އުއިޣޫރުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ވޯލްޑް އުއިޣޫރު ކޮންގްރެސްއިން ކުށްވެރިކޮށްފި

ޗައިނާއިން އުއިޣޫރު މުސްލިމުންނާ މެދު ގެންގުޅޭ އަނިޔާވެރި ސިޔާސަތުތަކާއި، ފާރަލުމުގެ ނިޒާމުތަކާއި، އަދި ބޭރު ޤައުމުތަކަށް ޗައިނާގެ ނުފޫޒު ފޯރުވަމުންދާ މައްސަލަތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ކަމަށް ބުނެ ވޯލްޑް އުއިޣޫރު ކޮންގްރެސް އިން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި، މިކަންކަން ކުށްވެރިކޮށްފިއެވެ،

ޖުލައި 3 ވަނަ ދުވަހު އަލްޖަޒީރާގެ "އިންސައިޑް ސްޓޯރީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިޔު ޔޫސީ ގެ ނައިބު ރައީސް ޒުމްރަތޭ އަރުކިން ވިދާޅުވީ، ޗައިނާގެ "އެތްނިކް ޔުނިޓީ އެންޑް ޕްރޮގްރެސް ލޯ" ނުވަތަ ޤައުމީ އެއްބައިވަންތަކަމާއި ކުރިއެރުމުގެ ޤާނޫނުގެ ސަބަބުން، ޗައިނާގައި ދިރިއުޅޭ އެހެނިހެން ނަސްލުތަކުގެ މީހުންގެ ސަގާފީ ވަންތަކަން މުޅިން ނެތިގެންދާނެ ކަމަށެވެ. މި ޤާނޫނަކީ އެ މީހުން ޗައިނާގެ ޤައުމީވަންތަކަން ގަބޫލުކުރަން މަޖުބޫރުކުރާ ޤާނޫނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަރުކިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނުގެ 63 ވަނަ މާއްދާގެ ސަބަބުން، ޗައިނާއިން ބޭރުގައި ދިރިއުޅޭ އުއިޣޫރު އެކްޓިވިސްޓުންނަށް ވެސް ޗައިނާގެ ނުފޫޒު ފޯރައި، އެމީހުންނަށް ބިރުދެއްކުން އިތުރުވެގެންދާނެއެވެ.

ޖުލައި 6 ގައި އަލްޖަޒީރާއިން ޝާއިއުކުރި ރިޕޯޓެއްގައި، އދ. އަށް ހުއްޓުވަން ނުކުޅެދުނު ކަމަށް ތުހުމަތުކުރެވޭ ހަ އަނިޔާވެރި އަމަލުތަކެއްގެ ވާހަކަ ވަނީ ގެނެސްދީފައެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރުން ފެށިގެން އުއިޣޫރުންނާ ދެކޮޅަށް ޗައިނާއިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހިމެނެއެވެ. ޤަތުލުއާންމުތައް ހުއްޓުވުމުގައި އދ. ތަކުރާރުކޮށް ނާކާމިޔާބުވެފައިވާތީ، ކުރިއަށް އޮތް ބައްދަލުވުންތަކުން އެކަށީގެންވާ ނަތީޖާއެއް ނުކުންނާނެތޯ އެ ރިޕޯޓްގައި ވަނީ ސުވާލު އުފައްދާފައެވެ.

ހަމަ އެ ދުވަހު އަރުކިން ކެނެޑާގެ 'ލާ ޕްރެސް' ނޫހުގައި ލިޔުއްވި ލިޔުމެއްގައި، 2009 ވަނަ އަހަރު އުރުމްގީގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، ފާއިތުވި 17 އަހަރުގެ ތެރޭގައި އުއިޣޫރުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

ޖުލައި 8 ވަނަ ދުވަހު 'ފޮކްސް ނިއުސް' ގައި 'ކެމްޕޭން ފޯ އުއިޣޫރުސް' ގެ އެގްޒެކްޓިވް ޑިރެކްޓަރ ރޫޝާން އައްބާސް ލިޔުއްވި މަޒުމޫނެއްގައި ވިދާޅުވީ، ޗައިނާގެ މި ސިޔާސަތުތަކަކީ ހަމައެކަނި ޝިންޖިއާން ސަރަހައްދަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އުއިޣޫރުންނާއި، ޓިބެޓް މީހުންނާއި، ދެކުނު މޮންގޯލިއާ މީހުންނާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ އަނިޔާވެރި އުކުޅުތަކަކީ މިހާރު ޓައިވާނާއި އެހެން މިނިވަން ޑިމޮކްރެޓިކް ޤައުމުތަކަށް ވެސް އޮތް ބިރެއް ކަމަށެވެ.

މީގެ އިތުރުން، މަޖުބޫރުކޮށްގެން ކުރުވާ މަސައްކަތްތައް ކުރުން ހުއްޓުވަން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ޑަބްލިއޔު ޔޫ ސީ އިން ވަނީ މަރުހަބާ ކިޔާފައެވެ. ޚާއްސަކޮށް ކެނެޑާގެ ގާނޫނު ސީ-35 އާއި، އިނގިރޭސިވިލާތުން އެފަދަ މަސައްކަތުން އުފައްދާ މުދާ އެތެރެކުރުން މަނާކުރުމަށް ނިންމި ނިންމުމާއި، ޔޫރަޕިއަން ޔޫނިއަނުން މިފަދަ މުދާ އެތެރެކުރުން މަނާކުރަން އެޅި ފިޔަވަޅުތަކަށް ކޮންގްރސްއިން އިން ވަނީ ތައުރީފުކޮށްފައެވެ.

ހިއްސާ ކުރައްވާ!