ޗައިނާއިން އޭއައި ލޯބިވެރިންނާއި ވަރޗުއަލް އާއިލާގެ މެންބަރުން ބޭނުންކުރުން ހުއްޓުވަނީ

ޗައިނާގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން، އެކުންފުނިތަކުގެ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތަކުގައި ހިމެނޭ "އޭއައި ކެރެކްޓާ" ނުވަތަ އަމިއްލައަށް ބޭނުންގޮތަކަށް ސިފަ ބަދަލުކުރެވޭ ޓޫލްތައް މަޑުމަޑުން ނިވާލަން ފަށައިފިއެވެ. ބެއިޖިންގް ސަރުކާރުން އަލަށް އެކުލަވާލި ހަރުކަށި ގަވާއިދުތަކުގެ ސަބަބުން، އޭއައި މެދުވެރިކޮށް ހަދާފައިވާ ލޯބިވެރިންނާއި، ވަރޗުއަލް މަޖާޒީ ތިމާގެ މީހުން އަދި އަމިއްލަ އެކުވެރިންނަށް މިވަނީ ނިމުން އަންނަން ފަށާފައެވެ.

އަލީބާބާ އާއި ބައިޓްޑާންސް  އަދި ޓެންސެންޓް ފަދަ ބިޔަ ކުންފުނިތަކުން ވަނީ، އިންސާނުން ފަދައިން ވާހަކަދައްކާ އޭއައި އާ ބެހޭގޮތުން ޖުލައި 15 އިން ފެށިގެން ޢަމަލުކުރަން ފަށާ އައު ގަވާއިދުތަކަށް ފެއްތުމުގެ ގޮތުން، ޗެޓްބޮޓްތަކުގެ ކެރެކްޓާ ބަދަލުކުރާ ފީޗާތައް ނިވާލާނެކަން އިޢުލާންކޮށްފައެވެ. މީގެއިތުރުން، ނެޓްއީޒް ކްލައުޑް މިއުޒިކްގެ އޭއައި އެޕްލިކޭޝަން "މިއާއޯޝީ"  ޖުލައި 14 ގައި މުޅިން ބަންދުކުރަން ވަނީ ނިންމާފައެވެ.

ޗައިނާއިން އޭއައި އެކުވެރިން މަނާކުރަނީ ކީއްވެ؟

މި ސިސްޓަމްތަކުގެ އެހީގައި، އާދައިގެ ލިޔުމަކުން އޭއައި ބޮޓެއްގެ މިޒާޖާއި، ވާހަކަދައްކާ ރާގާއި، އޭގެ އަމިއްލަ ސިފަ ބަދަލުކޮށްލެވެއެވެ. މީގެ ސަބަބުން އެކަނިވެރިކަން ތަހައްމަލުކުރާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންގެ މެދުގައި މިފަދަ އޭއައި ލޯބިވެރިންނާއި އެކުވެރިން ވަރަށް ބޮޑަށް މަޤުބޫލުވެގެން ދިޔައެވެ.

ނަމަވެސް، ޗައިނާގެ ރެގިއުލޭޓަރުން ކަންބޮޑުވުން ފާޅުކުރަން ފެށީ، މިފަދަ އެޕްތަކުގެ ތެރޭގައި ބަދުއަޚުލާޤީ ވާހަކަތައް ދެކެވުމާއި، ގިނަދުވަސް ވަންދެން އޭއައިއާ ވާހަކަދެއްކުމުގެ ސަބަބުން ޔޫޒަރުން ހަގީގީ ދުނިޔެއާ ވަކިވެ، ނަފްސާނީ ގޮތުން ހަގީގަތް އޮޅޭ ހާލަތަކަށް ދާން ފެށުމުންނެވެ.

އައު ގަވާއިދުން މަނާކުރަނީ ކޮންކަންތައްތަކެއް؟

ޖުލައި 15 އިން ފެށިގެން ޢަމަލުކުރާ އައު ގަވާއިދުގެ ދަށުން:

  • ކުޑަކުދިންނަށް މަނާކުރުން: ކުޑަކުދިންނަށް އޭއައި މެދުވެރިކޮށް ލޯބިވެރިން ނުވަތަ އާއިލާގެ މެންބަރުން ފަދަ ވަރޗުއަލް ގާތް ގުޅުންތައް ފޯރުކޮށްދިނުން މުޅިން މަނާ ކުރެވޭނެއެވެ.
  • ބެލެނިވެރިންގެ ހުއްދަ: އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް އިންސާނުން ފަދައިން ވާހަކަދައްކާ އޭއައި ބޭނުންކުރެވޭނީ ބެލެނިވެރިޔާގެ ސީދާ ހުއްދަ ލިބިގެންނެވެ.
ހިއްސާ ކުރައްވާ!