ޗައިނާއަށް ބޭނުންވަނީ އަސްކަރީ ބާރު "ގުޑުވާނުލެވޭފަދަ ހިތްވަރެއް": ރައީސް ޝީ

ޗައިނާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި "ގުޑުވާނުލެވޭފަދަ ހިތްވަރެއް" ބޭނުންވާކަމަށް އެގައުމުގެ ރައީސް ސީ ޖިންޕިންގް ވިދާޅުވެއްޖެއެވެ. އަދި 1989 ވަނަ އަހަރު ޓިއަނަންމެން މައިދާނުގައި ސުލްހަވެރިކަމާއެކު މުޒާހަރާކުރި އާންމުންނާ ދެކޮޅަށް ކޮމިއުނިސްޓް ޕާޓީން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިންގި ވަރުގަދަ އޮޕަރޭޝަނަށް ޝީ ވަނީ ތައުރީފު ކުރައްވާފައެވެ.

ޝީ މިހެން ވިދާޅުވީ ޗައިނާގެ ކުރީގެ ރައީސް ޖިއަންގް ޒެމިންގެ އުފަންވިތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބީޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 1993 އިން 2002 އަށް ޗައިނާގެ ވެރިކަން ކުރެއްވި ޖިއަންގް ވަނީ 2022 ވަނަ އަހަރު އަވަހާރަވެފައެވެ. ޝީގެ މުހިންމު ޚިތާބު އަޑުއެއްސެވުމަށް ޗައިނާގެ ސިޔާސީ އެންމެ މަތީ ފަންތީގެ ވެރިންނާއި، ޕޮލިޓްބިއުރޯ ސްޓޭންޑިންގް ކޮމިޓީގެ އެންމެހައި މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޝީގެ ވާހަކަފުޅުގައި، ޗައިނާއަށް މިހާރު ދަތި އުނދަގޫ ދަނޑިވަޅަކާ ކުރިމަތިލާންޖެހިފައިވީ ނަމަވެސް، އެގައުމުން ކުރިއެރުން ހޯދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. "ގުޑުވާނުލެވޭފަދަ ހިތްވަރާއި އާދާޔާ ޚިލާފް ގާބިލުކަމާއެކު، އަހަރެމެން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކާ ސާބިތުކަމާއެކު ކުރިމަތިލާނަން. ގައުމީ ސިޔާދަތާއި، ސެކިއުރިޓީ އަދި ތަރައްގީގެ މަސްލަހަތު ހިމާޔަތްކޮށް، އިގްތިސާދީ އަދި އިޖުތިމާއީ ހަމަޖެހުމުގެ އާ ބާބެއް ލިޔާނަން،" ޝީ ވިދާޅުވިއެވެ.

45 މިނެޓަށް ދެމިގެންދިޔަ މި ތަގްރީރުގައި، 1989 ވަނަ އަހަރުގެ މެއި އަދި ޖޫން މަހު ޓިއަނަންމެން މައިދާނުގައި ޑިމޮކްރަސީއަށް އެދި ދަރިވަރުން ކުރި މުޒާހަރާތައް ރޫޅާލުމަށް ކޮމިއުނިސްޓް ޕާޓީން ނިންމި ނިންމުމަށް ޖިއަންގް ދެއްވި އެއްބާރުލުމަށް ޝީ ވަނީ ތައުރީފް ކުރައްވާފައެވެ. ޝީ ވިދާޅުވީ، އެ ސިޔާސީ ހަމަނުޖެހުމުގެ ތެރޭގައި ސެންޓްރަލް ކޮމިޓީން ނިންމި ރަނގަޅު ނިންމެވުންތަކަށް ޖިއަންގް ސާބިތުކަމާއެކު ތާއީދުކުރައްވައި، ހަމަޖެހުން ދެމެހެއްޓެވި ކަމަށެވެ.

1989 ގެ ޓިއަނަންމެން ހާދިސާއަކީ ޗައިނާގެ ސަރުކާރުން ވަރަށް ބޮޑަށް ސެންސަރުކުރާ، އަދި އާންމުކޮށް ބަހުސްކުރުން މަނާ މައުޟޫއެކެވެ. އެ ހާދިސާގައި ޗައިނާގެ ސިފައިން ޓޭންކުތައް ބޭނުންކޮށްގެން ސުލްހަވެރި މުޒާހަރާގެ ބައިވެރިންގެ ގާތަށް ހަމަލާދީ އެތައް ބަޔަކު މަރުވިކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!