ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯ ޕަވަރު ޕްރޮޖެކްޓް ކަމަށްވާ، ޗައިނާގެ 137 ބިލިއަން ޑޮލަރުގެ "މެޑޯގް ޑޭމް" އަޅަމުންދަނީ ބިމުގެ ފަށަލަ އެންމެ ނާޒުކު، އަދި ބިންހެލުންތައް ގިނައިން އަންނަ ހިމާލަޔަން ސަރަހައްދެއްގެ މަތީގައި ކަމަށް ޗައިނާގެ ސަރުކާރުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.
އިންޑިއާގެ އަރުނާޗަލް ޕްރަދޭޝް ބޯޑަރާ އެންމެ 50 ކިލޯމީޓަރު ދުރުގައި ބުރަހްމަޕުތުރާ ކޯރު (ޓިބެޓްގައި ޔާލުންގް ސަންގްޕޯ) ގެ މަތީގައި ޗައިނާއިން އަޅަމުންދާ މި ބިޔަ ޑޭމްއާ ގުޅޭގޮތުން ޗައިނާގެ ޖިއޮލޮޖިކަލް ސާވޭއާ ގުޅުންހުރި މާހިރުން ނެރުނު މި ރިޕޯޓަކީ އިންޑިއާގެ ސަރަހައްދުތަކަށް ވެސް ނުރައްކާ އޮތް ކަމުގެ އިންޒާރެކެވެ.
ސައުތު ޗައިނާ މޯނިންގް ޕޯސްޓްގައިވާ ރިޕޯޓެއް ބުނާގޮތުން، މި ޑޭމް ބިނާކުރަނީ "ޕައިޒެން ފޯލްޓް" ކިޔާ އެކްޓިވް ފޯލްޓް ލައިނެއްގެ ސީދާ މަތީގައެވެ. މިއީ 2.6 މިލިއަން އަހަރު ކުރިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ، އަދި 2017 ވަނަ އަހަރު ވެސް ބާރުގަދަ ބިންހެލުމެއް ގެނައި ފޯލްޓް ލައިނެކެވެ.
ދިރާސާކުރި ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، މި ފޯލްޓް ލައިންގެ ސަބަބުން ޑޭމްގެ ބިންގަލުގެ ވަރުގަދަކަން ކުޑަވެ، ބޮޑު ބިނާއެއް ހިފެހެއްޓުމުގެ ގާބިލުކަން އެ ބިމުގައި ނެތެވެ. "މި ޑޭމްއަކީ ޖިއޮލޮޖިކަލް ގޮތުން ބަލާއިރު ގޮވާނެ ވަގުތަކަށް ބަލަބަލައި އޮތް ބޮމެއް،" ދިރާސާގެ ހޯދުންތަކުން ދޭހަވެއެވެ.
60,000 މެގަވޮޓްގެ މި މަޝްރޫއަކީ ޗައިނާގެ 3 ގޯޖެސް ޑޭމްއަށްވުރެ ތިން ގުނަ ބޮޑު މަޝްރޫއެކެވެ. ދިރާސާގައި ބުނެފައިވަނީ، ޑޭމްގެ ފެންގަނޑު ފުރުމަށްފަހު، ފެން ގިނަވުމާއި ބިންހެލުންތަކުގެ ސަބަބުން ޑޭމް ވަށައިގެންވާ ފަރުބަދަތައް ވެއްޓި، ބޮޑެތި ބިންގަނޑު ކަހައިގެން ދިއުމުގެ ފުރުސަތު "އިންތިހާއަށް ބޮޑު" ކަމަށެވެ.
އިންޑިއާގެ މާހިރުން ދެކޭގޮތުގައި، ޗައިނާއިން ކޯރުގެ ފެން ދަތުރުކުރާ ގޮތް ބަދަލުކުރަން އުޅުމަކީ އޭގެ ޒާތުގައި އިންޑިއާއަށް ވުރެ ބޮޑަށް ޗައިނާއަށް ގެއްލުން ހުރި ކަމެކެވެ. ސަބަބަކީ ބުރަހްމަޕުތުރާ ކޯރުގެ ޖުމްލަ ފެނުގެ ހަމައެކަނި 10-15 ޕަސެންޓަކީ ޗައިނާ ފަޅިން އަންނަ ފެން ކަމަށްވުމެވެ.
އެހެންނަމަވެސް، މި ހޯދުންތަކުން އެނގެނީ ޗައިނާއިން ބޭނުންކޮށްގެން ފެން ހުއްޓުވުމަށްވުރެ، ނުރައްކާތެރިކަން ބޮޑީ ޖިއޮލޮޖިކަލް ހާލަތުގެ ސަބަބުން ޑޭމް ފެއިލްވެއްޖެނަމަ ވާނެ ގެއްލުން ކަމަށެވެ. 2033 ވަނަ އަހަރު މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި ޑޭމްއަކީ ސަރަހައްދީ ހަމަޖެހުމަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.







