އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިއުޒީލެންޑަށް ކުރެއްވި ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން "ސްޓްރެޓީޖިކް ޕާޓްނާޝިޕް" އަކަށް މަތިކޮށްފައިވާ ކަމަށާއި، 2030 ވަނަ އަހަރާ ހަމައަށް ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ދެގުނަ ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ނިއުޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ލަކްސަން ވިދާޅުވީ، ވިޔަފާރި އިތުރުވުމުގެ ސަބަބުން ނިއުޒީލެންޑުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، މުސާރަތައް ބޮޑުވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ފްރީ ޓްރޭޑް އެގްރީމަންޓުގެ މައްޗަށް ބިނާކޮށް އިންޑިއާއާއި ނިއުޒީލެންޑުން ވަނީ އާ އެއްބަސްވުމަކަށް އައިސްފަ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިއުޒީލެންޑަށް ވަޑައިގަތުމާ ގުޅިގެން، އަޅުގަނޑުމެންގެ ގުޅުން ވަނީ ސްޓްރެޓީޖިކް ޕާޓްނާޝިޕަކަށް ބަދަލުކޮށްފަ. އަދި 2030 ގެ ނިޔަލަށް ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ދެގުނަ ކުރުމަށް ވަނީ ޕްލޭން ކުރެވިފަ. މީގެ މާނައަކީ ނިއުޒީލެންޑް މުޖުތަމައުތަކަށް އިތުރު ފައިސާ ވަދެ، ވަޒީފާތައް އުފެދި އަދި މުސާރަތައް ބޮޑުވެގެން ދިއުން." ކްރިސްޓޮފަރ ލަކްސަން ވިދާޅުވިއެވެ.
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދެ ލީޑަރުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރައްވާފައެވެ. މި މަޝްވަރާތަކުގައި އަލިއަޅުވާލާފައިވާ މައިގަނޑު ދާއިރާތަކަކީ:
- ވިޔަފާރިއާއި އިންވެސްޓްމަންޓް
- ދިފާއީ އަދި ސަލާމަތީ ކަންކަން
- އެގްރި-ޓެކް (ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ)
- ކުޅިވަރާއި ތަޢުލީމު
- ފަތުރުވެރިކަމާއި ސަގާފަތް
- ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން
ދެ ޤައުމުގެ ގުޅުން ސްޓްރެޓީޖިކް ޕާޓްނާޝިޕެއްގެ ދަރަޖައަށް މަތިކުރުމަށް އެއްބަސްވެ، އިންޑިއާ-ނިއުޒީލެންޑް ގުޅުމުގެ އައު ސަފުހާއެއް ވަނީ ފަށާފައެވެ. ދެ ލީޑަރުން ވެސް ވަނީ އިންޑިއާ-ނިއުޒީލެންޑް ފްރީ ޓްރޭޑް އެގްރީމަންޓް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، 2030 ގެ ނިޔަލަށް ވިޔަފާރި ދެގުނަ ކުރުމަށް އަމާޒު ކަނޑައަޅުއްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
މަޝްވަރާތަކަށްފަހު، ދެ ބޮޑުވަޒީރުންގެ ހާޒިރުގައި ގިނަ ދާއިރާތަކަކުން ފަހުމުނާމާތައް ބަދަލުކުރެވުނެވެ. އޭގެ ތެރޭގައި ދިފާއީ އަދި ކަނޑުމަތީގެ ސަލާމަތްތެރިކަން، ހައިޑްރޯގްރަފީ، ކުޅިވަރު، ކާރިސާތަކުން ރައްކާތެރިވުން، ޑެއިރީ، ފަތުރުވެރިކަން، ކަނޑުގެ ތަރިކަ، ސަގާފަތް، ފުޑް ޓެކްނޮލޮޖީ އަދި އޯޝަން ރިސާޗް ހިމެނެއެވެ.
ބޮޑުވަޒީރު މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސާފު އަމާޒުތަކަކާއެކު ހުރިހާ ދާއިރާއަކުން ދެ ޤައުމު ގުޅިގެން ކުރިއަށް ދާނެ ކަމަށެވެ.
"އޯކްލެންޑުގައި ބޮޑުވަޒީރު ލަކްސަންއާ އެކު ފުޅާދާއިރާއެއްގައި އަދި ކާމިޔާބު މަޝްވަރާތަކެއް ކުރެވިއްޖެ. މިދިޔަ އަހަރު އޭނާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން އަޅުގަނޑުމެންގެ ގުޅުމަށް އާ ރޫހެއް ލިބިގެންދިޔަ. އަދި 40 އަހަރު ތެރޭގައި އިންޑިއާގެ ބޮޑުވަޒީރަކު ނިއުޒީލެންޑަށް ކުރި ފުރަތަމަ ދަތުރުފުޅާއެކު، އިންޑިއާ-ނިއުޒީލެންޑް އެކުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެން ހިނގައްޖެ. އަޅުގަނޑުމެންގެ ގުޅުން ސްޓްރެޓީޖިކް ޕާޓްނާޝިޕަކަށް ބަދަލުކުރުމަށް ވަނީ ނިންމާފަ. ސާފު އަމާޒުތަކަކާއި ހަރުދަނާ ނަތީޖާތަކަކާއެކު ހުރިހާ ދާއިރާއަކުން ވެސް އަޅުގަނޑުމެން ކުރިއަށް ދާނަން." މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ވަނީ ޖުލައި 6 އިން 11 އަށް އިންޑޮނޭޝިއާ، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.






