ކަރަންޓް ބިލު ނުދައްކާ މީހުންގެ ކަރަންޓް މީޓަރުތައް ނަގާތީ ޝަކުވާ ބޮޑުވެއްޖެ

ޕާކިސްތާންގެ ލާހޯރުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން، ލާހޯރު އިލެކްޓްރިކް ސަޕްލައި ކޮމްޕެނީ (ލެސްކޯ) ގެ ފީލްޑް ޓީމުތަކުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ. ކަރަންޓް ބިލުތަކަށް ފައިސާ ހޯދުމުގައި އެ ޓީމުތަކުން އަމަލުކުރަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި، އެންމެ މަހެއްގެ ބިލު ނުދެއްކި އޮތް ނަމަވެސް ކަރަންޓް ކަނޑާލައި، މީޓަރުތައް ނަގާނެ ކަމަށް ބުނެ ބިރުދައްކާ ކަމަށް ރައްޔިތުން ބުނެއެވެ.

’ޑޯން' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޝަކުވާތައް އިތުރުވުމާ ގުޅިގެން ލާހޯރުގެ ކޮމިޝަނަރުގެ އޮފީހުން ވަނީ މި މައްސަލަ ލެސްކޯގެ އިސްވެރިންނާ މަޝްވަރާކޮށްފައެވެ. ފީރޯޒްޕޫރް ރޯޑްގެ އައްތާރީ ސަރޯބާގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި، ލެސްކޯގެ އޮފިޝަލުން އޭނާގެ ގެއަށް އައިސް، ވަގުތުން ބިލު ނުދައްކައިފި ނަމަ މީޓަރު ނަގާނެ ކަމަށް ބުނެ އިންޒާރު ދިނެވެ. އޭނާ ބުނީ ކުރީގެ އެއްވެސް ބިލެއް ނުދައްކައި ނެތް ކަމަށާއި، ބިލު ދައްކަން ނިންމާފައި އޮތީ އަންނަ މަހުގެ ބިލާ އެކުގައި ކަމަށެވެ. ނަމަވެސް އޮފިޝަލުން ވަރަށް އަދަބު ކުޑަ ގޮތަކަށް އަމަލުކޮށް، ވަގުތުން ފައިސާ ދެއްކުމަށް މަޖުބޫރުކުރީ ކަމަށް އޭނާ ބުނެއެވެ.

މިފަދަ ޝަކުވާތައް ޖޯހަރު ޓައުން، ތޯކަރު ނިއާޒް ބެގް، މުލްތާން ރޯޑް، އަދި ގުލްބަރގް ފަދަ ސަރަހައްދުތަކުން ވެސް ވަނީ ފެންމަތިވެފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ބިލު ނުދައްކައި އޮތުމުގެ ބަދަލުގައި، އެންމެ މަހެއްގެ ބިލު ނުދައްކާ އޮތުމުން ވެސް މިފަދަ ހަރުކަށި ފިޔަވަޅުތައް އަޅާތީ ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހެއެވެ.

ނިޝްތަރު ތަހުސީލުގެ އެސިސްޓެންޓް ކޮމިޝަނަރު ސަލީމް އާސީ ވެސް ވަނީ ލެސްކޯގެ މި އަމަލުތަކަށް ފާޑުވިދާޅުވެފައެވެ. އެއްވެސް ކުރިއާލައި އެންގުމަކާ ނުލައި ލާހޯރުގެ ޖީއޯއާރް-1 ސަރަހައްދުގެ ބައެއް ގެތަކުން މީޓަރުތައް ނަގާފައިވާކަން ފާހަގަކުރައްވައި، އޭނާ ވަނީ އޮފިޝަލުންގެ މި އަމަލުތަކަކީ ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އާންމުކޮށް ކަރަންޓް ކަނޑާލަނީ އެތައް މަހެއް ވަންދެން ބިލު ނުދައްކައި އޮތުމުންނެވެ. ނަމަވެސް ލެސްކޯގެ ޓީމުތަކުން މިހާރު މި އަމަލުކުރަނީ އާންމު އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ އާންމުންގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. ލާހޯރުގެ ކޮމިޝަނަރުގެ އޮފީހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ޝަކުވާތަކާ މެދު ލެސްކޯގެ މެނޭޖްމަންޓާއެކު ރަސްމީކޮށް މަޝްވަރާކޮށް، ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާނެއެވެ.

ހިއްސާ ކުރައްވާ!