މިއަހަރު އެއްލައްކައަށް ވުރެން ގިނަ ރޮބޮޓް ޗައިނާއިން އުފައްދާނެ

ޗައިނާގެ ސިނާޢަތާއި އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ވުޒާރާގެ ސައިންސާއި ޓެކްނޮލޮޖީއާ ބެހޭ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު ގަން ޝިއާއޯ ބިން ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި ޗައިނާގައި އިންސާނުންނާ ވައްތަރު ރޮބޮޓް އުފައްދާ މިންވަރު އެއްލައްކަ ޔުނިޓަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ޗައިނާގެ ޝިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް 2026″ އާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގަން ޝިއާއޯ ބިން ފާހަގަކުރެއްވީ، ޗައިނާގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެޕްލިކޭޝަންތަކާއި އެ ދާއިރާގެ ނިޒާމުތައް ކުރިއަރަމުން އައުމަކީ ރޮބޮޓް އުފެއްދުމުގެ ސިނާޢަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ޤައުމުގެ ތަރައްޤީގެ ފެންވަރު މަތިކުރުމަށް މަގުފަހިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޗައިނާގެ ސިނާޢީ ކުންފުނިތަކުގެ ތެރެއިން ކަނޑައެޅިފައިވާ ވަކި މިންވަރަކަށްވުރެ ވިޔަފާރީގެ ހަރަކާތްތައް ބޮޑު ކުންފުނިތަކުގައި އޭއައި އެޕްލިކޭޝަންތައް ބޭނުންކުރާ މިންވަރު މިހާރު 30% އަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި އޭއައި އިންޑަސްޓްރީއަށް އިންވެސްޓްކުރާ ނޭޝަނަލް އިންވެސްޓްމަންޓް ފަންޑުން، މި ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ އާ އީޖާދުތަކުގެ ތެރެއިން ގިނަ އީޖާދުތަކެއް މި ޖުލައި މަހުގެ 17 އިން 20 އަށް ޝަންހާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސް 2026″ ގައި ދައްކާލާނެއެވެ.

"އާޓިފިޝަލް އިންޓެލިޖެންސް ޕާޓްނާޝިޕް ފޯރ އަ ބްރައިޓާ ފިއުޗާ" މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގައި ފޯރަމްތަކާއި، އެގްޒިބިޝަންތަކާއި، އިންޮޝަން އިންކިއުބޭޓަރުތަކާއި، އަދި ހުނަރު ބަދަލުކުރުމުގެ ހަ ބައި ހިމެނޭނެއެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް 1100 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި 3000 އަށްވުރެ ގިނަ އުފެއްދުންތައް ދައްކާލާނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި މުޅި ދުނިޔެއަށް އަލަށް ތައާރަފްކުރާ 300 އަށްވުރެ ގިނަ އުފެއްދުން ހިމެނޭނެއެވެ.

ހިއްސާ ކުރައްވާ!