޔަކަށެވެ.

"މީޑިއާ"، "ހައިއާ" އަދި "ގްރީ" ފަދަ އޭސީ އުފައްދާ ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި، ފާއިތުވި ހަފުތާތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ހޫނުގަދަވުމުގެ ސަބަބުންނާއި، ކުރިއަށް އޮތް ތަނުގައިވެސް ހޫނުގަދަވާނެ ކަމަށް ބަލައި ޔޫރަޕުގެ ރައްޔިތުން އެކަމަށް ތައްޔާރުވަމުންދާތީއެވެ.

ޗައިނާގެ ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މެއި މަހު ފްރާންސް، އިނގިރޭސިވިލާތް އަދި ނެދަލެންޑަށް ޗައިނާއިން އެކްސްޕޯޓްކުރި އޭސީގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު 55 އިންސައްތައަށްވުރެ މަތިވެފައިވެއެވެ.

އިމާރާތްތަކަށް ގެންނަ ބައެއް ބަދަލުތައް މަނާކުރާ ޔޫރަޕުގެ ގާނޫނުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ "މީޑިއާ" ގެ "ޕޯޓަބަލް ސްޕްލިޓް" އޭސީތައް ވިކި ހުސްވެ، ގަންނަން ބޭނުންވާ މީހުންނަށް އެތަކެތި ލިބޭތޯ ބެލުމަށް ޚާއްސަ ވެބްސައިޓުތައްވެސް ހަދާފައިވެއެވެ.

ޗައިނާގެ ރަސްމީ ނޫސް އެޖެންސީ "ޒިންހުއާ" އަށް މައުލޫމާތު ދެމުން އެ ކުންފުނީގެ ސަރަހައްދީ ސޭލްސް މެނޭޖަރު ވިދާޅުވީ، މި އަހަރު އެކަނިވެސް ޔޫރަޕުގައި މި މޮޑެލްގެ 200،000 އަށްވުރެ ގިނަ އޭސީ ވިކިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށެވެ.

މީގެ އިތުރުން، އައިސް ހަދާ މެޝިންތަކާއި، ފަންކާ އަދި އަތު ފަންކާ ފަދަ ފިނިކުރާ އެހެނިހެން އާލާތްތައްވެސް ޗައިނާއިން ޔޫރަޕަށް ބޮޑު އަދަދަކަށް އެތެރެކުރަމުން ދެއެވެ. ޗައިނާގެ ވިޔަފާރިވެރިއަކު "ބެއިޖިން ނިއުސް" އަށް ބުނެފައިވަނީ، ޔޫރަޕަށް ބޭނުންވާ ފަންކާތައް އުފެއްދުމަށް ޗައިނާގެ ކާރުހާނާތައް 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް އުފެއްދުންތައް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

ޗައިނާއިން މި ހާލަތު ސިފަކޮށްފައިވަނީ އެ ގައުމުގެ އިގްތިސާދީ ކުރިއެރުމުގެ ހެއްކެއްގެ ގޮތުގައެވެ. ޗައިނާގެ މީޑިއާ  އޭސީ ވިކި ހުސްވި ޚަބަރު ފާހަގަކޮށްފައިވަނީ "ބޭރުގެ މާކެޓުތަކަށް އުފެއްދި އާ އުފެއްދުމެއް" އަދި "ސިނާއީ ކާމިޔާބީއެއް" ގެ ގޮތުގައެވެ.

އޭގެ އިތުރުން، ޗައިނާގެ ޑިޕްލޮމޭޓުން ވަނީ "މީޑިއާ" ކާރުހާނާގެ އޮޓޮމޭޓެޑް މެޝިނަރީތަކުން އެންމެ 6 ސިކުންތުގެ ތެރޭގައި އޭސީއެއް އެސެމްބަލްކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކޮށްފައެވެ.

ޔޫރަޕަށް ފާޑުކިޔުންތައް

ޗައިނާގެ ނޫހެއްގެ އެޑިޓޯރިއަލްއެއްގައި ބުނެފައިވަނީ، ޗައިނާގައި ގެތަކުގެ ވެރިން އެމީހުންގެ ކުލި ދައްކާ މީހުންނަށް ދާއިމީ އޭސީތައް ހަރުކޮށްދޭ ކަމަށާއި، އެއްވެސް މީހަކު ފެންވަރު ދަށް ޕޯޓަބަލް އޭސީ ގަތުމަށް ބޭނުން ނުވާ ކަމަށެވެ. އަދި ޔޫރަޕުގެ ގާނޫނުތަކުގެ ސަބަބުން އެމީހުންނަށް ފެންވަރު ދަށް އުފެއްދުންތައް ބޭނުންކުރަން މަޖުބޫރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޗައިނާގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، 2024 ވަނަ އަހަރު ނިމުނުއިރު ޗައިނާގައި ހުރި އޭސީގެ އަދަދު ވަނީ އެ ގައުމުގެ ގެތަކުގެ އަދަދަށްވުރެ މައްޗަށް ގޮސްފައެވެ.

ބައިނަލްއަގްވާމީ ގޮތުން ބަލާއިރު، ޗައިނާގެ ކުންފުނިތައް ޔޫރަޕުގެ ކުންފުނިތަކަށްވުރެ ކުރިއަރާފައިވާކަން މިކަމުން ހާމަވެއެވެ. މިއީ ޔޫރަޕާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ބެލެންސް ހަމަނުޖެހުން ބޮޑުވެދާނެ ކަމުގެ ބިރު ޔޫރަޕަށް ކުރިމަތިކުރުވާ ކަމެއް ކަމަށް ބެލެވެއެވެ.

އިކޮނޮމިކް އިންޓެލިޖެންސް ޔުނިޓުގެ ޗައިނާގެ ކަންކަމާ ބެހޭ އެންމެ އިސް އެނަލިސްޓް ޓިއަންޗެން ޝޫ ވިދާޅުވީ، މިއީ ޔޫރަޕުގެ ކުންފުނިތަކުގައި ޓެކްނިކަލް ގާބިލުކަން ނެތުމުގެ މައްސަލައެއް ނޫން ކަމަށާއި، މައްސަލައަކީ ގިނަ އަދަދަކަށް ހެޔޮ އަގުގައި އެތަކެތި އުފެއްދުމުގެ ގާބިލުކަން ނެތުން ކަމަށެވެ. ނަމަވެސް، ޗައިނާ ސަރުކާރުން ވަނީ މި ވިޔަފާރީގެ ކުރިއެރުމުގެ ފަހަތުގައި އެއްވެސް ޖިއޮޕޮލިޓިކަލް މަގްސަދެއް އޮތްކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ، "ވިޔަފާރި ބިނާވެފައިވަނީ މާކެޓުގެ ޑިމާންޑުގެ މައްޗަށް" ކަމަށެވެ.

ފޫޑާން ޔުނިވަރސިޓީގެ ޔޫރަޕިއަން ސްޓަޑީޒް ސެންޓަރުގެ ޑިރެކްޓަރު ޑިންގް ޗުން އިތުރުކުރެއްވީ، ޖިއޮޕޮލިޓިކްސްއާ ނުލައިވެސް ވިޔަފާރީގެ އަސްލަކީ މީހުންގެ ދުވަހުން ދުވަހަށް ބޭނުންވާ ކަންކަން ފުއްދައިދިނުން ކަމަށެވެ. "ޗައިނާގެ އުފެއްދުންތެރިން އެކަން އެގޮތަށް އެ ކުރަނީ،" ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!