އިންޑިއާގެ ޖަމުއިއްޔާތަކަށް ބޭރުން ފޮނުވާ ފައިސާ ގަވާއިދަށް ފެއްތުމަށް އެކުލަވާލާފައިވާ ފޮރިން ކޮންޓްރިބިއުޝަން ރެގިއުލޭޝަން އެކްޓް (އެފްސީއާރްއޭ) އަށް އިސްލާހު ގެނައުމަށް ހުށަހެޅިފައިވާ ބިލަކީ އެގައުމުގެ ސިޔާދަތީ ހައްގުތަކާއި އެތެރޭގެ ސަލާމަތްތެރިކަން ރައްކާތެރިކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އިޓަލީ-ކެނެޑާގެ ޖިއޯޕޮލިޓިކަލް އެނަލިސްޓަކު ބުނެފިއެވެ.
އިޓަލީގެ ޖިއޯޕޮލިޓިކަލް ޕްލެޓްފޯމް ފޯމިޝީގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ، ބޭރުގެ އެހީގައި ހިންގާ އެންޖީއޯތަކުގެ ފައިސާ ނުހައްގު ގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ކޮންމެ މިނިވަން ގައުމަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.
މި ތަހުލީލުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބޭރު ގައުމުތަކުން އެންޖީއޯތައް މެދުވެރިކޮށް ފޮނުވާ ފައިސާ ގައުމުގެ ދާޚިލީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށާއި، ގައުމީ މަސްލަހަތާ ދެކޮޅު ހަރަކާތްތަކަށް ހަރަދުކުރުން ހުއްޓުވުމަށް ގާނޫނީ އިންތިޒާމުތައް ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި މި ބިލާމެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، މިއީ ގައުމުގެ ސެކިއުރިޓީއާއި މިނިވަންކަން ދެމެހެއްޓުމަށް އެޅޭ ބޭނުންތެރި ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް އެކަން އެނަލިސްޓް ދިފާއުކޮށްފައިވެއެވެ.
އެފްސީއާރްއޭ އިސްލާހު ބިލު މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި ޕާލަމެންޓުގެ ޖޮއިންޓް ކޮމިޓީއަކަށް ފޮނުވާފައެވެ. މި އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ ގާނޫނީ އިމުގެ ތެރެއިން ހިންގާ އިޖުތިމާއީ އަދި ތައުލީމީ އެހީތަކަށް ހުރަސްއެޅުން ނޫން ކަމަށާއި، ހަމައެކަނި ޣައިރުގާނޫނީ އަދި ގައުމީ ސެކިއުރިޓީއަށް ނުރައްކާވާ ބޭރުން އަންނަ ފައިސާ ކޮންޓްރޯލްކުރުން ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.






