ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ސީދާ އެ މީހުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތަކަށް ޖަމާކުރުން ލާޒިމްކޮށް، "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" އަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިސްލާހު ގެނެސްފިއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންސާނީ ވަގުފާރި ހުއްޓުވުމާއި ކަޅު ފައިސާ ދައުރުވުމާއި މަނީ ލޯންޑަރިންގެ ނުރައްކާލުން ގައުމު ސަލާމަތްކުރުމަށްޓަކައި މީގެ އެތައް އަހަރެއް ކުރިން އަޅަން ޖެހިފައި އޮތް، ނަމަވެސް ނުކުރެވި ދެމިގެންގޮސްފައިވާ މުހިންމު ނިންމުމެކެވެ.
އަލަށް ގެނެވުނު އިސްލާހާއެކު، ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީޚުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ވަޒީފާދޭ އެންމެހައި ފަރާތްތަކުން މި އުސޫލަށް ހުރިހާ ބިދޭސީ މުވައްޒަފުންގެ މުސާރަ ބަދަލުކުރަންޖެހޭނެއެވެ.

ރާއްޖޭގައި ގާނޫނީ އިންތިޒާމުގެ ތެރެއިން ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުމަކީ 2016 ވަނަ އަހަރު ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އިސްލާހަކުން ވެސް ލާޒިމްކުރި ކަމެކެވެ. އޭރު އެ ކަން ގާނޫނުގައި ހިމެނުމުގެ މައިގަނޑު މަގުސަދަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ތިން ޕަސެންޓުގެ ރެމިޓެންސް ޓެކްސް ކަށަވަރުކުރުމެވެ. ނަމަވެސް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެ، އެ ފަރާތްތަކަށް ބޭންކު އެކައުންޓް ހުޅުވުމުގައި ދިމާވި ގޮންޖެހުންތަކާ ހުރެ، އެ ގާނޫނު ތަންފީޒުކުރުމާއި ޖޫރިމަނާކުރުން އޭރު އޮތީ ހުއްޓުމަކަށް އައިސްފައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ނުރަސްމީ އިގްތިސާދުގެ ތެރެއިން ނަގުދު ފައިސާއިން ބޮޑެތި އަދަދުތަކުން މުއާމަލާތްތައް ކުރެވި، ނުގަވާއިދުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ވަސީލަތްތައް ފުޅާވެގެންދިޔައެވެ. އިގްތިސާދީ ކުށްތަކާއި، މަނީ ލޯންޑަރިންގެ ނުރައްކާ ގައުމުގައި ބޮޑުވެގެންދިޔަ މައިގަނޑު އެއް ސަބަބަކީ ވެސް މާލީ ނިޒާމުގެ ތެރެއިން މި ފައިސާ ދައުރުނުވުމެވެ.
މިހާރު މި ގެނަސްފައިވާ ބަދަލަކީ، ސަރުކާރުން އިސްނަގައިގެން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އިމާރާތް ކުރުމުގެ މަސައްްކަތުގައި 2018 ވަނަ އަހަރުން ފެށިގެން ބަޔަކު މީހުން ހިންގާފައިވާ އިންސާނީ ވަގުފާރީގެ ޖަރީމާގައި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއަށް އެތެރެ ކުރި މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ހޯދާފައިޥާ ހައްލަށް އިތުރު ހަރުދަނާ ކަމެއް ގެނަސްދޭނެ ކަމެކެވެ. ބިިދޭސި މަސައްކަތްތެރިން ގާނޫނީ އިމުގެ ތެރެއަށް ފައްތައި، އެ ފަރާތްތަކުގެ މައުލޫމާތު މާލީ ނިޒާމާ ގުޅުވާލުމަށްފަހު އެޅި ހިކުމަތްތެރި ފިޔަވަޅެކެވެ.
މާލީ މުއާމަލާތްތައް ބޭންކިން ނިޒާމުގެ ތެރެއަށް ބަދަލުވުމުން:
- ކަޅު ފައިސާ ހުއްޓުވުން: ނަގުދު ފައިސާއިން ކުރެވޭ އެކިއެކި ޝައްކުކުރެވޭ މުއާމަލާތްތައް މަދުވެ، މާލީ ނިޒާމުގެ ސާފުކަން ކަށަވަރުވެގެންދާނެއެވެ.
- މަނީ ލޯންޑަރިން ކޮންޓްރޯލްކުރުން: ރާއްޖޭގައި އުފެދޭ ފައިސާ ބޭރަށް ދާ ގޮތާއި، އޭގެ މަސްދަރު ދެނެގަތުމުގެ ގާބިލުކަން ދައުލަތުގެ މާލީ އިދާރާތަކަށް ލިބިގެންދާނެއެވެ.
- އިންސާނީ ހައްގުތައް ރައްކާތެރިކުރުން: މުވައްޒަފުންނަށް ލިބެންޖެހޭ މުސާރަ ވަގުތުން ވަގުތަށް ލިބޭކަން ކަށަވަރުވެ، ވަޒީފާދޭ ފަރާތްތަކުން ބިދޭސީންގެ މާލީ ހައްގުތަކަށް އަރައިގަތުން ހުއްޓުވޭނެއެވެ.
މި ފިޔަވަޅަކީ ލަސްވެގެން އައި ނިންމުމެއް ނަމަވެސް، މިއީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ. ގަވާއިދު ތަންފީޒުކުރަން ފެށުމާއެކު، ރާއްޖޭގެ ބޭންކިން ނިޒާމަށް އިތުރު ހަރަކާތްތެރިކަމެއް އައިސް، ގައުމުގެ މާލީ ރައްކާތެރިކަން އަލުން އިއާދަވުމުގެ މަގު ފަހިވެގެންދާނެއެވެ.
މިމަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނީ ހޯމްލޭންޑް މިނިސްޓަރު އިންސާނީ ވަގުފާރީގެ މައްސަލައަށްވެސް މުހިންމުކަމެއް ދިނުމުންނެވެ.






