ދުފުން އިޝްތިހާރުކުރާ މައްސަލައިގައި ޝާހްރުކް، އަޖޭ އަދި ޓައިގަރއަށް ނޯޓިސް ފޮނުވައިފި

ސިއްހަތަށް ނުރައްކާތެރި އުފެއްދުންތައް އުފައްދާ ކުންފުނިތަކުގެ ބްރޭންޑްތައް އިޝްތިހާރުކުރުމާ ދެކޮޅަށް އިންޑިއާގައި ކުރިއަށްގެންދާ ފިޔަވަޅުގެ ތެރެއިން، މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޝާހްރުކް ޚާން، އަޖޭ ދޭވްގަން އަދި ޓައިގަރ ޝްރޯފްއަށް މަހާރާޝްޓްރާގެ ފުޑް އެންޑް ޑްރަގް އަޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ރަސްމީ ނޯޓިސް ފޮނުވައިފިއެވެ.

މި ފިލްމީ ތަރިންނަށް ނޯޓިސް ފޮނުވާފައިވަނީ "ސުޕާރީ" އަދި "ޕާން މަސާލާ" އުފައްދާ މަޝްހޫރު ކުންފުނިތަކުން ނެރޭ ކާފޫރުތޮޅި އަޅާފައިވާ ދުފުމުގެ ބްރޭންޑްތައް އިޝްތިހާރުކުރުމުގައި ބައިވެރިވާތީއެވެ. ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިއީ ސިއްހަތަށް ހާއްސަކޮށް ދުންފަތާއި އަނގަޔަށް ނުރައްކާތެރި އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި އޮޅުވާލައިގެން ދެވޭ އިޝްތިހާރުގެ އުސޫލުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

އެފްޑީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ޕާން މަސާލާ އަދި ސުޕާރީ ފަދަ ތަކެތި އިޝްތިހާރުކުރުމަކީ ގާނޫނީ ގޮތުން މަނާކަމަކަށްވާތީ، އެފަދަ ކުންފުނިތަކުން ކާފޫރުތޮޅި އަޅާފައިވާ ދުފުން ފަދަ އާންމު ކާބޯތަކެތީގެ ނަމުގައި އިޝްތިހާރު އުފައްދައިގެން އާންމުންގެ ސަމާލުކަން އަސްލު ބްރޭންޑަށް ހޯދުމަށް މަސައްކަތްކުރެއެވެ. މިއީ އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަމަށް ޒުވާނުންނާއި ކުޑަކުދިން އަހުލުވެރިކުރުވުމަށް މަގުފަހިވާ ކަމެއްގެ ގޮތުގައި އިދާރާތަކުން ދެކެއެވެ.

މި މައްސަލައިގައި ފޮނުވި ނޯޓިސްތަކުގައި، އެ ތަރިން އެފަދަ އިޝްތިހާރުތަކުގައި ބައިވެރިވާންޖެހޭ ސަބަބާއި، އާންމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ ބްރޭންޑްތައް އިޝްތިހާރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި މިކަމަށް ލިޔުމުން ޖަވާބުދާރީވުމަށްވެސް ވަނީ އެދިފައެވެ.

އިންޑިއާގެ ސިއްހީ ދާއިރާގެ މާހިރުންނާއި ކެންސަރުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ޑޮކްޓަރުން ވަނީ  ބޮޑެތި ސިޓީތަކުގައި މިފަދަ އިޝްތިހާރުތައް އާންމުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގައުމީ ފެންވަރުގައި މަގުބޫލުކަން ހޯދާފައިވާ ބޮޑެތި ތަރިން ވިޔަފާރި ފައިދާއަށް މިފަދަ އުފެއްދުންތައް އިޝްތިހާރުކުރުމުން، އާންމުންގެ މެދުގައި ސިއްހީ ނުރައްކާތަކަށް އޮންނަ ސަމާލުކަން ކުޑަވެގެންދާކަން މާހިރުން ފާހަގަކުރެއެވެ.

މީގެ ކުރިންވެސް އިންޑިއާގެ މަޝްހޫރު އެހެން ބައެއް ފިލްމީ ތަރިންނާއި ކްރިކެޓް ކުޅުންތެރިންނަށް މިފަދަ އިޝްތިހާރުތަކުގެ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ތަރިން ވަނީ އާންމުންގެ ނުރުހުމާ ގުޅިގެން އެފަދަ ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލައި، އާންމުންގެ ކިބައިން މާފަށްވެސް އެދިފައެވެ.

އެފްޑީއޭއިން ބުނެފައިވަނީ، މި މައްސަލައިގައި ފިލްމީ ތަރިންގެ ފަރާތުން ލިބޭ ޖަވާބަށް ބެލުމަށްފަހު، ގާނޫނީގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ. އަދި އާންމު ސިއްހަތަށް ގެއްލުންހުރި އުފެއްދުންތައް އިޝްތިހާރުކުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!