ޕާޓީއެއް ހިންގާޒާތަށް މި ހިންގަނީ ޕީއެންސީ އެކަނި: އަބްދުއްރަޙީމު

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބާއްވަމުންދާ އެތެރޭގެ އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާތަނަށް ފެނުނު އެންމެ ވާދަވެރި އަދި އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ އިންތިޚާބުކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މި އިންތިޚާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކަށާއި ދާއިރާތަކަށް ބޭނުންވާ އިސްވެރިން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބިޔަ އޮޕަރޭޝަނެކެވެ. މުޅި ރާއްޖޭގެ 131 ރަށެއްގައި ވޯޓު ފޮށިތައް ބަހައްޓައިގެން ކުރިއަށް ގެންދާ މި އިންތިޚާބުގައި 2،086 މަގާމަކަށް މީހުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 "މިހާރު ހަގީގަތުގައި ޕާޓީއެއް ހިނގާ ގޮތަށް އެހުރިހާ ވަސީލަތްތަކާއި އިންތިޒާމުތަކާއެކު ރާއްޖޭގައި ހިނގަނީ ޕީއެންސީއޭ ބުނާކަށް އަޅުގަނޑުމެން ޖެހިލުމެއް ނުވޭ،" ޢަބްދުއްރަޙީމް

އިންތިޚާބުގެ ކަންކަން ބެއްލެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއީ ޕީއެންސީގެ ލީޑާޝިޕަށާއި، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތަށް އެ ޕާޓީގެ މެންބަރުންގެ ހިތްތަކުގައި އޮތް ފުން އިތުބާރާއި ޔަގީންކަމުގެ ވަރުގަދަ ހެއްކެކެވެ.

"މިއީ އެހެން ޕާޓީތަކަށް ނަމޫނާއަކަށްވާނެ ފަދަ ހަރުދަނާ އިންތިޚާބެއް. ވެރިކަމުގައި އޮވެ، މިފަދަ ބޮޑު އިންތިޚާބެއް މިހާ އޮމާންކަމާއެކު ބާއްވަން ކެރުނީ ޕާޓީގެ ލީޑާޝިޕަށް އޮތް އިތުބާރުގެ ސަބަބުން،" ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއަކުން ވިލަރެސް ކުރަމުންދާ މި އިންތިޚާބުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަމަށާއި، މިހާތަނަށް އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް ޗެއާޕާސަން ވިދާޅުވިއެވެ. މަހެއްހާ ދުވަހުގެ ތައްޔާރީތަކަށްފަހު ކުރިއަށްދާ މި ވޯޓުލުމުގެ ކަންކަން ނިމިގެންދާއިރު، ޕީއެންސީ އިތުރަށް ހަރުދަނާވެ، ސިޔާސީ ގޮތުން ބާރުގަދަ ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ސިޔާސީ މަސައްކަތްކުރައްވާ އެހެން ޕާޓީތަކުން ވެސް ޕީއެންސީގެ މި އިންތިޚާބީ ނިޒާމުން ފިލާވަޅުތަކެއް ހާސިލްކޮށް، އެ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް ޢަބްދުއްރަޙީމް ގޮވާލެއްވިއެވެ.

ހިއްސާ ކުރައްވާ!