ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރާއި ކުޅެ، ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ދިގު މުއްދަތަކަށް ނުފޫޒު ފޯރުވަމުން އައި މަހުޖަނުންގެ ބާރު ކުޑަކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ފައްޓަވާފައިވާ އިގްތިސާދީ އިސްލާހީ އެޖެންޑާއަށް ގޮންޖަހައި، ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން އިސްލާހީ ސިޔާސަތުތަކުގެ މިސްރާބު ބަދަލުކޮށްލުމަށް މަސައްކަތް ފަށައިފިއެވެ.
ވޭތުވެދިޔަ އެތައް އަހަރެއްގައި ރާއްޖޭގެ މާލީ އަދި ސިޔާސީ ނިޒާމު އޮތީ މަދު ރިސޯޓު ވެރިންތަކެއްގެ ނުފޫޒުގެ ދަށުގައެވެ. ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާއާއި ބޭރު ފައިސާގެ މުއާމަލާތްތަކާ މެދު ގޮތް ނިންމުމުގެ ބާރު އޮތީ ދައުލަތުގެ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތް މަދު ގުރޫޕެއްގެ އަތްމަތީގައެވެ. ނަމަވެސް، ރައީސް މުއިއްޒު ވަނީ މި ނުފޫޒުތައް ފަހަނައަޅައި، ގައުމީ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަސްޖެހުމަކާ ނުލައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައެވެ.
ސަރުކާރުގެ އެންމެ ފަހުގެ ނިންމުމަކީ ރިސޯޓުތަކަށް ލިބޭ ޖުމްލަ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކިން ނިޒާމަށް މާރުކުރުން ލާޒިމްކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމެވެ.
މިހާރު އޮންނަ އުސޫލުގެ ދަށުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމުގެ އިޚުތިޔާރު އޮތް އޮތުން އުވާލައި، 40 ޕަސެންޓު މާރުކުރުން ލާޒިމްކުރުގެ ސިޔާސަތެއް އެކަށައަޅާފައެވެ.
މިއީ "ތަހައްމަލުކުރެވޭނެ ވަރުގެ ކަމެއް ނޫން" ކަމަށް ބުނެ ނިންމުމުން، މަޓީން ވަނީ ބަޔާނެއް ނެރެފައެވެ.
މަޓީގެ ބަޔާނުގައި ރިސޯޓުތަކުން ތެލާއި، މުސާރައާއި، ލޯނުތަކާއި، ޓެކްސްތައް ޑޮލަރުން ދައްކަންޖެހޭ ކަމަށް ބުނެ އުޒުރުވެރިވި ނަމަވެސް، މިއީ ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކުގެ ބާރުކަނޑުވާލުމަށްޓަކައި ދައްކާ ބަހަނާއެއްގެ ގޮތުގައި އާންމު ރައްޔިތުން ސިފަކުރެއެވެ.
ރާއްޖޭގެ ރިސޯޓު ވިޔަފާރިއަކީ ބޭރުން ޑޮލަރު ވަންނަ ވިޔަފާރިއެއް ކަމުގައިވިނަމަވެސް 3 މަސް ވަންދެން ރާއްޖޭގެ ބާޒާރުން ސަޕްލައި މުދާ ނަގައި ބިލު ނުދައްކައި ދިގު މުއްދަތަކަށް ފައިސާ ހިފަހައްޓާ ވިޔަފާރިއެކެވެ. މާނައަކީ އެމީހުންނަށް ޑޮލަރު ލިބުނަސް އެމީހުން ބާޒާރު ވެސް ކޮންޓްްރޯލު ކުރެއެވެ. މި ޝަކުވާއަކީ އަހުމަދީބާޒާރުގެ ވިޔަފާރިތަކުގެ ކޮންމެ ދުވަހެއްގެ ޝަކުވާއެވެ.
މިނޫން އެހެން މައްސަލައެއްވެސް އާންމުން ފާހަގަ ކުރެއެވެ. އެއީ، ރިސޯޓުތަކުން ވިއްކާ ކޮޓަރިތަކުގެ ހުރިހައި ފައިސާއެއް ދިވެހި ރާއްޖެއަށް ނުވަންނަ މައްސަލައެެވެ.
- ރާއްޖޭގައި ފަތުރުވެރިކަމަކީ ގައުމީ އިގްތިސާދުގެ 26 ޕަސެންޓެވެ.
- މިއީ ޑޮލަރު ލިބޭ މުހިންމު ވަސީލަތެއް ކަމުގައިވިނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖެއިން ބޭރަށް އަހަރަކު 3.2 ބިލިއަން ޑޮލަރު ވަގަށް ދޮވެލައެވެ.
- ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓްތަކުގެ ތެރޭން 65 ޕަސެންޓަކީ 5 ތަރީގެ ލަގްޒަރީ ރިސޯޓްތަކުގެ ކެޓަގަރީގައި ހިމެނޭ ތަންތަނެވެ.
- 31 އިންސައްތައަކީ 4 ތަރީގެ ގިންތީގައި ހިމެނޭ ތަންތަނެވެ.
- 4 އިންސައްތައަކީ 3 ތަރީގެ ގިންތީގައި ހިމެނޭ ތަންތަނެވެ.
- މާނައަކީ 96 އިންސައްތަ ރިސޯޓު ހިމެނެނީ 4 އަދި 5 ތަރީގެ ގިންތީގައެވެ.
- ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހީންގެ ނިސްބަތަކީ 42 އިންސައްތައެވެ.
- ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ނިސްބަތަކީ 58 އިންސައްތައެވެ.
- ރިސޯޓްތަކުން އެމީހުންނަށް ބޭނުންވާ 85 އިންސައްތަ ބޭރުން އަމިއްލައަށް އިމްޕޯޓް ކުރެއެވެ. މާނައަކީ ދިވެހި ވިޔަފާރި ވެރިންނަށް ވިޔަފާރި ކުރުމަށް ފުރުސަތެއް ނުދެއެވެ. މި މަހުޖަނުންނަކީ ކަންމަތީ ފިހާރައިން ފެށިގެން މާޓްތައްވެސް ހިންގާ މީހުންނެވެ.
- ރިސޯޓްތަކުގެ 65 ޕަސެންޓް ބުޓުކްތަކަކީ ބޭރު މީހުންނަށް ކުއްޔަށް ދީފައިވާ ތަންތަނެވެ. މިއީ ޓޫރިޒަމް މިނިސްޓްރީން ބަލަން ބޭނުން ނުވާ ކަމެކެވެ!
- ރިސޯޓްތަކުގެ ސްޕާއާއި ޑައިވް ސެންޓަރތަކުގެ 52 ޕަސެންޓަކީ ބޭރު މީހުންނަށް ކުއްޔަށް ދީފައިވާ ތަންތަނެވެ.
- މާނައަކީ މި ގައުމުގައި ރިސޯޓު ހިންގައިގެން ދައުލަތަށާއި ރައްޔިތުންނަށް ލިބެންވާ މަންފާއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބެއެވެ.
ޒަމާނުއްސުރެ ރާއްޖޭގައި އުފެދޭ ޑޮލަރުގެ ބޮޑު ބައެއް ރާއްޖޭން ބޭރުގެ ބޭންކުތަކުގައި ބެހެއްޓުމަށްފަހު، ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރުގެ ތަދުމަޑުކަން އުފައްދައި، ކަޅު ބާޒާރުން ނުހައްގު މަންފާ ނެގުމުގެ ފުރުސަތު ބައެއް ވިޔަފާރިވެރިންނަށް އޮތީ ހުޅުވިފައެވެ.
ރޭސޯޓު އޮޕަރޭޓަރުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ސަރުކާރުގެ ތަހުގީގުތަކުން ސާބިތުވާއިރު، މަޓީން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މުޅި ސިނާއަތުގެ ބޮލުގައި އެ ތުހުމަތު އެޅުވުމަކީ އިންސާފެއް ނޫން ކަމަށް ބުނެފައެވެ. އަދި ކުރިން އެމްއެމްއޭއާއެކު ބޭއްވި ބައްދަލުވުންތަކުގައި މާރުކުރަންޖެހޭ މިންވަރު 10 ޕަސެންޓަށް ވުރެ އިތުރުނުކުރުމަށް އެދިފައިވާނެ ކަމަށް ވެސް މަޓީން ބުންޏެވެ.
ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުގެ މިސްރާބު ސާފެވެ. މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ގާނޫނަށް ގެންނަ އިސްލާހާއެކު ދައުލަތުގެ ރިޒާވް ވަރުގަދަވެ، އާންމު ރައްޔިތުންނަށް ބޭނުންވާ ޑޮލަރު ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
އާންމު ރައްޔިތުންގެ މާލީ ރައްކާތެރިކަމަށްވުރެ ބޮޑަށް، މަދު ވިޔަފާރިވެރިންތަކެއްގެ އަމިއްލަ މަންފާއަށް އިސްކަންދިނުމުގެ ސަގާފަތް ނައްތާލުމަށް ސަރުކާރުން ކުރާ މި މަސައްކަތުގައި މަޓީން ދެކޮޅުވެރިކަން ދައްކައި ރައީސްގެ ސިޔާސަތު ފޭލިކޮށްލުމަށް މަސައްކަތް ކުރުމަކީ ގައުމީ އިގްތިސާދަށްވުރެ އަމިއްލަ ބާރުދެމެހެއްޓުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތް ހާމަވެގެންދާ ކަމެކެވެ. ސަރުކާރުގެ ސިޔާސަތުތައް ސާބިތުކަމާއެކު ކުރިއަށްދާން ޖެހެއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ސިޔާދަތު އަލުން ދައުލަތުގެ އަތްމައްޗަށް ނެގުމަށް އެޅޭނު ތާރީހީ ފިޔަވަޅެކެވެ.

