ޠޫފާން 'ބާވީ' ގެ ސަބަބުން އުފެދުނު ގަދަ ވިއްސާރައިގެ ސަބަބުން ޗައިނާގައި އެތައް ހާސް ފްލައިޓެއް ކެންސަލްކޮށް، ދަތުރުތައް ފަސްކުރަން މަޖުބޫރުވެއްޖެކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާ އާދީއްތަ ދުވަހު ރިޕޯޓުކޮށްފިއެވެ.
ދަތުރުފަތުރުގެ ތަފާސްހިސާބުތައް ބަލަހައްޓާ 'ޔޫމެޓްރިޕް’އާ ޙަވާލާދީ، ޗައިނާގެ އިނގިރޭސި ދުވަހު ނޫހުން ބުނި ގޮތުގައި، އާދީއްތަ ދުވަހު އޮތް 2،800 އަށްވުރެ ގިނަ ފްލައިޓް ޗައިނާގެ އެއާލައިންތަކުން ވަނީ ކެންސަލްކޮށްފައެވެ.
މި ވިއްސާރައިގެ ސަބަބުން ނަންޖިން، ހަންގްޒޫ، ވޫހާން، ޝެންޔަންގް، ޑާލިއަން، އަދި ޗެންގްޑޫ ފަދަ މުހިންމު ސިޓީތަކަށް ކުރާ ދަތުރުތަކަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ އިތުރުން ފުޖިއާން، ޒެޖިއާންގް، ގުއަންގްޒީ، އަދި ހައިނާން ޕްރޮވިންސްތަކުގެ އެއާޕޯޓުތަކުން ވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ.
އުތުރު ޗައިނާގެ ވައިގެ ދަތުރުފަތުރުގެ މައި ދެ ހަބު ކަމަށްވާ ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓާއި ބެއިޖިން ޑަކްސިން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ވިއްސާރައިގެ އަސަރުކޮށް، ދަތުރުތައް ފަސްކުރަން ޖެހިފައިވެއެވެ.
މިއަހަރުގެ ނުވަވަނަ ޠޫފާން ކަމަށްވާ 'ބާވީ' ހޮނިހިރު ދުވަހު ޒެޖިއާންގް ޕްރޮވިންސަށް އެރުމާއެކު، ޗައިނާގެ ދެކުނާއި އިރުމަތީގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ބޯކޮށް ވިއްސާރަކޮށްފައެވެ. މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި އާދީއްތަ ދުވަހު ވެސް ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ.
މި ވިއްސާރައާ ގުޅިގެން ޝަންހާއީ، ހަންގްޒޫ، އަދި ޖިއަންގްސޫ ޕްރޮވިންސްގެ ޗަންގްޒޫ އެއާޕޯޓާއެކު ޖުމްލަ 45 އެއާޕޯޓަކުން ވަނީ ވިއްސާރައިގެ އިންޒާރު ނެރެފައެވެ. ޝަންހާއީގެ ދެ އެއާޕޯޓުގެ ހިދުމަތްތައް ހުއްޓޭނެ ކަމަށް ބެލެވޭއިރު، އެ ސިޓީއަށް އަންނަ އަދި ފުރާ ފްލައިޓްތަކުގެ 30 އިންސައްތަ ކެންސަލްވާނެ ކަމަށް ލަފާކުރެވެއެވެ.
ވައިގެ ދަތުރުފަތުރުގެ އިތުރުން، އެއްގަމު ދަތުރުފަތުރަށް ވެސް މި ޠޫފާނުގެ އަސަރުކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ހައި-ސްޕީޑް ރޭލު ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ.






