މަސްވެރިން ކިރުވި މަހަށް މި މަހުގެ މިހާތަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ހިނގަމުންދާ އޯގަސްޓު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވާފައިވާ މަހަށް، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން 20.2 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި މަސްވެރިން ކިރުވި މަހަށް ޖުމްލަ 20,214,445 (ވިހި މިލިއަން ދެ ލައްކަ ސާދަ ހާސް ހަތަރު ސަތޭކަ ސާޅީސް ފަސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ޖުމްލަ 1,008.15 ޓަނުގެ މަސް ކިރުވާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ކަޅުބިލަމަހެވެ. އެގޮތުން 985.55 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ މަހަށްވާ 19,718,040 (ނަވާރަ މިލިއަން ހަތް ލައްކަ އަށާރަ ހާސް ސާޅީސް) ރުފިޔާ ވަނީ އޮޑިވެރިންނާއި މަސްވެރިންނަށް ހަވާލުކޮށްފައެވެ. މީގެ އިތުރުން، އެ މުއްދަތުގައި ކިރުވި ބޮޑުކަންނެންޏަށް 496,405 (ހަތަރު ލައްކަ ނުވަދިހަ ހަ ހާސް ހަތަރު ސަތޭކަ ފަސް) ރުފިޔާ ދޫކޮށްފައިވެއެވެ.

މިފްކޯއިން ބުނި ގޮތުގައި، މަސްވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތަކާއެކު، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ލަސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުންފުނީގެ މާލީ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.

ހިއްސާ ކުރައްވާ!